ENGLISH
07 ޖޫން 2026
އަފްޣާނިސްތާން ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ޕާކިސްތާނަށް
07 ޖޫން 2026
|
ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި އަފްޣާނިސްތާނާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް
އެންމެ މަޤްބޫލު
ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި އަފްޣާނިސްތާން ބަލިކޮށް، ފައިނަލުގެ ފުރަތަމަ ޖާގަ އަފްޣާނިސްތާނުން ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ޕާކިސްތާނުން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު، އެންމެ ކުރީގައި އޮންނަ ދެ ޓީމު ފައިނަލުގައި ބައްދަލުކުރާ ގޮތަށެވެ. މިއަދުގެ މޮޅާއެކު ފައިނަލުގެ ޖާގައެއް ޕާކިސްތާނަށް ކަށަވަރުވީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމަށް ލީގު ބުރުގެ އެއްވަނަ ކަށަވަރުވިއިރު، ދެވަނައިގައި އޮތް އަފްޣާނިސްތާނަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތިންވަނައިގައި އޮތް ބަންގްލަދޭޝްއަށް ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ރާއްޖެއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި މިރޭ ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާއިރު، ފައިނަލުގެ ފަހު ޖާގަ ހޯދުމުގެ ފުރުސަތު އޮތީ ބަންގްލަދޭޝް އާއި އަފްޣާނިސްތާނަށެވެ. އެކަމަކު އަމިއްލަ ބާރުގައި މިރޭގެ މެޗު ކާމިޔާބުކޮށްގެން ބަންގްލަދޭޝްއަށް ފައިނަލުގެ ފަހު ޖާގަ ކަށަވަރުކުރެވޭނެއެވެ.
ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި އަފްޣާނިސްތާނާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް
މި މުބާރާތުގައި މިއަދު ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ޕާކިސްތާނުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ޝަޔަކް ދޯސްތު ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އުމަރު ނަވާޒެވެ. އޭގެ ފަހުން މި މެޗުގެ ފުރަތަމަ ހާފުގައި މާ ގިނަ ހަމަލާތަކެއް ފެނިފައި ނުވާއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހިލޭ ޖެހުމަކުން އަފްޣާނިސްތާނުގެ ކެޕްޓަން އޮމިދު ޕޮޕަލްޒޭ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި އެންމެ ފުރަތަމަ ހުސް ފުރުސަތެއް ލިބުނީ ޕާކިސްތާނަށެވެ. އެގޮތުން މެޗުގެ 61 ވަނަ މިނެޓުގައި އެ ޓީމުގެ އަލީ އާޣާ ހުހަށްހުރެ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން މެޗުގެ 73 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އަފްޣާނިސްތާނުގެ އޮމިދު މުސާވީ ފޮނުވާލި ހަމަލާއެއް ޕާކިސްތާނުގެ ގޯލްކީޕަރު ޔޫސުފް އިޖާޒް ބަޓް ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގައި ޕާކިސްތާނުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އާދިލް ނަބީ ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން އެރި ހާރޫން ހާމިދެވެ. އޭގެ އިރުކޮޅެއް ފަހުން އަފްޣާނިސްތާނުގެ ކެޕްޓަން އޮމިދަށް ރެފުރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ރީނދޫ ކާޑެއް ދެއްކި ފަހުން ރެފުރީއަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.
މިއީ 2015 ވަނަ އަހަރުގެ ފަހުން އަފްޣާނިސްތާން އަތުން ޕާކިސްތާން މޮޅުވި ފުރަތަމަ މެޗެވެ. އެގޮތުން އެ އަހަރު ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުން ޕާކިސްތާން މޮޅުވިއިރު، އޭގެ ފަހުން މިދިޔަ އަހަރު އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި މި ދެ ޓީމު ބައްދަލުކުރި ދެ މެޗުވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި އެންމެ ފަހުން ޕާކިސްތާން އަތުން އަފްޣާނިސްތާން މޮޅުވެފައިވަނީ 2013 ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުންނެވެ.
މި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި މިރޭ ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ފަށާނީ 21:00 ގައެވެ.