ENGLISH
04 ޖޫން 2026
ރާއްޖެ އިސްލާމްވުމަށް 900 އަހަރު؛ ހަރަމްފުޅުގެ އިމާމަކާއެކު ޒުވާން ހަތީބުންގެ މަހާސިންތާއެއް
04 ޖޫން 2026
|
އިސްލާމީ މަރުކަޒުގައި ޚަތީބުންނަށް ބޭއްވުނު ރަސްމިއްޔާތެއްގެ ތެރެއިން--އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބާއްވަން ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، މި މަހާސިންތާގައި ބައިވެރިވެލެއްވުމަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީއަށް މިހާރު ވުޒާރާއިން ދަޢުވަތު ދެއްވާފައިވާކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އަތޮޅުތަކުގައި ތިބި ޒުވާން ޚަޠީބުންނަށް މި މަހާސިންތާ އަށް މާލެ އައުމުގެ އިންތިޒާމްތައް ވުޒާރާއިން ހަމަޖެއްސުމަށް މަސައްކަތްކުރާނެކަމަށާއި، މިއީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް، ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް މުހިންމު މުނާސަބަތަށްވާނެކަމަށެވެ.
އިސްލާމީ މަރުކަޒުގައި ޚަތީބުންނަށް ބޭއްވުނު ރަސްމިއްޔާތެއްގެ ތެރެއިން--އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
މީގެ އިތުރުން ވުޒާރާއިން ތަމްރީންކުރާ 1000 ޒުވާން އިމާމުންނާއި ޚަޠީބުންގެ އިތުރުން ޒުވާން ޙާފިޒުން މި ކޮންފަރެންސައި ބައިވުމުގެ އިންތިޒާމް ހަމަޖައްސަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ ޒުވާން ޚަޠީބުން މި މަހާސިންތާއަށް މިހާރުން ފެށިގެން ތައްޔާރުވުމަށް އިލްތިމާސް ކުރައްވާފައެވެ. ވުޒާރާއިން މި މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމްފުރުމަށް މި މަސްތެރޭގައި ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ޙާފިޒުންގެ ދަފްތަރުގައި މިހާރު 307 ޙާފިޒުން ތިބިއިރު، ޒުވާން ޚަޠީބުންގެ މިވަގުތުގެ އަދަދަކީ 532އެވެ. އަމާޒަކީ ސެޕްޓެމްބަރުގެ ކުރިން 1000 ޚަޠީބުން ހަމަކުރުންކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
ރާއްޖެ އިސްމާލްވި ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ރަބިޢުލްޢާޚިރް މަހުގެ ދެވަނަ ދުވަހެވެ. މީލާދީގޮތުން މިއަހަރު މިދުވަސްވަނީ ސެޕްޓެމްބަރ 13، 2026 އެވެ.