ENGLISH

03 ޖޫން 2026

Advertisement

ސިޔާސީ މަންފާއަކަށް ދުންފަތާއި ވޭޕް "އޯކޭ" ކަމަށް ދެއްކުމަކީ އަނިޔާއެއް: މުހުތާޒް

03 ޖޫން 2026

|

އައިމިނަތު ޝަފާ

މުހުތާޒް މުހުސިން.

ސިޔާސީ މަންފާއަކަށްޓަކައި ދުންފަތާއި ވޭޕް އޯކޭ ކަމަށް ދެއްކުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއްކަމަށް ވިދާޅުވެ، ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން އަންނަ ކުރީގެ ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަމުންދާކަމަށެވެ.

"ސިނގިރޭޓު ނުބޮވޭ ވަރަށް އަގުބޮޑު ކޮށްފި، ވޭޕަކީ ބްލެކް މާކެޓުގައި އެކަނި ލިބޭ އެއްޗަކަށް ހަދައިފި، ޝީޝާ މަނާކުރައްވަން މަޝްވަރާ ކުރައްވަނީ، ސްމާޓް ފޯން ބޭނުންކުރުން މަދުކުރަން ވަކާލާތު ކުރައްވަނީ،". ދުންފަތާއި ވޭޕް ބޭނުންކުރުމަކީ "އޯކޭ" ކަމެެއްކަން ދައްކަވަން ވަކާލާތުކުރައްވަމުން މީގެ ކުރިން އެމަނިކުފާނުގެ ވެރިކަމުގައި ދޯހަޅި ސިޔާސަތުތަކެެއް ގެންގުޅުއްވި ރައީސް ނަޝީދު ވިދާޅުވިއެވެ. 

ނަޝީދުގެ ވާހަކަފުޅުތަކަށް ރައްދު ދެއްވައި މުހުތާޒް ވިދާޅުވީ ސަރުކާރުން ދުންފަތުގެ ޑިއުޓީ ބޮޑުކޮށް، ވޭޕް މަނާކުރަން ނިންމީ ސިޔާސީ ހެޑްލައިން ހަދަން ނޫންކަމަށެވެ. މިކަމަކީ ސިއްހީ މާހިރުންނާއި ބެލެނިވެރިންގެ ބޮޑު އެދުމެއްގެ މަތިން، ދިވެހި ޅަޖީލު ނުރައްކާތެރި ވަބާއަކުން ސަލާމަތްކުރުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި މުހުތާޒް ސިފަކުރެއްވިއެވެ.

ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ ވާހަކަތައް ދެކެެވެމުން އަންނަ އައުމަށް އިޝާރާތްކުރައްވައި މުހުތާޒް ވިދާޅުވީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ މަގްސަދަކީ އެކުދިންގެ ނަފްސާނީ އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުންކަމަށެވެ.

"މިފަދަ ކަންކަމަކީ ޒާތީ ދިރިއުޅުމަށް ވަނުން ކަމަށް ބުނެ، ސިޔާސީ މަންފާއަކަށްޓަކައި ދުންފަތާއި ވޭޕް އޯކޭ ކަމަށް ދެއްކުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް. މިއީ ސިއްޚީ ދުޅަހެޔޮކަމަށް ގަސްތުގައި ހުރަސްއެޅުން. މިފަދަ ކަންކަމުގައި ވަކާލާތު ކުރާ ފަރާތްތަކުގެ ނިޔަތާމެދު ރައްޔިތުން ވިސްނަވަންޖެހޭ،". މުހުތާޒް ވިދާޅުވިއެވެ.

ޕޯސްޓް ނިންމަވާލައްވަމުން މުހުތާޒް ވިދާޅުވީ މިއީ ސިޔާސީ ކުރަންޖެހޭ ކަމެއް ނޫންކަމަށާއި މިއީ ދިވެހި ދަރިންގެ މުސްތަގުބަލާ ގުޅިފައިވާ ގައުމީ މައްސަލައެއްކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ދުންފަތުގެ މައްސަލަ ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވެއެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފަހުކޮޅު ދުންފަތާ ބެހޭ ގާނޫނު އިސްލާހުކޮށް ޑިސެންބަރު 14، 2024 ވަނަ ދުވަހުން ފެށިގެން ވޭޕު އެތެރެކުރުމާއި ބޭނުންކުރުމާއި ވިއްކުން ރާއްޖޭގައި މަނާކުރެވުނެވެ. 

އޭގެ އިތުރަށް ދުންފަތުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިން 2007 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހާ ހަމައިން ފެށިގެން އުފަންވި އަދި އުފަންވާ އެންމެނަށް ދުންފަތް ވިއްކުމާއި އެ އެންމެން ދުންފަތް ބޭނުންކުރުން އެއްކޮށް މަނާކޮށް ދުނިޔޭގެ ތާރީހުން ރާއްޖެއަށް ހާއްސަ ޖާގައެއް ކަށަވަރުކުރެވުނެވެ. އެއީ ދުނިޔޭގައިވެސް ދުންފަތް ޖީލުތަކަކަށް މަނާކުރުމުގެ ސިޔާސަތު ތަންފީޒުކުރާ ފުރަތަމަ ގައުމަށްވުމުގެ ޝަރަފުވެރި ޖާގައެވެ. 

ކިޔުންތެރިންގެ ހިޔާލު