ENGLISH

03 ޖޫން 2026

Advertisement

ނަމާދު ގަޑިތަކުގައި ތޮއްޑޫގައި ކުޅިވަރު ކުޅުން މަނާކޮށްފި

03 ޖޫން 2026

|

އާމިނަތު ނުޒްލާ

ތޮއްޑޫގައި އަޟްހާ އީދުގެ ހަރަކާތްތަކެއް ކުރިއަށްގެންދަނީ. އެރަށު ކައުންސިލުން ވަނީ ނަމާދު ގަޑިތަކަށް ކުޅިވަރު ދަނޑުތައް ބަންދުކުރަން ނިންމާފައި. ފޮޓޯ: ތޮއްޑޫ ކައުންސިލް

އއ. ތޮއްޑޫގައި ނަމާދު ގަޑިތަކުގައި ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމަށް، އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ތޮއްޑޫ ކައުންސިލުން އިއްޔެ ނެރުނު އެންގުމެއްގައި ބުނީ، ނަމާދު ވަގުތުތަކުގައި ކުޅިވަރުތައް ކުޅޭ ހުރިހާ ތަންތަން ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓާއި، ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން 20:00 އާ ދެމެދު ބަންދުކުރެވޭނެ ކަމަށެވެ. އަދި ހުކުރު ދުވަހު ހެނދުނު 10:30 އިން ފެށިގެން މެންދުރު 14:00 އާއި ދެމެދު ކުޅިވަރު ކުޅޭ ހުރިހާ ތަންތަނުގައި ކުޅިވަރު ކުޅުމަކީ މަނާ ކަމެއް ކަމަށް އެ އެންގުމުގައި ވަނީ ބުނެފަ އެވެ.

ތޮއްޑޫ ކައުންސިލުން މިގޮތަށް ނިންމާފައިވާއިރު، ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައި ނަމާދުކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމާއެކު، ބަންގި ގޮވުމުން ނަމާދުކުރުމަށް ވަގުތުކޮޅަކަށް ކުޅިވަރު ކުޅުން މެދުކަނޑައިލުން ލާޒިމުކުރުމަށް ނިންމަވާފައިވާކަމަށެވެ.  

ރައީސް އިތުރަށް ފާހަގަކުރެއްވީ ސަރުކާރުން އަޅާފައި ހުރި ކުޅިވަރުގެ އެކި ފެސިލިޓީތަކުގައި ޒަމާނީ ވަސީލަތްތަކާއެކު ނަމާދުކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ގާއިމުކުރެވޭ ތަންތަނުގައި ވުޟޫކުރެވޭނެ ގޮތްވެސް ހަމަޖެހޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި ބަންގި ގޮވާ ވަގުތުން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުތަކަކަށް ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލުމަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިފަދަ ނިންމެވުންތައް އެމަނިކުފާނު ނިންމަވަނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު، ރާއްޖޭގައި އަމަލީ ގޮތުން ކަންކަން ހިނގަންޖެހޭނީ އެ ހަގީގަތާ އެއްގޮތްވާ ގޮތަށް ކަމުގައި ދެކެވަޑައިގަންނަވާތީ ކަމަށެވެ.  

ކިޔުންތެރިންގެ ހިޔާލު