ENGLISH

21 މޭ 2026

Advertisement

ވޯލްޑް ކަޕާއި ދިމާކޮށް، އުންމީދުކުރި ވަރަށްވުރެ އެމެރިކާގެ ހޮޓާތަކުގެ ބުކިންތައް ދަށްކަމަށް ރިޕޯޓުތަކުން ދައްކައިފި

20 މޭ 2026

ލްޑް ކަޕާއެކު އެމެރިކާގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ލަފާކުރި، ނަމަވެސް އެ އަދަދަށް ޓުއަރިސްޓް ހޮޓާތައް ބުކްކޮށްފައެއް ނުވޭ --

ވޯލްޑް ކަޕާއެކު އެމެރިކާގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ލަފާކުރި، ނަމަވެސް އެ އަދަދަށް ޓުއަރިސްޓް ހޮޓާތައް ބުކްކޮށްފައިނުވާތީ، މިހާރު އުފެދިފައިވާ ބޮޑު ބިރަކީ އޭގެ ސަބަބުން އިގްތިސޯދު ދަށަށް ގޮސްދާނެކަމުގެ ބިރުކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކަން ހޮޓެލް އެންޑް ލޮޖިންގ އެސޯސިއޭޝަން އިން ތައްޔާރުކޮށްފައިވާ ރިޕޯޓާއި ހަވާލާދީ، މީޑިއާތަކުން ބުނާގޮތުން، މުބާރާތް ބާއްވާ ގާތްގަނޑަކަށް ހުރިހާ ސިޓީއެއްގައިވެސް ބުކިންތައް ހުރީ އުންމީދު ކުރި މިންވަރަށްވުރެ މާ ދަށުގައެވެ.

ފީފާއިން ފަސް މިލިއަނަށްވުރެ ގިނަ ޓިކެޓް ވިކިފައިވާ ކަމަށް ކުރިންވަނީ ބުނެފައެވެ. ނަމަވެސް، ހޮޓެލްތަކުގެ ބުކިންތަކުން އެކަން ނުފެންނަ ކަމަށް އެސޯސިއޭޝަނުން ބުނެއެވެ. މީގެ ސަބަބުން މުބާރާތުން ލިބޭނެ ކަމަށް ލަފާކުރި އިގްތިސާދީ މަންފާ ކުޑަވެދާނެ ކަމުގެ ނުރައްކާ އެބައޮތެވެ.

އެމެރިކާގެ 32،000 އަށްވުރެ ގިނަ ތަންތަނާއި 80 އިންސައްތައަށްވުރެ ގިނަ ފްރެންޗައިޒް ހޮޓެލްތައް ތަމްސީލުކުރާ މި ޖަމިއްޔާއިން މިކަމުގެ ޒިންމާ ފީފާގެ ބޮލުގައި އަޅުވާފައިވަނީ، ފީފާގެ ބޭނުމަށް މާ ގިނަ ކޮޓަރިތަކެއް ބުކްކޮށް، ބާޒާރުގައި ދޮގު ޑިމާންޑެއް އުފެއްދި ކަމަށް ބުނެއެވެ.

މިގޮތަށް މާ ގިނަ ކޮޓަރިތަކެއް ހިފެހެއްޓުމުގެ ސަބަބުން އަގުތައް އާދަޔާހިލާފަށް އުފުލުނު ކަމަށާއި، ނަމަވެސް ފަހުން ފީފާއިން ގިނަ އަދަދެއްގެ ކޮޓަރިތައް ކެންސަލް ކުރުމުން ހޮޓެލްތަކަށް ބޮޑު ހުސްކަމެއް ކުރިމަތިވެފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. ނަމަވެސް، ފީފާއިން މި ތުހުމަތުތައް ދޮގުކުރެއެވެ. ހޮޓެލްތަކުން ބުނާ ގޮތުގައި ޓިކެޓްގެ އަގު ބޮޑުވުމާއި، ދަތުރުފަތުރުގެ ހަރަދާއި ޓެކްސް ބޮޑުވުމުގެ އިތުރުން ސިޔާސީ މަސްރަހުގެ ސަބަބުންވެސް ފަތުރުވެރިން ޒިޔާރަތްކުރުމަށް ފަސްޖެހެއެވެ.

ފީފާގެ ބުކިންތަކުން އުފެއްދި 'ހަގީގަތާ ހިލާފް ޑިމާންޑް'

މި މުބާރާތަށް ތައްޔާރުވުމަށް ހޮޓެލްތަކުން ގިނަ އަހަރުތަކެއް ވަންދެން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށް ހޮޓެލް އެންޑް ލޮޖިން އެސޯސިއޭޝަނުން ބުނެއެވެ. ފީފާއިން މިދިޔަ އަހަރު ނެރުނު ދިރާސާއެއްގައި ލަފާކޮށްފައިވަނީ މި މުބާރާތުގެ ސަބަބުން އެމެރިކާގައި 185,000 ވަޒީފާ އުފެދި، ގައުމުގެ އުފެއްދުންތެރިކަމަށް 17.2 ބިލިއަން ޑޮލަރު އިތުރުވާނެ ކަމަށެވެ. އެއާއިއެކު ހޮޓެލްތަކުން އުންމީދުކުރީ ފަތުރުވެރިން ގިނަ ދުވަހު މަޑުކޮށް، ބޮޑު ހޭދައެއް ކުރާނެ ކަމަށެވެ. ނަމަވެސް، މުބާރާތް ފަށަން ކުޑަތަންވެފައިވާއިރު، ބޭރު ގައުމުތަކުން އަންނަ ސަޕޯޓަރުން މަދުވުމަކީ އިގްތިސާދީ ގޮތުން ލިބެން އޮތް ކުރިއެރުމަށް އޮތް ހުރަހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ޖަމިއްޔާއިން ބުނާ ގޮތުގައި ފީފާއިން ހުރިހާ ސިޓީއަކުން ބޮޑު އަދަދަކުން ކޮޓަރިތައް ބުކްކުރުމަކީ އާމްދަނީއަށް އުންމީދުކުރި މިންވަރާއި، މުވައްޒަފުން އިތުރުކުރުމާއި، ތައްޔާރުވުމުގެ ޕްލޭންތަކަށް ބޮޑު އަސަރެއް ކުރި ކަމެކެވެ. މީގެ ސަބަބުން "ދޮގު ޑިމާންޑެއް" އުފެދި، އަންނާނެ ފަތުރުވެރިންގެ އަދަދު އޮތީ އޮޅިފައެވެ. ބޮސްޓަން، ޑަލަސް، ލޮސް އެންޖެލިސް، ފިލަޑެލްފިއާ އަދި ސިއެޓްލް ފަދަ ސިޓީތަކުން ފީފާއިން ކުރިން ބުކްކުރި ކޮޓަރިތަކުގެ 70 އިންސައްތަ މިހާރު ވަނީ ކެންސަލްކޮށްފައެވެ.

ފީފާއިން މި ތުހުމަތުތައް ދޮގުކުރުން

ފީފާއިން މި ވާހަކަތައް ދޮގުކުރަމުން ބުނީ، ކޮޓަރިތައް ދޫކޮށްލާފައިވަނީ ހޮޓެލްތަކާއެކު ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް، ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި ކަމަށެވެ. އަދި ބައެއް ހާލަތްތަކުގައި ހޮޓެލްތަކުގެ އެދުމުގެ މަތިން މުއްދަތު ހަމަވުމުގެ ކުރިންވެސް ކޮޓަރިތައް ދޫކޮށްލާފައިވާނެ ކަމަށް ފީފާގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

މުބާރާތުގެ ގުރުއަތުލުމަށްފަހު، ސަޕޯޓަރުންނަށް މެޗުތައް ކުޅޭނެ ސިޓީތައް އެނގުމާއެކު އަގުތައް އިންތިހާއަށް އުފުލުނެވެ. ފާއިތުވި ހަފުތާތަކުގައި އަގުތައް 20 އިންސައްތައަށް ދަށަށް ގޮސްފައިވީ ނަމަވެސް، މިއީ ސަޕޯޓަރުން އަލުން ގެނައުމަށް މާ ލަސް ބަދަލަކަށް ވެދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ބޮސްޓަން ފަދަ ސިޓީތަކުގެ ހޮޓެލްތަކުގައި އަދިވެސް ރޭގަނޑަކަށް 300 ޑޮލަރަށްވުރެ ބޮޑު އަދަދެއް ދައްކަންޖެހޭއިރު، ގިނަ ސަޕޯޓަރުން ބަލަނީ ކުޑަ ބަޖެޓެއްގައި ދަތުރުކުރެވޭނެ ގޮތެކެވެ.

ކަންމިހެން އޮތް ނަމަވެސް އެ އެސޯސިއޭޝަނުން އުންމީދު ކުރަނީ ޖޫން އަދި ޖުލައި މަހު ހޮޓެލްތައް ފުރޭނެ ކަމަށެވެ. ގިނަ ސަޕޯޓަރުން އަދިވެސް ތިބީ ޓިކެޓާއި ޝެޑިއުލްތައް ފައިނަލް ވަންދެން މަޑުކޮށްގެން ކަމަށާއި، ކުރިއަށް އޮތް ހަފުތާތަކުގައި ބުކިންތައް އިތުރުވާނެ ކަމަށް އެ ޖަމިއްޔާއިން ގަބޫލުކުރާކަމަށްވެސް ވަނީ ބުނެފައެވެ.

ދަތުރުވެރިންނާއި، އެފަރާތްތަކުގެ އަމިއްލަ ގޭގެ ނުވަތަ ގޭގައި ހުންނަ އިތުރު ކޮޓަރިތަކާއި، އަދި މިނޫންވެސް ތަފާތު ހާއްސަ ތަންތަން ކުއްޔަށް ދޫކުރަން ބޭނުންވާ މީހުން އެއްތަނަކުން ގުޅުވައިދޭ އޮންލައިން މާރުކޭޓެއްކަމަށްވާ،  އެއާބީއެންބީން ބުނާ ގޮތުގައި، މި ވޯލްޑް ކަޕަކީ އެ ކުންފުނީގެ ތާރީޚުގައިވެސް އެންމެ ގިނަ ބަޔަކު ތަންތަން ކުއްޔަށް ހިފާނެ މުބާރާތެވެ.

ރިޕޯތްތައް ބުނާގޮތުން ހޮޓެލްތަކަށް ދެން އޮތް އުންމީދަކީ މުބާރާތުގެ ނޮކްއައުޓް ބުރުތަކެވެ. އެއީ އެ މަރުހަލާގައި ސަޕޯޓަރުން ކުއްލި ގޮތަކަށް ބުކިންތައް ހަދަން ޖެހޭނެތީއެވެ. އެހެންނަމަވެސް، ޖުމްލަ ގޮތެއްގައި ބަލާއިރު، މި ވޯލްޑް ކަޕުން ކުރިން އުންމީދުކުރި ފަދަ ބޮޑު އާމްދަނީއެއް ލިބުމުގެ ފުރުސަތު ކުޑަވާނެކަމަށް ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު