ENGLISH
06 ޖޫން 2026
ހޮރްމުޒު ކަނޑުއޮޅި ބަންދުކުރުން؛ ދުނިޔެއަށް ދައްކަންޖެހިފައި އޮތް ބޮޑު ބިލު
06 ޖޫން 2026
|
އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯއެއް، ފޮޓޯ: ޖެމިނައި
އެންމެ މަޤްބޫލު
އީރާނާއި އެމެރިކާގެ މެދުގައި ހިނގަމުންދާ ހަނގުރާމައާއި މިވަގުތު ހަމަލާތައް ބަދަލުކުރުން ވަގުތީ ގޮތުން ހުއްޓާލާފައި އޮތް އޮތުމާއި، ދެ ގައުމުގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކުގެ ފަލަސުރުހީތައް ބައިނަލްއަގުވާމީ މީޑިޔާ ހިސޯރުކޮށްފައި އޮތްއިރު، މިހަނގުރާމައިގެ ތެރެއިން އީރާނުން އެޅި އިސްތިރާޖީ މުހިއްމު ފިޔަވަޅެއްގެ ސަބަބުން، ހިމޭންކަމާއެކު ފެތުރެމުން އަންނަ ބޮޑު އޮއިވަރެއް ދުނިޔޭގެ ތެެރެއަށް ރަނގަޅަށް ފެތުރިއްޖެއެވެ. އެއީ ހޮރްމުޒް ކަނޑުއޮޅި ބަންދުކުރަން ނިންމި ނިންމުމެވެ. އެނިންމުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އިގުތިސާދަށް ކުރިމަތިލާންޖެހިފައިވާ ލޮޅުންތަކެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމުުން ސިފަކުރާ ގޮތުގައި ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާއި އެނިންމުމަށް ވާސިލުކުރި ހަނގުރާމައަކީ ދުނިޔޭގެ އިގުތިސާދީ އޮނިގަނޑަށް ކުރިމަތިވި ލޮޅުމެކެވެ. އަދި އެލޮޅުން ކުރިމަތިވި ވަގުތަކީ ދުނިޔެ ޖިއޯޕޮލިޓަކަލް ނުވަތަ ބައިނަލްއަގުވާމީ ސިޔާސީ ނާޒުކު ހާލަތެއް ކަނޑައްތުކުރާ ވަގުތެއްގެ ގޮތުގައި އެފޯރަމުން ސިފަކުރެއެވެ.
ނިއުޅެމުންދާ އިގުތިސާދީ ކާރިސާގެ ނާރެހުގައި އޮތީ ހޮރްމުޒް ކަނޑުއޮޅިއެވެ. އީރާނާއި އޮމާނުގެ ދެމެދުގައި އޮންނަ ހަނި ކަނޑުއޮޅިއަކީ ދުވާލެއްގެ މައްޗަށް ވިހި މިލިއަނެއްހައި ތެޔޮ ފީފާ އެކަނޑުއޮޅިއެއް ހުރަސްކޮށް ބައިނަލްއަގުވާމީ ބާޒާރަށް ނެރެމުންދިޔަ މުހިއްމު ކަނޑުގެ މަގެކެވެ. އަދި ދުނިޔޭގެ ދިޔައި ތަބީއީ ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރަމުންއައީ މިކަނޑުއޮޅި ހުރަސްކޮށެވެ.
މާޗު މަހުން ފެށިގެން އީރާނުން މިކަނޑުއޮޅި ބަންދުކޮށްފައި އޮންނަ އޮތުމާ ގުޅޭ ގޮތުން ފައިނޭންޝަލް ޓައިމްސްގައި ޝާއިއުކުރި ލިޔުމެއްގައި ނޯބަލް ޕްރައިޒް ކާމިޔާބުކުރައްވާފައިވާ އިގުތިސާދީ މާހިރު ސިމަން ޖޯންސް ވިދާޅުވި ގޮތުގައި ކަނޑުއޮޅި ބަންދުކުރުމުން ދުނިޔޭގައި ތެލާއި ގޭހަށް އޮތް ޑިމާންޑާއި ބާޒާރަށް ތެލާއި ގޭސް ނެރެވޭ މިންވަރުގެ މެދުގައި އުފެދޭ ފަރަގަކީ އެހެން އެއްވެސް ދިމާލަކުން ފޫބެއްދޭ މިންވަރަށްވުރެ ބޮޑު ފަރަގެކެވެ.
ހަނގުރާމަ ފެށުމާއެކު ތެލުގެ އަގު އިންތިހާއަށް މަތިވިއެވެ. ހަނގުރާމައިގެ ކުރިން 70 ޑޮލަރުގައި ހުރި ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރާ ހަމައަށް މަތިވިއެވެ. ސާފުނުކުރާ ތެލުގެ އަގުގެ ގޮތުގައި އިގުތިސާދީ މާހިރުން އާއްމު ގޮތެއްގައި ބޭނުންކުރައްވަނީ ކްރޫޑް އޮއިލް ފިއުޗާސް ޕްރައިސިން ނުވަތަ މުސްތަގުބަލުގައި ތެޔޮ ލިބޭނެކަމަަށް ލަފާކުރެވޭ އަގެވެ. އެ އަގު 100 ޑޮލަރުގައި ހުރި ނަމަވެސް މިވަގުތު އޭޝިޔާ ބައްރުގެ ގިނަ ގައުމުތަކުން ސާފުނުކުރާ ތެޔޮ ގަންނަނީ 120 ޑޮލަރަށެވެ. އަދި ސާފުކޮށްފައި ހުރި ތެޔޮ ގަންނަންޖެހޭ ގައުމުތަކަށް ތެޔޮ ލިބެނީ އެއަށްވުރެ ބޮޑު އަގުގައެވެ.
އިގުތިސާދީ މާހިރުން އަންދާޒާކުރައްވާ ގޮތުގައި ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ އަދި ހޮރްމުޒް ބަންދުކޮށްފަައި އޮންނަ އޮތުން ދިގުދެމިއްޖެނަމަ މުސްތަގުބަލުގައި ތެލުގެ އަގު ފީފާއަކަށް 130 ޑޮލަރަށްވުރެ މައްޗަށް އަރާނެއެވެ. އަދި ބައެއް މާހިރުން ވިދާޅުވަނީ އެ އަގު 150 ޑޮލަރުން މަތިވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހާލަތުގައި ދުނިޔޭގެ އިގުތިސާދު ރިސެޝަނަކަށް ނުވަތަ އަޑިއަޅައިލުމަކަށް ވެއްޓޭނެކަމަށް ލަފާކުރެވެއެވެ.
ހޮރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮތުމުގެ އަސަރު ދުނިޔޭގެ އެކި ސަރަހައްދުތަކަށް ކުރަނީ އެކި މިންވަރަަށެވެ. އެމެރިކާއަށް ބޭނުންވާ މިންވަރަށް އަދި އެކްސްޕޯޓުކުރެވޭ މިންވަރަށް އެގައުމުގައި ތެޔޮ އުފެއްދި ނަމަވެސް އޭޝިޔާ ބައްރުގައި އެފަދަ ގާބިލުކަމެއް ނެތެވެ. އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރު ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް ބޭރުވި ސާފުނުކުރާ ތަލުގެ 84 އިންސައްތަ އަދި ތަބީއީ ގޭހުގެ 83 އިންސައްތަ ބޭރުކުރީ އޭޝިޔާގެ ބާޒާރުތަކަށެވެ.
ހޮރްމުޒުން 2024 ވަނަ އަހަރު ބޭރުކުރި ތެލުގެ 70 އިންސައްތަައާ ގާތްކުރާ މިންވަރެއް ބޭނުންކުރީ ޗައިނާއާއި ދެކުނު ކޮރެއާއާއި ޖަޕާނުންކަމަށް އެމެރިކާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އޭޝިޔާ ގައުމުތަކުގެ ތެރެއިން ޖަޕާނުން އެތެރެކުރި ތެލުގެ 90 އިންސައްތަަ ތެޔޮ އެތެރެކުރީ މެދުއިރުމަތިންނެވެ. އެއިން ބޮޑު މިންވަރެއް އެގައުމާ ހަމައަށް ވާސިލުވީ ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރުމަށްފަހުއެވެ. އެހެންކަމުން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ނުރައްކާ އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ޖަޕާނު ހިމެނެއެވެ. ދެކުނު ކޮރެއާއިން އެތެރެކުރި ސާފުނުކުރާ ތެލުގެ 70 އިންސައްތައަށްވުރެ ބޮޑު މިންވަރެއް އެތެރެކުރީ މެދުއިރުމަތިންނެވެ. އިންޑިޔާއަކީވެސް މެދުއިރުމަތިން ގިނަ އަދަދަކަށް ތެޔޮ އެތެރެކުރާ ގައުމަކަށްވާއިރު އިންފުލޭޝަން މަތިވުމައި، ރުޕީގެ ބާރު ދަށްވުންފަދަ އެތައް ކަމެއްގެ ސަބަބުން އެގައުމުގެ އިގުތިސާދީ ކުރިއެރުން މަޑުޖެހޭނެކަމަށް އިންޑިޔާގެ ރަސްމީ އިދާރާތަކުން އަންދާޒާކުރެއެވެ.
އޭޝިޔަން ޑިވެލޮޕްމެންޓު ބޭންކް (އޭޑީބީ)އިން ބުނެފައިވަނީ އޭޝިޔާ ބައްރުގެ ބޮޑެތި ގައުމުތަކަށް ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ނޭދެވޭ އަސަރުކުރާއިރު އެންމެ ބޮޑަށް ފިތިގެންދާނީ އަލަށް ތިލަވަމުންދާ (އިމާޖިން) މާކެޓުތަކުގެ ގޮތުގައި ފާހަގަކުރެވޭ ގައުމުތަކެވެ. ވިއެޓްނާމާއި ތައިލޭންޑާއި ޕާކިސްތާނާއި ސްރީލަންކާ ފަދަ ގައުމުތަކަަށް މި ހަނގުރާމައިން ކާރިސީ ގެއްލުންތަކެއް ކުރިމަތިވުމުގެ ފުރުސަަތު ބޮޑުކަމަށް އޭޑީބީން ލަފާކުރެއެވެ.
ރަޝިޔާއިން ޔޫކުރެއިނަށް އެރުމާއެކު ރަޝިޔާއިން ގޭހާއި ތެޔޮ ގަތުން ހުއްޓާލައި، ރަޝިޔާއިން ގަންނަމުން އައި ތެލާއި ގޭސް މެދުއިރުމައްޗާއި އެނޫން މަސްދަރުތަކުން ހޯދަން ފަށާފައިވަނިކޮށް، ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން މެދުއިރުމަތިން ކުރިން ލިބުނު ތެލާއި ގޭހުގެ ބޮޑު އަދަދެއް ލިބޭނެ މަގު ޔޫރަޕަށް ބަންދުވެފައިވެއެވެ.
މިޑްލް އީސްޓް ކައުންސިލް އޮން ގްލޯބަލް އެފެއާސްގެ ސީނިއާ ފެލޯ ފްރެޑްރިކް ޝްނައިޑާ ބްލޫމްބާގްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރަޝިޔާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގުތައް އުފުލި އެކަމުގެ ބުރަ ޔޫރަޕުގެ ސިނާއަތްތަކުން ތަހައްމަލުކުރަމުންދަނިކޮށް ހޮރްމުޒް ބަންދުކުރުމުގެ ސަބަބުން އިތުރު ތަކުލީފުތަކެއް ޔޫރަޕުގެ އިގުތިސާދުތަކަށް ތަހައްމަލުކުރަންޖެހިފައިވާ ކަމަށެވެ.
ޗަތަމް ހައުސްގެ އިގުތިސާދީ މާހިރުން އަންދާޒާކުރައްވާ ގޮތުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 130 ޑޮލަރުގައި ހުރެ ގިނަ ދުވަސްތަކެއްވެއްޖެނަމަ މިއަހަރުގެ ދެވަނަ ބައިގައި ޔޫރަޕުގެ އިގުތިސާދީ ކުރިއެރުން ނިމުނު އަހަރަށްވުރެ 0.5 އިންސައްތަ މަޑުޖެހޭނެއެވެ. އަދި ޔޫރަޕުގެ އިގުތިސާދު ބަލިކަށިވަމުންދާ ހާލަތެއްގަައި އިންޓަރެސްޓު ރޭޓުތައް ބޮޑުކުރަން ޔޫރަޕުގެ މަރުކަޒީ ބޭންކަށް މަޖުބޫރުވެދާނެއެވެ.
ހަކަތައިގެ ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކަށް މީޑިޔާއާއި ސަރުކާރުތަކުގެ ބޮޑު ސަމާލުކަމެއް ހުއްޓިފައި އޮތަސް، ތަރައްގީއާ ބެހޭ އިގުތިސާދީ މާހިރުން ވިދާޅުވަނީ ހޮރްމުޒު ބަންދުކޮށްފައި އޮތުމުން ދިގުރާސްތާގައި އެންމެ ބޮޑު ނުރައްކަލެއް އޮތީ ދުނިޔޭގެ ކާބޯތަކެތީގެ ސަލާމަތަށް ނުވަތަ ރައްކާތެރިކަމަށް ކަމަށެވެ.
ދުނިޔޭގައި ގަނެވިއްކާ ގަސްކާނާގެ ތިރީސް އިންސައްތައެއްހައި މިންވަރު ދުނިޔޭގެ ބާޒާރަށް ނިކުންނަނީ ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށެވެ. އޭގެ ތެރޭގައި ޔުރީއާއާއި އެމޯނިއާއާއި ފޮސްފޭޓްސްއާއި ސަލްފާ ފަދަ ބާވަތްތައް ހިމެނެއެވެ. މިހާރުވެސް ގަސްކާނާ ލިބުމަށް ދަތިތަކެއް ކުރިމަތިވާން ފަށާފަައިވާއިރު، އެކަމުގެ ނަތީޖާއަކަށްވާނީ ދަނޑުވެރިން ކުރަންޖެހޭ ހޭދަ ބޮޑުވުމާއި، ގޮވާންކުރާ މޫސުމުން އުފެއްދޭ ތަކެތީގެ ނިސްބަތް މަދުވުމެވެ. އެހެންވެއްޖެނަމަ ބައިނަލްއަގުވާމީ ބާޒާރުގައި ކާނާގެ އަގުއުފުލޭނެއެވެ.
ބޭންކް އޮފް އެމެރިކާއިން ބުނާ ގޮތުން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮވެއްޖެނަމަ، ދުނިޔޭގެ ބާޒާރަށް ނެރޭ ޔުރެއާގެ 65 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ މިންވަރެއް މަދުވުން އެކަށީގެންވެއެވެ. އެއީ ދަނޑުވެރިކަމަށް އެކަމުން ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.
އިންޓަނޭޝަނަލް ފުޑް ޕޮލިސީ ރިސާޗް އިންސްޓިޓޫޓުގެ ބާހިސެއްކަމުގައިވާ ޖޯސެފް ގްލައުބާ ވިދާޅުވީ ދަނޑުވެރިކަމުގެ މައްޗަށް ބަރޯސާވާ ވަރަށް ގިނަ ގައުމުތަކުގެ އިގުތިސާދަށް މިކަމުން އަސަރުކުރާނެ ކަމަށެވެ. އަދި މިހާރުވެސް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ދަށްވެފައިވާ މެދުފަންތީގެ އިގުތިސާދުތަކަށް މިކަމުން ކާރިސީ އަސަރުތަކެއް ކުރުން އެކަށީގެންވާކަމަށް އޭނާ ލަފާކުރެއްވިއެވެ.
ވޯލްޑް ފުޑް ޕްރޮގުރާމުން މިއަހަރުގެ މާޗު މަހުގައި ބުނެފައިވަނީ ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ 45 މިލިއަނެއްހައި މީހުން ނިހާއީ ހައިހޫނުކަމުގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެއިރުން ކާބޯތަކެތީގެ ރައްކާތެރިކަމެއް ނެތް މީހުންގެ އާބާދީ 363 މިލިއަނަށް އަރާނެއެވެ. އެއީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ކާބޯތަކެތީގެ ރައްކާތެރިކަން ނެތް މީހުންގެ އަދަދު އެންމެ މަތިވާނެ މިންވަރެވެ.
ތެލުގެ އަގު ބޮޑުވެފައި އޮއްވައި ކާބޯތަކެތީގެ އަގު ބޮޑުވެއްޖެނަމަ އެކަމުގެ ބޮޑު ތަކުލީފެއް އުފުލަންޖެހޭނީ އާއްމު މީހުންނަށެވެ. މޫޑީސްގެ މެނޭޖިން ޑިރެކްޓަރ މަރީ ޑިރޯން ވިދާޅުވި ގޮތުގައި ވަރަށް ގިނަ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ކޮންޒިއުމަރުން ކުރާ ހަރަދުގެ ފަންސާސް އިންސައްތައަކީ ހަކަތައާއި ކާބޯތަކެއްޗާ ގުޅުންހުރި ހަރަދުތަކެވެ. އޭނާ ފާހަގަަަކުރެއްވި ގޮތުގައި މިހަނގުރާމައިން އެންމެ ބޮޑަށް ނޭދެވޭ އަސަރުކުރާނީ ބޭރުގެ ލޮޅުންތަކުގެ އަސަރަށް ހުޅުވާލެވިފައިވާ ތަރައްގީވަމުން އަންނަ ގައުމުތަކަށެވެ.
ހޮރްމުޒް ކަނޑުއޮޅި ބަންދުކުރީ އަދި އެކަމަށް ވާސިލުވި ސަބަބުތައް އުފަންކުރީ އެ ނިންމުމާ ގުޅިގެން ފެތުރިގެންދާ ރާޅުތަކުގެ އަސަރު އެންމެ ބޮޑަށް ތަހައްމަލުކުރާ ގައުމުތަކުންނެއް ނޫނެވެ. ނަމަވެސް ދުނިޔޭގެ އިގުތިސާދީ އޮނިގަނޑަށް އަންނަ މިލޮޅުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އެގައުމުތަކާއި އެގައުމުގެ ރައްޔިތުންނަށެވެ.