ENGLISH
04 ޖޫން 2026
ރީއެކްސްޕޯޓަށް ލިބުނު ކުރިއެރުމާއެކު، ޖުމްލަ އެކްސްޕޯޓު 10.4 އިންސައްތަ މަތިވެއްޖެ
04 ޖޫން 2026
|
އެމްޕީއެލް ބަނދަރު ސަރަހައްދު
އެންމެ މަޤްބޫލު
މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލު މަހުގެ ނިޔަލަށް ރާއްޖެއިން ރީ-އެކްސްޕޯޓުކުރި މިންވަރު އިތުރުވުމާއެކު ރާއްޖޭގެ ޖުމްލަ އެކްސްޕޯޓު 10 އިންސައްތަ އިތުރުވެފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާއްމުކުރި އިގުތިސާދީ ހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާއްމުކުރި އިގުތިސާދީ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީން ފެށިގެން އޭޕްރީލު މަހުގެ ނިޔަލަށް 203.8 މިލިއަން ޑޮލަރުގެ މުދާ ރާއްޖެއިން އެކްސްޕޯޓުކުރިއެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓުކުރީ 184.6 މިލިއަން ޑޮލަރުގެ މުދަލެވެ.
އެހެންކަމުން ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ އަގު ނިމުނު އަހަރުގެ އެމުއްދަތާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި 10.4 އިންސައްތަ އިތުރުވެފައިވެއެވެ.
އެކްސްޕޯޓުކުރި މިންވަރު އިތުރުވި ނަމަވެސް ރާއްޖޭގެ ދާހިލީ އުފެއްދުންތައް އެކްސްޕޯޓުކުރި މިންވަރު ނިމުނު އަހަރަށްވުރެ ދަށްވެފައިވެއެވެ. ނިމުނު އަހަރުގެ އެ މުހުލަތުގައި 56.1 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓުކުރި ނަމަވެސް މިއަހަރުގެ އޭޕްރީލުގެ ނިޔަލަށް އެކްސްޕޯޓުކޮށްފައިވަނ 25.6 މިލިއަން ޑޮލަރުގެ މުދަލެވެ. އެއީ އަހަރުން އަހަރަށް 54.4 އިންސައްތައިގެ ދަށްވުމެކެވެ.
ދާހިލީ އުފެއްދުންތައް އެކްސްޕޯޓުކުރި މިންވަރު ދަށްވި މައިގަނޑު ސަބަބަކީ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރި މިންވަރު މަދުވުމެވެ. ނިމުނު އަހަރުގެ އެމުއްދަތުގައި ރާއްޖެއިން 52.6 މިލއިަން ޑޮލަރުގެ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރިއެވެ. މިއަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް އެކްސްޕޯޓުކޮށްފައިވަނީ ޖުމްލަ 22.4 މިލިއަން ޑޮލަރުގެ މަހާއި މަހުގެ އުފެއްދުންތަކެވެ.
ޖުމްލަކޮށް އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވީ ރީއެކްސްޕޯޓުން ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވުމުގެ ސަބަބުންނެވެ. ރާއްޖެއިން ރީ-އެކްސްޕޯޓުކުރާ މައިގަނޑު މުދަލަކީ ޖެޓް-ފިއުލެވެ. ނިމުނު އަހަރު ރީއެކްސްޕޯޓުކޮށްގެން ލިބުނު އާމްދަނީއަކީ 128.5 މިލިއަން ޑޮލަރެވެ. މި އަހަރު އެ އަދަދުވަނީ 178.2 މިލިއަން ޑޮލަރަށް އަރާފައެވެ. އެއީ 38.7 އިންސައްތައިގެ އިތުރުވުމެކެވެ.
ރީ-އެކްސްޕޯޓުކުރި މިންވަރު އިތުރުވެފައިވާއިރު މި ވެރިކަމުގައި އަލަށް ފެށި ސީ-ޓު-އެއާ ކާގޯ ނުވަތަ ރާއްޖެއިން ބޭރުން ކަނޑުމަގުން ގެންނަ މުދާ ވައިގެ މަގުން ރާއްޖެ މެދުވެރިކޮށް އެކި މަންޒިލުތަކަށް އެކްސްޕޯޓުކުރުމުގެ ވިޔަފާރި ފުޅާވަމުންދިއުމަކީވެސް ރީ-އެކްސްޕޯޓުގެ އާމްދަނީ އިތުރުވި ސަބަބެކެވެ.