ENGLISH

18 މޭ 2026

Advertisement

އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރަކީ ބަދަލުތަކަށް ހޭނުމުގެ ބަދަލުގައި އަމަލީ ގޮތުން މުސްތަގުބަލު ބައްޓަންކުރަމުންދާނެކަމުގެ ހެއްކެއް: ޝަރީފު

18 މޭ 2026

|

ޝިފްޒާން އަޙްމަދު

މިއަަދު ހުޅުވިގެންދިޔަަ އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރަކީ ރާއްޖެއަކީ ޓެކްނޮލޮޖީގެ ދާއިރާއިން އަންނަ ބަދަލުތަކަށް ހަމައެކަނި ހޭނުމުގެ ބަދަލުގައި އަމަލީ ގޮތުން މުސްތަގުބަލު ބައްޓަންކުރަމުންދާނެ ގައުމެއްކަން ދައްކުވައިދޭ ކަމެއް ކަމަަށް ބޭންކު އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ. 

 އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު ހުޅުވުމުގެ ގޮތުން ކުރިއަށްގެންދާ "ކޮލެބް 26" ސަމިޓު އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ މި ސެެންޓަރު ހުޅުވުމަކީ ރާއްޖެ ޑިޖިޓަލް ދާއިރާއިން ބަދަލަކާ ދިމާލަށް ކުރަމުންދާ ދަތުރުގައި މުހިއްމު ފިޔަވަޅެއް ކަމަށެވެ. 

މިހާރު ދުނިޔެ ކަޑައްތުކުރަމުންދަނީ ޓެކްނޮލޮޖީގެ ގޮތުން މި ޖީލު ނުދެކޭ މިންވަރުގެ ބޮޑެތި ބަދަލުތަކެއްކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްއާއި ޑޭޓާއިން އިގުތިސާދުތަކާއި ސިނާއަތްތަކާއި މުޖުތަމައުތައް ބަދަލުކުރަމުންދަނީ ކުރިން މިފަދަ ބަދަލެއް އައިސްފައި ނެތް ހަލުއިމިނުގައި ކަމަށެވެ. 

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުތަކާއި ވިޔަފާރިތަކުން އަންނަނީ ހިދުމަތްތައް ފޯރުކޮށްދީ، ކަންކަން ނިންމަމުންދާ ގޮތްތަކާއި، ފުރުސަތުތައް އުފައްދަމުންދާ ގޮތްތަކާމެދު އައު ވިސްނުންތަކަކުން ވިސްނަމުން. ރާއްޖެއަށް މިއީ ތަފާތު ފުރުސަތެއް. ރާއްޖެއަކީ ބެހިފައިވާ ރަށްތަކެއްގައި އާބާދުވެގެން ދިރިއުޅޭ ރައްޔިތެއް އުޅޭ ގައުމަކަށްވާތީ އަބަދުވެސް ދުރުމިނާއި ގުޅިލާމެހުމުގެ ގޮންޖެހުންތައް ބޮޑު. ނަމަވެސް ޓެކްނޮލިޖީތަކަށް ހޭނި އީޖާދުކޮށްގެން އެ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ދިވެހިންވަނީ ދައްކައިދީފައި،" ޝަރީފު ވިދާޅުވިއެވެ. 

ސީއީއޯ ވިދާޅުވި ގޮތުގައި މިއަދު އޭއައި އަދި ޑޭޓާގެ ސަބަބުން މުއައްސަަސާތައް ހަރުދަނާކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ވިޔަފާރީގެ ނަތީޖާ ނެރެވޭ މިންވަރު އިތުރުކޮށް، ރާއްޖޭގެ ހުރިހައި ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ފުރުސަތުތައް އުފައްދައިދިނުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ފަހިވެފައިވެއެވެ. އަދި މި ތަސައްވުރަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޑިޖިޓަލް ބަދަލުގެ ވިސްނުންފުޅާ އެއްކީލި ވިސްނުމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

ޝަރީފު އިތުރަށް ވިދާޅުވީ ޑިޖިޓަލް ގޮތުން ބާރުވެރި ރާއްޖެއެއް ބިނާކުރުމުގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ އިތުރަށް އަމިއްލަ ވިޔަފާރިތަކުގެ މެދުގައި އެއްބާރުލުންދީގެން އެކުގައި މަސައްކަތްކުރުމަކީ ކޮންމެހެން ބެނުންތެރި ކަމެއް ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި ބީއެމްއެލްގެ ނަޒަރުގައި ޓެކްނޮލޮޖީއަކީ ހަމައެކަނި ކުންފުނީގެ ހިންގުން ހަރުދަނާކުރުމުގެ އާލަތެއް ނޫނެވެ. ޝަރީފު ވިދާޅުވީ ބޭންކުގެ ވިސްނުމުގައި ޓެކްނޮލޮޖީއަކީ ދެމެހެއްޓެނެވި ތަރައްގީއާއި ދުރު ރާސްތާ ކުރިއެރުން ހާސިލުކުރުމަށް މަގުފަހިކުރާ މުހިއްމު ވަސީލަތްތަކެކެވެ. 

"ގައުމީ ބޭންކުގެ ހައިސިއްޔަތުން ބޭންކަކީ ހަމައެކަނި މާލީ ހިދުމަތްތައް ފޯރުކޮށްދޭ ތަނެއް ނޫން. ގައުމީ ތަރައްގީ ހަލުއިކުރުމާއި، އިގުތިސާދީ ވިލުންތެރިކަން އިތުރުކުރުމާއި، އީޖާދީ މަސައްކަތްތަކުގެ މަންފާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ލިބިގެންދާކަން ކަށަވަރުކުރުމުގައި ބޭންކުގެ މުހިއްމު ދައުރެއް އޮންނާނެ.،" ޝަރީފު ވިދާޅުވިއެވެ. 

މީގެ ކުރިން ދިގު ދަތުރުތަކަށްފަހު، ގިނަ އަދަދެއްްގެ ލިޔެކިޔުންތަކެއް ހުށަހަޅައިގެން ނޫނީ ބޭންކުގެ ހިދުމަތްތައް ކުރިން ނުލިބުނު ނަމަވެސް  މިއަދު ޓެކްނޮލޮޖީގެ އެހީގައި ގެނެވުނު ބަދަލުތަކާއެކު، ރާއްޖޭގެ ކޮންމެ ތަނެއްގައި ދިރިއުޅުނަސް ބޭންކިން ހިދުމަތް ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން ލިބޭނެ ނިޒާމެއް ގާއިމުކުރެވިފައިވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ. 

އިތުުރަށް ސީއީއޯ ވިދާޅުވީ މިއަދު ބީއެމްއެލް މެދުވެރިކޮށް ކުރެވޭ މާލީ މުއާމަލާތްތަކުގެ 99.9 އިންސައްތަ މުއާމަލާތަކީ ބީއެމްއެލްގެ ގޮފިތަކުގެ ބޭރުން ޑިޖިޓަލް ވަސީލަތްތަކުގެ ޒަރީއާއިން ކުރެވެމުންދާ މުއާމަލާތްތަަކެއް ކަމަށެވެ. މި ބަދަލުތަކާއެކު ރައްޔިތުންނަށް ފަސޭހަވެ، ގިނަ ބައެއް މާލީ ހިދުމަތްތަކުގައި ޝާމިލުވެ، ކޮންމެ ރައްޔިތަކަށް ޒަމާނީ އިގުތިސާދުގައި ބަދަލުވުމުގެ ފުރުސަތު ފަހިވެފައިވާކަމަށްވެސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު