ENGLISH
21 މޭ 2026
ޕެނަމާ އަނެއްކާވެސް ވޯލްޑް ކަޕުގައި، މިފަހަރު ސަރަހައްދުގެ އެއްވަނަ ޓީމުގެ ގޮތުގައި
20 މޭ 2026
ޕެނަމާ ވޯލްޑް ކަޕަށް ކޮލިފައިވުމުން އުފާފާޅުކުރަނީ؛ އަށް އަހަރުފަހުން ޕެނަމާ ވޯލްޑް ކަޕަށް ދަނީ ސަރަހައްދުގެ އެއްވަނަ ދަރަޖައިގައި --
އެންމެ މަޤްބޫލު
ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތްކަމަށްވާ ފީފާ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ޕެނަމާގެ ގައުމީ ސަލާމުގެ އަޑު ގުގުމާލީ މީގެ އަށް އަހަރު ކުރިންނެވެ. އޭގެ ފަހުން އެ ފުރުސަތު ނުލިބި އޮތުމަށްފަހު އަހަރުގެ ފީފާ ވޯލްޑް ކަޕުން އަލުން އެ ފުރުސަތު އެ ގައުމަށް ވަނީ ލިބިފައެވެ. މިއީ އެ ގައުމުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަޚުރެއްކަން ޔަޤީންނެވެ.
މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ، ޕެނަމާގެ ފުޓްބޯޅައިގެ ހާލަތަށް ކުރިމަތިވި ދަތި އުދނގޫ ގޮންޖެހުންތަކާއިއެކު، ކޮލިފައިން ކެމްޕޭނެއް ކަޑައްތުކުރުމަށްފަހު، ޕެނަމާ މި މުބާރާތަށް އެނބުރި އައީ އެގައުމު ހިމެނޭ ސަރަހައްދުގެ އެންމެ މަތީ ރޭންކިންގައި އޮތް ގައުމުގެ ގޮތުގައެވެ.
މިއާއިއެކު، އެ ޓީމު އޮތީ ދުނިޔޭގެ އެންމެ ވަރުގަދަ ގައުމުތަކާ ވާދަކޮށް، އަމިއްލަ ފެންވަރު މުޅި ދުނިޔެއަށް ސާބިތުކޮށްދިނުމަށް ތައްޔާރަށެވެ. ޓީމުގެ ހެޑް ކޯޗު ތޯމަސް ކްރިސްޓިއަންސަން ބުނާ ގޮތުގައި، ޕެނަމާގެ އަމާޒަކީ ދުނިޔޭގެ ނަން މަޝްހޫރު ޓީމުތަކާ ކެރިގެން ކުރިމަތިލައި، އެ ސަރަހައްދުގެ ފުޓްބޯޅައިގެ ބާރެއްގެ ގޮތުގައި އެ ގައުމުގެ ނަން ދުނިޔޭގެ ޗާޓުގައި ފަވާލުމެވެ.
ޕެނަމާގެ ގައުމީ ފުޓްބޯޅަ ޓީމް--
ޕެނަމާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވީ ކިހިނެއް؟
ޕެނަމާ ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުކުރީ ކޮލިފައިންގެ ދެ ބުރެއް ކަޑައްތުކުރުމަށްފަހުއެވެ. އެގޮތުންއެމީހުންގެ ދަތުރު ފެށުނީ ކޮންފެޑެރޭޝަން އޮފް ނޯތު، ސެންޓަރަލް އެމެރިކާ އެންޑް ކެރީބިއަން އެސޯސިއޭޝަން ފުޓްބޯލް (ކޮންކާކަފް) ކޮލިފައިންގެ ދެވަނަ ބުރުންނެވެ.
އެ ބުރުގައި ނިކަރާގުއާ، ގުޔާނާ، މޮންސެރަޓް އަދި ބެލީޒް ބަލިކޮށް، ގްރޫޕުގެ އެއްވަނަ ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މި މެޗުތަކުގައި ޕެނަމާ އިން 10 ގޯލު ޖެހިއިރު، ބައިކޮޅަށް ވަނީ އެންމެ ގޯލެކެވެ.
ޖެހިގެން އައި ބުރު މާ އުނދަގޫވިއެވެ. ސުރިނާމް، ގުއަޓެމާލާ އަދި އެލްސަލްވަޑޯރާއެކު އެއް ގްރޫޕެއްގައި ހިމެނުނުއިރު، ހަތަރު މެޗަށްފަހު ޕެނަމާ އަށް ލިބިފައި އޮތީ އެންމެ 6 ޕޮއިންޓެވެ. ނަމަވެސް، އެންމެ މުހިންމު ވަގުތުގައި އެމީހުން ވަނީ ކުޅުން ރަނގަޅުކޮށް، ގުއަޓެމާލާ އަތުން 3-2 އިން އަދި އެލްސަލްވަޑޯރު އަތުން 3-0 އިން މޮޅުވެފައެވެ. އޭގެފަހުން މިދިޔަ ނޮވެމްބަރު 18 ގައި އެލްސަލްވަޑޯރު އަތުން ހޯދި މޮޅާއެކު، ޕެނަމާ ސުރިނާމް ފަހަތަށް ޖައްސާލައި، ވޯލްޑް ކަޕުގެ ޖާގަ ކަށަވަރުކުރިއެވެ.
ދުނިޔޭގެ ރޭންކިންގެ 33 ވަނައިގައި އޮތް ޕެނަމާ އޮތްއިރު، މިފަހަރުގެ ވޯލްޑް ކަޕުގައި ކޮންކަކަފް ސަރަހައްދުން އެގައުމުގެ އިތުރުން 5 ގައުމު ވާދަކުރެއެވެ. ޕެނަމާ ހިމެނެނީ ގްރޫޕް 'އެލް' ގައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ މުޅި މުބާރާތުގައިވެސް ދެވަނައަށް އެންމެ އުނދަގޫ ގްރޫޕެވެ. މި ގްރޫޕުގައި އެމީހުން ވާދަކުރަން ޖެހޭނީ ކުރީގެ ޗެމްޕިއަން އިންގްލެންޑް، މިދިޔަ މުބާރާތުގެ ތިންވަނަ ހޯދި ކްރޮއޭޝިއާ އަދި އެފްރިކާގެ ބާރެއް ކަމަށްވާ ގާނާއާއެވެ.
ޕެނަމާގެ ގްރޫޕް ސްޓޭޖު މެޗުތައް:
ފެނަމާ ހިމެނެނީ ގްރޫޕް އެލް ގަ--
ޕެނަމާގެ ހެޑް ކޯޗަކީ ކާކު؟
2020 ވަނަ އަހަރުން ފެށިގެން ޕެނަމާގެ ކޯޗުގެ މަގާމުގައި ހުރީ ތޯމަސް ކްރިސްޓިއަންސަން އެވެ. އޭނާ އަކީ އެ ގައުމުގެ ގައުމީ ޓީމުގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރި ކޯޗެވެ. އޭނާގެ އިރުޝާދުގެ ދަށުން ޕެނަމާ ވަނީ 2023 އަދި 2024 ގެ ނޭޝަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި 2023 ގެ ގޯލްޑް ކަޕާއި 2025 ގެ ނޭޝަންސް ލީގުގެ ފައިނަލަށްވެސް އެ ޓީމު ވަނީ ގޮސްފައެވެ.
މި މަގާމާ ހަވާލުވުމުގެ ކުރިން ކްރިސްޓިއަންސަން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޯޗިންގްގެ ތަޖުރިބާ ހޯދާފައެވެ. މީގެ ތެރޭގައި ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި ސައިޕްރަސްގެ އިތުރުން، އިނގިރޭސިވިލާތުގެ ދެވަނަ ޑިވިޝަންގެ ލީޑްސް ޔުނައިޓެޑާއި ބެލްޖިއަމްގެ ދެވަނަ ޑިވިޝަންގެ ޔޫނިއަން އެސް.ޖީ ގައި އޭނާ އަދާކުރި ދައުރު ފާހަގަކޮށްލެވެއެވެ.
