ENGLISH

06 ޖޫން 2026

Advertisement

"މަޝްވަރާ އޮން ޗައިލްޑް ރައިޓް" ހުޅުވުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަތުން

06 ޖޫން 2026

|

ޢަލީ ޝަހީމް

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވެވި، ޤައުމީ ކުޑަކުދިންގެ ދުވަހުގެ "މަޝްވަރާ" ފޯރަމް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިފްތިތާޙްކޮށްދެއްވައިފި. 

މި ޙަފްލާ އޮތީ 04 ޖޫން 2026 ވަނަ ދުވަހު. 

"މަޝްވަރާ އޮން ޗައިލްޑް ރައިޓް" ހުޅުވުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ޙަފްލާގައި ވާހަކަފުޅުދައްކަވަމުން، ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ކުރެވޭ ޤަޢުމީ މަޝްވަރާގެ ޙަޤީޤީ ނަތީޖާ ފެންނާނީ، ހަމައެކަނި ދެކެވޭ ވާހަކައަކުން ނޫން ކަމަށާއި، ހަމައެއާއެކު، އެ މަޝްވަރާތައް ނިންމާލުމަށްފަހު ޢަމަލީ ގޮތުން ގެނެވޭ ހެޔޮ ބަދަލުތަކުން ކަމުގައި އެކަމަނާ ވިދާޅުވި. 

"މަޝްވަރާ އޮން ޗައިލްޑް ރައިޓް" ހުޅުވުމުގެ ޙަފްލާގެ ތެރެއިން. މި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވި ގޮތުގައި، ކުދިންނަށް އަޅާލުމަކީ ހަމައެކަނި އެކުދިންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުން އެކަނި ނޫން ކަމަށް. 

ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

އެކުދިންގެ ވިސްނުން ތަރައްޤީކުރުމާއި، ޚުލްޤު ހެޔޮ ދަރީންތަކަކަށް އެކުދީން ހެދުމުގެ އިތުރުން، އެކުދީންގެ ހިތްތަކުގައި އީމާންތެރިކަމާއި، ހަމްދަރުދީއާއި، ސާބިތުކަން އަށެގެންނެވުމަށް މަސައްކަތް ކުރުމަކީވެސް އެކަމުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި އެކަމަނާ ވިދާޅުވި. 

"މަޝްވަރާ އޮން ޗައިލްޑް ރައިޓް" ހުޅުވުމުގެ ޙަފްލާގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ކުދިންނަށް ކުރިމަތިވާ އަނިޔާއާއި، އިހުމާލުވުމާއި، ނަފްސާނީ ތަކްލީފުތަކަކީ ގިނަ ފަހަރަށް ހަނުހިމޭންކަމުގެ ތެރޭގައި ހިނގާ ކަންކަން ކަމުގައި ފާހަގަކުރައްވާ، މުޖުތަމަޢުތަކުން އަބަދުވެސް ފާރަވެރިވެ ތިބުމަށާއި، ކުދީންގެ ވާހަކަތައް ކަނުލާ އެހުމަށާއި، ކަންބޮޑުވުމެއް އުޅޭނަމަ އެކަމަކަށް ފިޔަވަޅު އެޅުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބާރުއެޅުއްވި.

"މަޝްވަރާ އޮން ޗައިލްޑް ރައިޓް" ހުޅުވުމުގެ ޙަފްލާގައި ވަޒީރު ގީލާ ޢަލީ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ޑިޖިޓަލައިޒޭޝަނުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، ޑިޖިޓަލް މާހައުލުގައި ކުދިންނަށް ޒިންމާދާރުކަމާއެކު މަގުދައްކައިދިނުމަށް މައިންބަފައިންނަށާއި، ބެލެނިވެރިންނަށާއި، ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިންނަށް އެކަމަނާ ގޮވާލެއްވި.

"މަޝްވަރާ އޮން ޗައިލްޑް ރައިޓް" ހުޅުވުމުގެ ޙަފްލާގެ ބައެއް ބައިވެރިން. ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި، ކުޑަކުދިންގެ ޙައްޤުތަކާއި ތަރައްޤީއަށް ޚާއްޞަކޮށްގެން ތައްޔާރު ކުރެވިފައިވާ މަޖައްލާ އިފްތިތާޙްކޮށްދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވިދާޅުވީ، މިފަދަ މަސައްކަތްތަކަކީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ކުޑަކުދިން ރައްކާތެރިކޮށް އެކުދިންނަށް އެހީތެރިވުމަށް މުޖުތަމަޢުގެ ގާބިލުކަން އިތުރުކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަންކަން ކަމަށް. 

ކިޔުންތެރިންގެ ހިޔާލު