ENGLISH
06 ޖޫން 2026
ރާއްޖޭގެ ކްރެޑިޓް ރޭޓިން ފިޗުން ދަަށްކުރީ ކޮވިޑާ ގުޅިގެންނެއް ނޫން، ނެގި ދަރަނިތަކުގެ ސަބަބުން: ތަރުޖަމާނު
06 ޖޫން 2026
|
ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރުމަށް ރާއްޖޭގެ ކްރެޑިޓު ރޭޓިން ހަދާ އެޖެންސީތަކުން ނިންމީ އެއްވެސް ހާލެއްގައި ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެން ކުރަންޖެހުނު ހަރަދުތަކުގެ ސަބަބުން ނޫންކަމަށާއި، އެއީ ނެގި ދަރަންޏާއި ފައިސާ ހަރަދުކުރި ޣައިރު ޒިންމާދާރު ގޮތުގެ ސަބަބުންކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަަށް ޖަވާބުދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ކޮވިޑާ ގުޅިގެން ހިލޭ އެހީއާއި ލުއި ދަރަނީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބުނު ކަމަށެވެ. އަދި އެއިރު ސަރުކާރުން ނެގި ދަރަނީގެ ތެރެއިން ކޮވިޑާ ގުޅުންހުރި ކަންކަމަށް ހަރަދުކުރި ނިސްބަތަކީ ވަރަށް ކުޑަ މިންވަރެއް ކަމެއްކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
އިންޑިޔާއިން 2019 ވަނަ އަހަރު ނެގި 200 މިލިއަން ޑޮލަރާއި، ސުކޫކު ވިއްކައިގެން ނެގި 500 މިލިއަން ޑޮލަރުގެ ދަރަނީގެ އިތުރަށް، ދައުރު ނިމެން ކައިރިވެފައިވަނިކޮށް ނެގި ދަރަނިތަކާއި، ޗާޕުކޮށްގެން ނެރުނު ފައިސާ ބޭނުންކުރީ އިގުތިސާދު ކުރިއަރުވަންތޯ ސުވާލުކުރައްވަމުން މުންދު ވިދާޅުވީ މިސަރުކާަރު ހަވާލުވިފަހުން ފިޗު ރޭޓިން ދަށްކުރީ އެއިރު ދަރަނީގެ ހާލަތު އޮތް ގޮތާއި، ދަރަނި އަދާކުރުމަށް އަޅަންޖެހުނު ފިޔަވަޅުތައް ފަދަ ކަންކަމުގެ ސަބަބުން ދަށްކުރި ކުރުމެއް ކަމަށެވެ.
"ދަށްވި ދަށްވުމަކީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ދަށްވި ކަމެއް ނޫން. އެއީ އަޅުގަނޑުމެން ހަވާލުވިއިރު ދަރަނި އޮތް މިންވަރު، ދަރަނި އަދާކުރަން އަޅަންޖެހުނު ފިޔަވަޅުތަކާއި އެފިޔަވަޅުތަކުގެ ބޮޑުކަން އަދި ދަރަނި ނަގާފައި އޮތް ގޮތްވެސް މުހިއްމުވޭ. ދަރަނި އެކަށައެޅިފައިހުރި ވަގުތުތައްވެސް ވަރަށް މުހިއްމު. ވަރަށް ގިނަ ދަރަނިތައް ދައްކަން ހުރީ ފައްތަރުވާ ގޮތަށް،" މުންދު ވިދާޅުވިއެވެ.
ތަރުޖަމާނު ފާހަގަަކުރެއްވީ 2026 ވަނަ އަހަރުގައި ދަރަނި އަދާކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ގޮތަށް ފާހަގަކުރެއްވުނު ކަމަށެވެ. ސަބަބަކީ ފައްތަރުވާ ގޮތަށް ދަރަނި ދެއްކުމުގެ މުހުލަތުތައް ތާވަލުވެފައި ހުރުންކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ އެކަމުގެ ސަބަބުން ސަރުކާރަށް ޖެހުނީ ގައުމުތަކާ ވާހަކަދައްކައިގެން ދަރަނި އަދާކުރުން ފަސްކުރަން ކަމަށެވެ. އެކަމުގައި ކާމިޔާބުތައް ހާސިލުކޮށް ފަސްނުކުރެވުނު ދަރަނިތައް އަދާކޮށް ނިންމައިލެވުނު ކަމަށް ވިދާޅުވިއެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ގިނަ އެހީތައް ލިބުނުކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ އެއިރުގެ ކަންބޮޑުވުން ގުޅުނީ މާލީ ސިޔާސަތުތަކާ ކަމަށެވެ. އެގޮތުން ފައިސާ ޗާޕުނުކުރުމަށް އެއިރުގެ އިދިކޮޅު ޕާޓީން އަދި ބޭރުގެ މާލީ އިދާރާތަކުން އިލްތިމާސްކުރަމުންދިޔައިރު ގިނަ އަދަދެއްގެ ފައިސާ ޗާޕުކުރުމާއެކު، ވެރިކަން ނިމެންދިޔަ ވަގުތުގައިވެސް ބޮޑެތި ދަރަނިތައް އެއިރުގެ ސަރުކާރުން ނަގާފައިވާ ކަމަށެވެ.
މުންދު ވިދާޅުވީ ފިޗުގެ ރޭޓިންއަކީ ކުރެވުނު މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކާމިޔާބެއްކަމުގައިވީ ނަމަވެސް ހަގީގީ ކާމިޔާބަކީ ބަޖެޓުގެ ތެރެއިން ހަރަަދުތައް ހަމަޖެއްސުމާއި، ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަންނުޖެހި ސަލާމަތްވުން ކަމަށެވެ. އަދި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުން ކަމަށެވެ.