މިއީ ވޯލްޑްކަޕެއްގައި ކްރިސްޓިއަންސަން ކޯޗެއްގެ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އެހެންކަމުން އޭނާގެ އިހްސާސްތައް ވެސް ހުރީ ވަރަށް ތަފާތުކޮށެވެ. ފީފާއަށް ދިން އިންޓަވިއުއެއްގައި އޭނާ އެކަން ފާހަގަކޮށް، ބުނީ ވޯލްޑްކަޕްގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ހުވާފެނެއްކަމަށާ،އަދި މިއީ ހަގީގަތެއް ބާވައޭ ހިތަށް އަރާކަމަށެވެ. އަދި ގައުމީ ޓީމަށް،ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައި ކޯޗުކަން ކޮށްދިނުމަށް، ފުރުސަތު ލިބުމަކީ ލިބޭ ބޮޑު ޝަރަފެއްކަމަށެވެ.
ޕެނަމާގެ ހެޑް ކޯޗު ތޯމަސް ކްރިސްޓިއަންސަން: މިއީ ވޯލްޑްކަޕެއްގައި ކޯޗުކަން ކުރާ ފުރަތަމަ ފަހަރު.
ޕެނަމާގެ މުހިންމު ކުޅުންތެރިންނަކީ ކޮބާ؟
ކޮލިފައިން މަރުހަލާގައި ޕެނަމާގެ ތަޖުރިބާކާރު ފޯވާޑް ހޯސޭ ފަޖާޑޯ އާއި ވިންގަރ ޕޫމާ ވަނީ ކޮންމެ ކުޅުންތެރިއަކު ތިން ލަނޑު ޖަހައިގެން ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ފޯވާޑް ސެސީލިއޯ ވޯޓާމަން ވަނީ ދެ ލަނޑު ޖަހާފައެވެ.
ފަޖާޑޯ އާއި ވޯޓާމަންގެ ޖޯޑަކީ ޓީމަށް ނުހަނު ނަތީޖާ ނެރެދޭ ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިން ވަނީ ކޮލިފައިންގެ ފަހު ބުރުގައި އެކުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން، އެޑަލްބާޓޯ ކަރަސްކުއިލާ އަކީ މެދުތެރެއިން ޓީމުގެ ބައްޓަން ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ.
ޕެނަމާ ވޯލްކަޕަށް ތައްޔާރުވަނީ ކިހިނެއް؟
މާރިޗު މަހުގެ ފަހުކޮޅު ޕެނަމާއިން ވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ދެކުނު އެފްރިކާއާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅެފައެވެ. ޑާބަންގައި ކުޅުނު ފުރަތަމަ މެޗު 1-1 އިން އެއްވަރުވިއިރު، ކޭޕް ޓައުންގައި ކުޅުނު ދެވަނަ މެޗު ޕެނަމާ ކާމިޔާބުކުރީ 2-1 އިންނެވެ. ވޯލްޑް ކަޕް ފެށުމުގެ ގާތްގަނޑަކަށް ދެ ހަފުތާ ބައި ކުރިން، މެއި 31 ގައި ރިއޯ ޑި ޖެނީރޯގައި ބްރެޒިލާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ބްރެޒިލަކީ މި މުބާރާތުގެ ތަށި ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ޓީމެވެ.
ފެނަމާއަކީ ވޯލްޑް ކަޕްގައި ފަރިތަ، ތިޔާގި ނަމެއް ނޫންނަމަވެސް، އެ ގައުމުގެ އަޒުމު ވަރުގަދައެވެ. މުޅި ފެންމާއޮތީ ވޯލްޑްކަޕްގެ ޖޯޝުގައެވެ. އެމީހުން ބުނަނީ މިއީ ޕެނަމާގެ ފުޓްބޯޅައިގެ ފެންވަރު މުޅި ދުނިޔެއަށް ދައްކާ، އިތުރަށް ފެންވަރު ރަނގަޅުކޮށް، ކުރިއަށްވުރެ ހަރުދަނާ ނަތީޖާއެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރަންވީ ވަގުތުކަމަށެވެ.