ENGLISH

04 ޖޫން 2026

Advertisement

ފިޗުން ރޭޓިން މަތިކުރުމަކީ ރައީސްގެ ހަރުދަނާ ޒިންމާދާރު ޒައާމަތުގެ ނަތީޖާ: ވަޒީރު ސައީދު

04 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ އެޖެންސީތަކުގެ ތެރެއިން ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން މަތިކުރުމަށް ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ޒިންމާދާރު ޒަޢާމަތުގެ ނަތީޖާ ފެނިގެންދާ ކަމެއްކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީ" ދަރަޖައިން "ސީސީސީ-"ގެ ގިންތިއަށް މަތިކުރުމާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ވަޒީރު ވިދާޅުވީ، އެނިންމުމަކީ ރާއްޖޭގެ އިގުތިސާދުގެ މިސްރާބާމެދު އޮތް އިތުބާރު އައުވެފައިވާކަމަށް ދަލީލުކުރާ ވަރުގަދަ ހެއްކެއް ކަމަށެވެ. އަދި އެއީ ދަތި އުދަގޫ ދަނޑިވަޅެއްގައި ޒިންމާދާރު ހަރުދަނާ ޒައާމަތެއްގެ ހެޔޮ އަސަރު ރިވެލިވާ ނިންމުމެއް ކަމަށެވެ. 

އިތުރަށް ސައީދު ވިދާޅުވީ މާލީ އިސްލާހުތައް ތަންފީޒުކުރެއްވުމުގައާއި، މެކްރޯއިކޮނޮމިކް ހަމަޖެހުން ކަށަވަރުކުރެއްވުމާއި، އިންވެސްޓަރުންގެ އިތުބާރު އިއާދަކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރުގަދަ އަދި ދެގޮތެއްނުވާ ލީޑަރޝިޕާއި ހިންގުންތެރިކަން ދައްކުވައިދެއްވާފައިވާ ކަމަށެވެ. 

އަދި ކްރެޑިޓް ރޭޓިން މަތިކުރުމަށް ނިންމުމަކީ އިގުތިސާދީ ވިލުންތެރިކަން ހަރުދަނާކުރުމަށާއި، ދިގު ރާސްތާގައި ދެމެހެއްޓެނެވި އިގުތިސާދީ ކުރިއެރުން ހާސިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް މާނަހުރި ގޮތެއްގައި ބަލައިގަނެފައިވާކަމުގެ މައްޗަށް ދަލީލުކުރާ ނިންމުމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

މި ކާމިޔާބަކީ މުހިއްމު ކާމިޔާބެއްކަން ފާހަގަކުރައްވަމުން ސައީދުވަނީ ރައީސް ޑރ.މުޢިއްޒަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ވާރުތަވެވަޑައިގަތް މާލީ ގޮންޖެހުންތައް ހައްލުކުރެއްވުމުގައި އިސްކުރެއްވި ކެތްތެރިކަމާއި ގަދަ އަޒުމަށްޓަކައި އެމަަނިކުފާނަށް ވަޒީރު ތާރީފުކުރެއްވިއެވެ. 

ރައީސަށް ކުރިމަތިލައްވަންޖެހިވަޑައިގަތް މާލީ ގޮންޖެހުންތަކުގެ ތެރޭގައި ދެމެހެއްޓެނެވި މިންގަނޑުތަކުން ނެއްޓިފައި އޮތް، އަދި 2023 ގެ ކުރިން އޮތް އެމްޑީޕީގެ ވެރިކަމުގައި ޖަމާވެ އެއްވެފައި އޮތް ބޮޑު ދަރަނީގެ ގޮންޖެހުން ވަޒީރު ފާހަގަކުރެއްވިއެވެ. 

ފިޗުން ބުނި ގޮތުގައި އޭޕްރީލު މަހުގައި ރާއްޖެއިން އަދާކުރަންޖެހިފައި އޮތް ސުކޫކުގެ 524 މިލިއަން ޑޮލަރުގެ ޕޭމެންޓު އަމިއްލަ ބާރުވެރިކަމުގައި އަދާކޮށް ހަލާސްކުރެވުމާއެކު، ކުރު ރާސްތާގައި ރާއްޖެއިން އަދާކުރަންޖެހޭ ދަރަންޏެއް އަދާނުކުރެވުމުގެ ހިރާސް ނެތިގެންގޮސްފައިވެއެވެ. އަދި މާލީ ގޮންޖެހުންތައް ހުރި ނަމަވެސް ދަރަނި އަދާނުކުރެވި ބަނގުރޫޓުވުމުގެ ބިރު އެކީ ނެތިފައިވާކަން ފާހަގަކުރިއެވެ. 

އަދި ސަރުކާރުން އަޅާފައިވާ މާލީ އިސްލާހީ ފިޔަވަޅުތަކާއެކު، ދަރަނި އަދާކުރުމަށްފަހު ރިޒާވްއަށް ކުރިމަތިވި ހީނަރުކަމުން އަރައިގަނެ ބޭރު ފައިސާގެ ރިޒާވްއާއި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި އެކަށީގެންވާ އަދަދެއްގެ ފައިސާ ރައްކާކުރުމަށް ފުރުސަތު އޮތްކަން ފިޗުން ފާހަގަކުރިއެވެ. 

ކިޔުންތެރިންގެ ހިޔާލު