ENGLISH

06 ޖޫން 2026

Advertisement

ދެ އަހަރާ ބައިން ސިންދަފާތު އިގުތިސާދެއްގެ ބިންގާތައް އަޅުއްވައިފި

06 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން 2024 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބަޔާންކޮށްފައި އޮތް ގޮތުން ދިވެހި ދައުލަތުގެ މާލީ ހާލަތު ދާއިމީ ގޮތެއްގައި ދެމެހެއްޓެނެވި މިންގަނޑުތަކުގައި ހިފަހެއްޓޭނެ ހަމައެކަނި ގޮތަކީ، ފަތުރުވެރިކަމަށް އެކަނި ބަރޯސާވުން ކުޑަކޮށް އިގުތިސާދު ސިންދަފާތުކުރުމެވެ. ވޯލްޑު ބޭންކުން 2022 ވަނަ އަހަރު ޝާއިއުކުރި މޯލްޑިވް ޑިވޮލޮޕްމެންޓު އަޕްޑޭޓްސްގައި ބުނެފައިވަނީ ދުނިޔެއަށް އަންނަ ސިޔާސީ، އިގުތިސާދީ އަދި އެނޫންވެސް ލޮޅުންތަކުގެ އަސަރު ރާއްޖެގެ އިގުތިސާދަށް ކުރާ މިންވަރު ބޮޑުވާ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމަށް އެކަނި އިގުތިސާދު ބަރޯސާވެފައި އޮތުން ކަމަށެވެ. 

އިގުތިސާދު ސިންދަފާތުކުރުމުގެ ވާހަކައަކީ އަބަަދުވެސް ދެކެވެމުންެއައި ވާހަކައެކެވެ. ރާއްޖެއަކީ އިސްތިރާޖީ ގޮތުން މުހިއްމު ތަނެއްގަައި އޮންނަ ގައުމަކަށްވާތީ، އަދި ރާއްޖެ އޮންނަނީ އާގުބޯޓުފަހަރު ދަތުރުކުރާ މުހިއްމު މަގެއްގެ މެދުގައިކަމަށްވާތީ، މިކަންކަމުން މަންފާ ހޯދުމުގެ ވާހަކައަކީ 1990 ގެ އަހަރުތަކުން ފެށިގެން ދެކެވޭ ވާހަކަތަކެވެ. މާލީ ހިދުމަތްތައް ފުޅާކޮށް އައު އިގުތިސާދީ ހަރަކާތްތައް ތައާރަފުކުރުމާއި ފުޅާކުރުމުގެ ވާހަކައަކީވެސް އިވިއިވި ބާވެފައި ހުރި ވާހަކަތަކެވެ. 

ލިޔެވި، ކުރެހިފައި ހުރި ތަސްވީރުތަކުން ބޭރަށް މިވާހަކަތައް ނެރެވި އަމަލީ ގޮތުން އިގުތިސާދު ސިންދަފާތުކުރުމުގެ މަސައްކަތް އޮތީ ނުފެށިއެވެ. މިހާރުވެސް ރާއްޖޭގައި ހުރި ސިނާއަތްތައް އިތުރަށް ތަރައްގީނުކުރެވި އެ ސިނާއަތްތަކާމެދު ބަދަލުވަމުންދިޔަ ސަރުކާރުތަކުން ވެފައި އޮތް އިހުމާލުގެ ނަތީޖާއަކީ ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު އިތުރުވަމުން އައުމެވެ. ފަތުރުވެރިކަމުގައި އައު މަފުހޫމުތަކާއި ވިސްނުންތައް ތައާރަފުކުރުމުގައިވެސް ސަރުކާރުތަކަށް އެކަށީގެންވާ ކާމިޔާބުތަކެއް ހޯދިފައި ނެތެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒައާމަތުގެ ފުރަތަމަ ދެ އަހަރާ ބައި ފާއިތުވިއިރު، ސިންދަފާތު އިގުތިސާދަކަށް ބޭނުންވާ ގިނަ އަސާސްތަކާއި ބިންގާތައް ތަރުތީބުކުރައްވައިފިއެވެ. ދެން އޮތީ އެ ބިންގާތަކާއި އަސާސްތަކުގެ މަތީގައި ބިނާކުރުމެވެ. 

އެސްއީޒެޑް ގާނޫނަށް އަމަލުކުރެއްވުން 

އިގުތިސާދީ ހާއްސަ ސަރަހައްދުތައް ކަނޑައަޅައި، އެ ސަރަހައްދުގައި ތަފާތު އިގުތިސާދީ ހަރަކާތްތައް ހިންގުމަށް އިންވެސްޓުކުރަން ހިތްވަރުދިނުމަށް އިމްތިޔާޒުތަކާއި ލުއިތައް ތައާރަފުކުރުމަކީ އިގުތިސާދު ސިންދަފާތުކުރުމަށާއި، ވިޔަފާރިތައް އިތުރުކޮށް، ދައުލަތަށް ޓެކުހުގެ އާމްދަނީ ލިބޭ ގޮތްތައް އިތުރުކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުން ތަޖުރިބާކޮށްފައިވާ ކާމިޔާބު މޮޑެލްއެކެވެ. ޔޫއޭއީގައި އަބޫދާބީއާއި ދުބާއީގައި މި މޮޑެލް ހިންގިއެވެ. ސިންގަޕޫރުގައި މި މޮޑެލް ތަންފީޒުކުރިއެވެ. މިހާރު ހަލުއިކަމާއެކު ކުރިއަރަމުން އަންނަ ވިއެޓްނާމު ފަދަ އިމާޖިން މާކެޓްސް ނުވަތަ ތިލަވަމުންދާ ބާޒާރުތަކުގައިވެސް މި ސިޔާސަތު ތަންފީޒުކޮށް އޭގެ މަންފާ ދެކެފައިވެއެވެ. 

ރާއްޖޭގައި އެސްއީޒެޑް ގާނޫނެއް ވުޖޫދުވިފަހުން އަހަރުތަކެއް ފާއިތުވި ނަމަވެސް މި މޮޑެލްއަށް އިގުތިސާދީ ހަރަކާތެއް ހިންގުމަށް މަސައްކަތްކުރެވިފައި ނެތެވެ. އެމޮޑެލްްގެ ދަށުން އައު ބޮޑު އިންވެސްޓުމެންޓެއް ގެނެވިފައި ނެތެވެ. ނަމަވެސް ވާކޮށްލާފައި އޮތް އެސްއީޒެޑް ގާނޫނުގައި ހަކަތައް ޖައްސަވައި އެ ގާނޫނުގެ ދަށުން ފުރަތަމަަ ފަހަރަށް އެސްއީޒެޑް ގާއިމުކުރުމުގެ ލައިސެންސް ދޫކުރެއްވީ ރައީސް ޑރ.މުޢިއްޒުގެ ޒައާމަތުގައެވެ. 

އައިލާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން 

އެގޮތުން ކެނަޑާގެ ކުންފުންޏަށް އިއާދަކުރަނަވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ބޮޑު މަޝްރޫއެއް ހިންގުމަށް ހުއްދަ ދެވުނެވެ. އޭގެފަހުން ހަމަ އެގާނޫނުގެ ދަށުން އައިލާ ޓައުންޝިޕް މަޝްރޫއަށް ހުއްދަ ދޫކުރެވި މިހާރު އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެވަނީ ފެށިފައެވެ. 

އައިލާ ޓައުންޝިޕް މަޝްރޫއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުޅިން އައު މަފުހޫމެއް ތައާރަފުކޮށް، ލޯންގް ސްޓޭ ނުވަތ ދިގު މުއްދަތަށް ރާއްޖޭގައި ގާއިމުވެގެން ތިބެ، ރާއްޖެއަށް އިންވެސްޓުކޮށް ނުވަތަ ރާއްޖެއިން ބައެއް ކަހަލަ ހިދުމަތްތައް ހޯދުމުގެ ފުރުސަތު ހުޅުވައިލާނެ މަޝްރޫއަކަށްވާނެއެވެ. މި މަޝްރޫއުގެ ދަށުން ދުނިޔޭގެ ފެންވަރުގެ ތައުލީމީ ފެސިލިޓީތަކާއި ސިއްހީ ފަރުވާދޭ މަރުކަޒުތައް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރެވިގެންދާނެއެވެ. އަދި ރިއަލް އެސްޓޭޓު އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ޕްރޮޕަޓީތައް ތަރައްގީކުރެވި، ރާއްޖެއަށް އާމްދަނީ ލިބޭނެ އައު މަގެއް ހުޅުވާނެއެވެ. 

ރާއްޖެއަށް އޮތް މާލީ އިތުބާރު އިއާދަކުރެވި، ދަރަނި އަދާކުރުމުގެ ގާބިލުކަމާމެދު އޮތް ވަހުމާއި ޝައްކު ފިލުވައިލެވެމުންދާއިރު، އެސްއީޒެޑް ގާނޫނުގެ ތެރެއިން އެކި ދާއިރާތަކުން ތަފާތު މަޝްރޫއުތައް ގެނެވުމަށް ފުރުސަތު އެބައޮތެވެ. އައިލާ މަޝްރޫއަކީ މި މޮޑެލްގެ ދަށުން ރާއްޖެއަށް ތައާރަފުކުރެވޭ ބޮޑު މަޝްރޫއެވެ. ގާތްގަނޑަކަށް 800 މިލިއަން ޑޮލަރުގެ މިއިންވެސްޓުމެންޓާއެކު މިފަދަ އިތުރު އިންވެސްޓުމެންޓުތައް އައުމަށް މަގުފަހިވާނެއެވެ. 

ބަންކަރިން ހިދުމަތް ފެށުން 

ރާއްޖެ އޮންނަ ތަނުން މަންފާ ހޯދުމުގެ ތަސައްވުރެއް ނުގެންގުޅޭ ސަރުކާރެއް ނެތެވެ. ކޮންމެ ސަރުކާރަކުން ކުރަހަނީ ކުލަ ނުޖެހޭ ރީތި ފޮޓޯތަކެވެ. ބޮޑެތި ބަނދަރުތަކާއި ތެޔޮ ތާނގިތަކާއި، ތެޔޮ ސާފުކުރާ ކާރުހާނާތަކާއި، އެބަނދަރާ ގުޅިފައި އޮންނަ އެއާޕޯޓާއެކު ކުރަހާ ތަސްވީރުތައް ބަލައިލަން ރީތި ނަމަވެސް މިހާތަނަށް މިއިން އެއްވެސް ތަސްވީރެއް ކުލަނުވެއެވެ. އެއިން ކޮންމެ ކަމެއް އެތައް ސަބަބުތަކާހުރެ ތޮޅިއަށްދަނީއެވެ. 

ނަމަވެސް ދުނިޔޭގައި ތެލުގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނިކަމަށްވާ ވިޓޯލާއެކު އެސްޓީއޯއިން ޕާޓްނާޝިޕެއް ހަދައި، ރާއްޖޭގައި ކުރިން ބޭނުންނުކުރާ ތެލުގެ ބާވަތްތަައް ހޯދައިގެން ދެ ބައުޒަރު ގެނެސް ރާއްޖޭގެ އެންމެ އުުތުރުގައި އާގުބޯޓުފަހަރަށް ބަންކަރިިން ހިދުމަތް މިހާރު ފަށައިފިއެވެ. ތެދެއްމެއެވެ. އަވައްޓެރި ސްރީލަންކާއާއި އޭޝިޔާގައި އެންމެ ފުޅާ ދާއިރާއެއްގައި ބަންކަރިން ހިދުމަތްދޭ ސިންގަޕޫރުގައި ގާއިމުކޮށްފައި ހުރި ވަސީލަތްތަކާ އެއް ފެންވަރުގެ ވަސީލަތްތަކެއް އަދި މި ހިދުމަތް ދިނުމަށް ރާއްޖޭގައި ގާއިމުކުރެވިފައި ނެތެވެ. 

ބަންކަރިން ހިދުމަތް އާގުބޯޓަކަށް ފޯރުކޮށްދެނީ 

ނަމަވެސް މޮޅުކޮށް ނޫނީ ނުފަށަން، ކަނޑުގުރުވަ ނޫނީ ނުކާން ތިބެގެން މި މަސައްކަތެއް ނުފެށޭނެއެވެ. މިއަދު މި މަސައްކަތް ފެށުމުގެ ނަތީޖާއަކީ މަޑުމަޑުން ކުރިން ރާއްޖެއަށް ނުލިބޭ އާމްދަނީއެއް މި ހިދުމަތުން ލިބުމެވެ. އެސްޓީއޯއަށް އެކަށީގެންވާ އާމްދަނީއެއް މި ހިދުމަތުން ލިބޭއިރު، އެ ކުންފުނިން ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކަމުންދާ ފައިސާއަށްވެސް މި ހިދުމަތުގެ އާމްދަނީން ހިއްސާވެއެވެ. 

މިބިންގަލުގެ މަތީގައި ބަންކަރިން ހިދުމަތް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފޯރުކޮށްދިނުމަށް ބޭނުންވާ އިންވެސްޓުމެންޓު ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދައުލަތުގެ މާލީ ހާލަތެވެ. ނަމަވެސް ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރު މާލީ ހާލަތު ދަނީ ރަނގަޅުވަމުންނެވެ. މީގެ ކުރިން ހުވަފެނެއްގެ ގޮތުގައި އޮތް، ބުއްދީގައި ކުރަހާފައި އޮތް ތަސައްވުރެއްގެ ގޮތުގައި އޮތް ބަންކަރިން ހިދުމަތަކީ ރާއްޖެއަށް ކުރެވިދާނެ އެއިން އާމްދަނީވެސް ލިބޭނެ ވިޔަފާރިއެއްކަން މިހާރު މިވަނީ ސާބިތުކޮށްދެވިފައެވެ. އިނގިރޭސިބަހުން ދަންނަވާނަމަ ޕްރޫފް އޮފް ކޮންސެޕްޓު އެވަނީ ދައްކައިދެވިފައެވެ. 

ޑިޖިޓަލް އިގުތިސާދެއްގެ އަމާޒަށް މަސައްކަތް ފެށުން 

ރައީސް ޑރ.މުޢިއްޒުގެ އެންމެ މުހިއްމު އެއް ތަސައްވުރަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަން ނުވަތަ ޑިޖިޓަލް ބޮޑު ބަދަލެއް ގެންނެވުމެވެ. ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރެއްވުމުގެ އިތުރަށް ޑިޖިޓަލް އިގުތިސާދުން ޖުމްލަ ގައުމީ އުފެއްދުންތެރިކަމުގައި ހިއްސާވާ މިންވަރު އިތުރުކުރެއްވުމަކީ އެމަނިކުފާނު ކަނޑައަޅުއްވާފައިވާ އަމާޒެކެވެ. އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްތައް އަންނަނީ ކުރެވެމުންނެވެ. 

މި މަސައްކަތުގައި ހާސިލުކުރެވުނު އެންމެ ބޮޑު ކާމިޔަބަކީ ގޫގްލްގެ ސަބްމެރިން ކޭބަލް ހަބެއްގެ ގޮތުގައި އައްޑޫ ސިޓީގައި އިންވެސްޓުކުރުމަށް އެކުންފުނިން ނިންމުމެވެ. މިއީ ރާއްޖޭގައި ޑިޖިޓަލް އިގުތިސާދެއް ބިނާކުރުމަށް ބޭނުންވާ އުމްރަނީ ވަސީލަތްތައް ތަރައްގީކުރުމުގެ ރާސްތާގައި ކުރިއަށް އެޅުނު ފިޔަވަޅެކެވެ. އެ މަޝްރޫއުގެ ސަބަބުން ރާއްޖެއާއި ދުނިޔެ ގުޅިފައި އޮތް މިންވަރު އިތުރަށް ބަދަހިވާނެއެވެ. 

މި މަޝްރޫއާއެކު މައިންޑްކޯއިން ޑިޖިޓަލް އިގުތިސާދަކަށް މުހިއްމު އެކި ފަންނުތަކުން މީހުން ބިނާކުރުމަށް ވަކި މުއައްސަސާއެއް އުފައްދާފައިވެއެވެ. އެ އިންސްޓިޓޫޓުގެ މަސައްކަތަކަށްވާނީ ޑިޖިޓަލް އިގުތިސާދު ތަރައްގީކޮށް ބިނާކުރުމަށް ބޭނުންވާ ދިވެހި ހުނަރުވެރިން އުފެއްދުމެވެ. އަދި މިހާރުވެސް ޑިޖިޓަލް ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް އިތުރު ތަމްރީނާއި އައު ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. 

މަސްވެރިކަމުގެ ސިނާއީ ގާބިލުކަން އިތުރުކުރުން 

އިގުތިސާދު ސިންދަފާތުކުރުމަށް އައު ސިނާއަތްތައް ތައާރަފުކުރުން މުހިއްމުވާއިރު، މިހާރު ހުރި ސިނާއަތްތައް ވަރުގަދަކުރުމަކީވެސް ކުރަންޖެހޭ ކަމެކެވެ. ރާއްޖޭގެ އެންމެ ގަދީމީ ސިނާއަތަކީ މަސްވެރިކަމެވެ. މަސް ހިއްކަައިގެންނާއި އެނޫންވެސް ގޮތްގޮތަށް ޕްރޮސެސްކޮށްގެން ދިވެހި ކޮޅުނބާއި އެއަށްވުރެ ދުރު ކަރަކަރައަށް ބޭރުކުރިއެވެ. 1970ގެ ތެރޭގައި ދަޅުގައި މަސް ބަންދުކުރަން ހާއްސަ ކާރުހާނާއެއް ގާއިމުކުރިއެވެ. އަދި އޭގެފަހުން ޕައުޗުގައި ބަންދުކޮށްގެން މަސް ބޭރުކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރިއެވެ. 

ނަމަވެސް ފާއިތުވި ސާޅީހަކަށް އަހަރު ތެރޭގައި މި ސިނާއަތުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ވަސީލަތްތައް ހުރީ ގާއިމުނުކުރެވިއެވެ. ފެލިވަރުގައި މަސް ބަންދުކުރާ ކެޕޭސިޓީއަށް ބަދަލެއް ނާދެއެވެ. މަސް ގަނޑުކޮށްގެން ބެލެހެއްޓުމަށް ބޭނުންވާ ކޯލްޑް ސްޓޮރޭޖު ކެޕޭސިޓީވެސް މަސްވެރިން މަސް ބާނާ މިންވަރު އިތުރުވި މިންވަރާ ކައިރިކުރާ މިންވަރަކަށް އިތުރުވެފައި ނެތެވެ. 

ގއ.ކޫއްޑޫގައި އަޅާ 4،000 ޓަނުގެ ކޯލްޑް ސްޓޮރޭޖު ފެސިލިޓީއާއި މ.މުލަކުގައި އަޅާ 500 ޓަނުގެ ކޯލްޑް ސްޓޮރޭޖު ފެސިލިޓީއާއި ފެލިވަރުގައި އަޅާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖު ފެސިލިޓގެ އިތުރަށް ގދ.ތިނަދޫގައި ގާއިމުކުރާ 1،000 ޓަނުގެ ކޯލްޑް ސްޓޮރޭޖު ފެސިލިޓީގެ މަސައްކަތް މި ސަރުކާރުން ފަށައިފިއެވެ. އަދިވެސް އެހެން ބައެއް ރަށްރަށުަގއި ކޯލްޑް ސްޓޮރޭޖު ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. 

މިހުރިހާ މަސައްކަތެއް ނިމޭއިރު މިހާރު ރާއްޖޭގައި ރައްކާކުރެވޭ 9،500 މެޓްރިކްޓަނުގެ މަހުގެ ބަދަލުގައި އެއްފަހަރާ 25،000 މެޓްރިކްޓަނުގެ މަސް ރައްކާކުރެވޭނެއެވެ. އެއިރުން ރޯމަސް ބޭރުކުރާ މިންވަރު މަދުކުރެވި މަސް ޕްރޮސެސްކޮށް އެއަށް އަގުއިތުރުކޮށްގެން ބޭރުކުރެވޭ މިންވަރު އިތުރުވާނެއެވެ. ނަތީޖާއަކަށްވާނީ މަހަށް ލިބޭ އަގު ރަނގަޅުވުމެވެ. މަސްވެރިކަމުން ލިބޭ ބޭރުފައިސާ އިތުރުވުމެވެ. 

މަސް ޕްރޮސެސްކުރުމުގެ މަސައްކަތަށް ބަލާއިރު މިހާރު ދުވާލެއްގެ މައްޗަށް ރާއްޖޭގައި ޕްރޮސެސްކުރެވެނީ 35 މެޓްރިކް ޓަނެވެ. ފެލިވަރާއި ކޫއްޑޫއާއި ފިޔޯރީއާއި އަދި އެނޫންވެސް ރަށްރަށުގައި މަސް ފެކްޓަރީ ގާއިމުކުރުމަށާއި މިހާރު ހުރި ފެކްޓަރީތަކުގެ ގާބިލުކަން އިތުރުކުރުމަށް ފަށާފައިވާ މަސައްކަތްތައް ނިމޭއިރު ދުވާލެއްގެ މައްޗަށް ޕްރޮސެސްކުރެވި އަގުއެއްކުރެވޭ މަހުގެ އަދަދު 300 ޓަނަށް އިތުރުވާނެއެވެ. މިއީ ނުވަ ގުނައިގެ އިތުރުވުމެކެވެ. 

ޑިވެލޮޕްމެންޓު ބޭންކު ގާއިމުކުރެވުން 

ޑިވެލޮޕްމެންޓު ބޭންކަކީ ބްރެޒިލާއި ޖަރަމަނާއި ދެކުނުކޮރެއާފަދަ ގައުމުތަކުގެ އިގުތިސާދުތައް ބިނާކޮށް ސިންދަފާތުކުރުމުގައި މުހިއްމު ދައުރެއް އަދާކުރި މުއައްސަސާއެކެވެ. އެފަދަ މާލީ މުއައްސަސާތަކުގެ މައިގަނޑު ބޭނުމަކީ ބައިނަލްއަގުވާމީ މާލީ ބާޒާރުން ފައިސާ ހޯދައިގެން، އެގައުމެއްގެ ކުރިމަގަަށް އެކަށައަޅާފައި އޮންނަ އިގުތިސާދީ ޕްލޭނުގައި އެންމެ އިސްކަންދޭ ކަންކަމަށް އިންވެސްޓުކުރުމެވެ. 

މިސާލަކަށް ދެކުނުކޮރެއާއަށް ބަލާއިރު އެގައުމުގެ ތަރައްގީގެ މަސައްކަތް ފެށިގެންދިޔައިރު، އެގައުމުގެ ކުރިމަގަށް މުހިއްމު ސިނާއަތްތަކާއި ވިޔަފާރިތައްކަމަށް އެއިރުގެ ސަރުކާރުން ކަނޑައެޅި ދާއިރާތަކާއި ވަކިވަކި ވިޔަފާރިތައް ފުޅާކޮށް ބިނާކުރުމަށް ބޭނުންވާ ފައިސާ ފަސޭހަކޮށް ލުއި ގޮތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސީ އެގައުމުގެ ޑިވެލޮޕްމެންޓު ބޭންކުގެ ޒަރީއާއިންނެވެ. 

ޑިވެލޮޕްމެންޓު ބޭންކުގެ އޮފީސް 

ރާއްޖެއަށްވެސް ޑިވެލޮޕްމެންޓު ބޭންކެއްގެ ބޭނުންތެރިކަން ބޮޑުވަނީ އައު ސިނާއަތްތައް ފަށައި ކުރިއެރުވުމަށް އަމާޒު ހިފާއިރު، އަދި ޒަމާންވީ ސިނާއަތްތަކަށް އައު ދިރުމެއް ގެންނަން މަސައްކަތްކުރާއިރު،  އެ ސިނާއަތްތަކަށް އިންވެސްޓުކުރާނެ ފައިސާ ހޯދައި، ލުއި ގޮތެއްގައި ފޯރުކޮށްދޭނެ މާލީ މުއައްސސާއެއް ނެތުމުގެ ފަޅުކަމާއި އެކަމުގެ ގެއްލުން ފާއިތުވި ތަނުގައި ތަޖުރިބާކުރެވިފައިވާތީއެވެ.  

ޑިވެލޮޕްމެންޓު ބޭންކު ގާއިމުކުރެވުނު ނަމަވެސް އެ ބޭންކުން ހިދުމަތް ނުލިބޭތީ ބައެއް މީހުން ސުވާލުކުރާއިރު، މިފަދަ ބޭންކުތަކަށް ފައިސާ ހޯދަނީ ބޭރުގެ މާލީ ބާޒާރުންކަަމަށްވާތީ، ރާއްޖޭގެ ދަރަންޏާ ގުޅިގެން ދައުލަތުގެ ކްރެޑިޓް ރޭޓިން ހީނަރުވެފައި އޮތުމަކީ އެފަދަ ބޭންކަކަށް ފައިސާ ހޯދުމަށް އެޅޭނެ ބޮޑު ހުރަހެކެވެ.  ރަނގަޅު އަގެއްގަައި ފައިނޭންސް ނުހޯދޭނަމަ ޑިވެލޮޕްމެންޓު ބޭންކުން ދޫކުރާ ލޯނުތައްވާނީ ވިޔަފާރިތަކަށާއި ސިނާއަތްތަކަށް އޮންނަ ބުރައަކަށެވެ. 

މާލީ ހާލަތު ރަނގަޅުކުރެވި، ދައުލަތުން ނަގާ ދަރަނި އަދާކުރުމުގެ ގާބިލުކަމާމެދު އިތުބާރު ހޯދޭނެ ގޮތަށް ކްރެޑިޓު ރޭޓިން ރަނގަޅުކުރެވުމުން ޑިވެލޮޕްމެންޓު ބޭންކަށް ފައިސާ ހޯދޭނެ މަގުތައްވެސް ފަހިވާނެއެވެ. މި ވަސީލަތް ނުވަތަ މާލީ މުއައްސަސާ ގާއިމުވެފައި އޮތުމުގެ މަންފާ މިއަދު ނުލިބުނަސް، މީގެ އެތައް އަހަރެއްކުރިން ވުޖޫދުކުރެވުނު އެސްއީޒެޑް ގާނޫނުގެ ދަށުން އެންމެ މަޝްރޫއެއް ނުފެށި އޮވެ އަހަރުތަކެއްވުމަށްފަހު، މިއަދު އެ ގާނޫނުގެ ދަށުން މަޝްރޫއުތައް ފެށި ކުރިއަށްދާ ފަދައިން އެ ބޭންކުގެ ފައިދާވެސް ފަހުން ލިބޭނެއެވެ. 

ބޭރުގެ މާލީ ބާޒާރުން ހެޔޮ އަގުގައި ފައިސާ ހޯދައިގެން ރާއްޖޭގެ އެކި ސިނާއަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ސަރުކާރުން ހިންގަން ބޭނުންވާ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ ލުއި އަގެއްގައި ފޯރުކޮށްދެވޭ މިންވަރަށް ޑިވެލޮޕްމެންޓު ބޭންކު ތަރައްގީވާން ދުވަސްކޮޅެއް ނަގާނެއެވެ. ނަމަވެސް މި މުއައްސަސާވާނީ ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމުގައި އަދި ރާއްޖޭގެ އިގުތިސާދީ ވިލުންތެރިކަން އިތުރުކުރުމުގައި މުހިއްމު ދައުރެއް އަދާކުރަނެ މާލީ މުއައްސަސާއަކަށެވެ. 

މި ބިންގާތައް އެޅި ސިޔާގު ނުވަތަ ކޮންޓެކްސްޓު

މިހުރިހާ ބިންގާތަކެއް އެޅިގެންދިޔައީ ރާއްޖެއަށް ތާރީހުގައިވެސް ކުރިމަތިނުވާފަދަ މާލީ ހިރާސްތަކެއްގެ ތެރޭގައެވެ. ދުނިޔޭގެ އިގުތިސާދު ރަނގަޅަސް ދަރަނި އަދާކުރެވޭނެ ގޮތްތަކެއް އިންތިޒާމުނުކޮށް، ބޭރުފަައިސާގެ ރިޒާވްއަށް ޑޮލަރު ލިބޭނެ ގޮތެއް ނުހޯދައި، ދަރަނި އަދާކުރަން ރައްކާކުރި ޑޮލަރުކޮޅު ދިވެހިރުފިޔާއަށް މާރުކޮށް، ދިވެހި ރުފިޔާ ޗާޕުކޮށް، ދިވެހި ފައިސާގެ އަގު ވައްޓާލާފައި އޮތުމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައެވެ. 

ބަނގުރޫޓުވެދާނެކަމަށް އުންމީދުކުރި ބަޔަކު އެގޮތަށް އުންމީދުކުރީ އެ ހާލަތު އޮތުމުންނެވެ. ނަމަވެސް ސަރުކާރުން މާލީ ގޮތުން މުހިއްމު އިސްލާހުތަކެއް ތައާރަފުކުރިއެވެ. ބޭރުފައިސާގެ ގާނޫނާއި، އެސްޑީއެފްއަށް ބޭރުފައިސާ ޖަމާކުރުމާއި، ހަރަދުތައް ކުޑަކުރުމާއި، ބޭރުފައިސާގެ އާމްދަނީ އިތުރުވާނެ ގޮތަށް ޓެކުހުގެ ގާނޫނާއި ގަވާއިދުތަކށް ގެނެވުނު މުހިއްމު ބަދަލުތަކެވެ. 

އެ ބަދަލުތަކުގެ ނަތީޖާ މިއަދު ފެންނަމުންދެއެވެ. ނުދެއްކޭނެ ކަމަށް ހީވެފައި އޮތް ބޮޑު ދަރަނި އަދާކުރެވިއްޖެއެވެ. މައްޗަށް ނާރާނެކަމުގައި ގަބޫލުކުރެވުނު ކްރެޑިޓް ރޭޓިން މަތިވެއްޖެއެވެ. ދައުލަތުގެ ރިޒާވްއަށް ބޭރުފައިސާ ލިބޭނެ އިންތިޒާމު ރޭވިއްޖެއެވެ. 

އެހެންކަމުން ފާއިތުވި މުއްދަތުގައި އިގުތިސާދު ސިންދަފާތުކުރުމަށް ބޭނުންވާ ގިނަ އަސާސްތައް ބިނާކުރެވިއްޖެއެވެ. އެ އަސާސްތަކާއި ބިންގާތަކުގެ މަތީގައި ހަރުދަނާ ބިނާތަކެއް އެޅުމަށް ބޭނުންވާ މާލީ ޖާގަވެސް ހޯދިއްޖެއެވެ. ދެން އޮތީ ބިންގާތަކުގެ މަތީގައި ބިނާކުރުމެވެ. ސިންދަފާތު އިގުތިސާދެއް ބިނާކުރެވޭނީ އެ މަސައްކަތް ފަށައިގެންނެވެ. ވާހަކަ ދިގުކޮށް، ކުރެހުންތަކެއް ކުރަހައިގެން އެކަމެއް ނުވާނެއެވެ. ތިން ހަތަރު ދަހަރު ހުރިހާ ލީޑަރުން ވިދާޅުވާ ދައްކަވާ ވާހަކަފުޅެއްގެ ގޮތުގައި އޮތް ބުރަ މަސައްކަތް އަމަލީ ގޮތުން ފެއްޓެވީ ރައީސް ޑރ.މުޢިއްޒެވެ. ދިވެހި އިގުތިސާދު ސިންދަފާތުކުރުމުގެ ބިންގާތައް އެޅުއްވި ސިންދަފާތު އިގުތިސާދުގެ މުއައްސިސަކަށްވާނީ އެމަނިކުފާނެވެ. 

ކިޔުންތެރިންގެ ހިޔާލު