ENGLISH
06 ޖޫން 2026
ބައި-އިލެކްޝަނުގެ ވޯޓުލުން ފެށިތާ ދެގަޑިއިރު؛ ވޯޓުލާން ނިކުތީ 12.86 އިންސައްތަ މީހުން
06 ޖޫން 2026
|
ކުރީގެ އިންތިހާބެއްގެ ވޯޓުލުމުގެ ތެރެއިން، ފޮޓޯ: ދިޔަރެސް
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލާން ފެށިތާ ދެގަޑިއިރު ފާއިތުވެގެންދިޔައިރު ވޯޓުލާން ނުކުމެފައިވަަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އާބާދީގެ އެންމެ 12.86 އިންސައްތަ މީހުންކަން އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަދު ކުރިއަށްދާ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގެ ވޯޓުލުން ފެށުނީ ހެނދުނު 8:00 ގައެވެ. މި އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާއިރު، މި އިންތިހާބުގައި އައްޑޫގައި ފަސް ފޮށި އަދި މާލޭގައި ދެ ފޮށި ވޯޓުލުމަށް ބަހައްޓާފައިވެއެވެ.
މިއިންތިހާބުގައި 4،121 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 2،073 އަންހެނުންނާއި، 2048 ފިރިހެނުންނެވެ. ހެނދުނު 10:00 އާހަމައަށް ވޯޓުލީ 530 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 12.86 އިންސައްތަ މީހުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ހިސާބުތަކަށް ބަލާއިރު މިހާތަނަށް އެންމެ ގިނައިންް ވޯޓުލީ ފިރިހެނުންނެވެ. އެގޮތުން 288 ފިރިހެނުން ވޯޓުލުމަށް ނިކުމެފައިވާއިރު، 244 އަންހެނަކު އިންތިހާބުގައި ވޯޓުލާފައިވެއެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ދެ ޕާޓީކަމަށްވާ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެނޑިޑޭޓު އައްޑޫ ސިޓީ ކައުންސިލުގެ ކުރީގެ މެންބަރު އަހްމަދު ސައީދު (ސޮޑާ)އާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)އެވެ.
ހިތަދޫ މެދު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މަޖިލިސް މެންބަރުކަމަށް 2024 ވަނަ އަހަރު އިންތިހާބުވެވަޑައިގެންނެވި މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައި އޭނާގެ މެންބަރުކަމުގެ ޝަރުތު ފުރިހަމަނުވާކަމަށް ނިންމުމުންނެވެ.