ENGLISH

21 މޭ 2026

Advertisement

މެނޭޖުމަންޓުން އެދުމުން ނިންމުން ބަދަލުކޮށް، ގްރީން ސްޓްރީޓްސްގައި މަޑުކުރަން ނިސްތާރު ނިންމައިފި

20 މޭ 2026

|

އިސްމާއިލް ޝާހު

ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު --- ފޮޓޯ: ގްރީން ސްޓްރީޓްސް

ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗުގެ މަގާމުން ވަކިވާން ނިންމިކަން މީގެ ކުރިން އިއުލާންކުރި ކޯޗު އަލީ ނިސްތާރު މުޙައްމަދު، އެ ނިންމުން ބަދަލުކޮށް ކުލަބުގައި މަޑުކުރަން ނިންމައިފިއެވެ.

2020 ވަނަ އަހަރު ގްރީން ސްޓްރީޓްސްއާ ހަވާލުވި ނިސްތާރު، ހަ އަހަރަށްފަހު އެ ޓީމުގެ ކޯޗުގެ މަގާމުން ވަކިވިކަން މީގެ ކުރިން އިއުލާންކުރީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. އެކަމަކު ގްރީން ސްޓްރީޓްސްގެ މެނޭޖުމަންޓުން ވަނީ ނިސްތާރު ކުލަބުން ވަކިވާން ނިންމި ނިންމުން ބަދަލުކޮށް، އެކުގައި މަސައްކަތް ކުރަން އެދެފައެވެ. އެއާއެކު ދެ ފަރާތުގެ މެދުގައި ބޭއްވުނު ބައްދަލުވުމަކަށްފަހު ނިސްތާރު ވަނީ ނިންމުން ބަދަލުކޮށްފައެވެ.

ދިވެހި ޕްރިމިއަރ ލީގުގައި އއ. މާޅޮހާއި ށ. ފޯކައިދޫ ޓީމަށްވެސް މީގެ ކުރިން އިރުޝާދު ދީފައިވާ ނިސްތާރު ވަނީ ގްރީން ސްޓްރީޓްސްގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން ދެ ސީޒަނެއްގައި ދިވެހި ޕްރިމިއަރ ލީގުގެ ގަދަ ހަތަރު ޓީމުގެ ތެެރޭގައި ގްރީން ސްޓްރީޓްސް ހިމެނުނުއިރު، އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ތިންވަނަ އެ ޓީމުން ވަނީ ހޯދާފައެވެ.

އެކަމަކު މި ސީޒަނުގެ އަށްވަނައަށް ގްރީން ސްޓްރީޓްސް ދިޔުމާއެކު، އެ ޓީމު ދެން ޖެހޭނީ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭށެވެ. ކޮލިފިކޭޝަނުގައި ދެން ވާދަކުރާނީ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކުލަބާއި، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫގެ އިތުރުން، މާލެ ރީޖަން ލީގުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބާއި، ސެންޓްރަލް ރީޖަން ލީގާއި، ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ޓީމުތަކެވެ.

ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއަރ ލީގު ކޮލިފިކޭޝަންގެ ގަދަ ހަތަރު ޓީމަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ޖާގަ ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު