ENGLISH
18 މޭ 2026
ގައްދޫ ހޮސްޕިޓަލް އައު އިމާރާތުގެ ފައުންޑޭޝަން މަސައްކަތް ނިމި، ތަނބުތައް ޖެހުމަށް ތައްޔާރުވަނީ
17 މޭ 2026
|
ގައްދޫ ހޮސްޕިޓަލް އައު އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ގދ. ގައްދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ ފައުންޑޭޝަން މަސައްކަތް ނިމި، ތަނބުތައް ޖެހުމަށް ތައްޔާރުވަމުން އަންނަކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ މިހާރު ސައިޓުގައި ކުރިއަށްދަނީ ކޮންކްރީޓް އަޅާފައިވާ ގްރިޑްތަކަށް ފަސް އެޅުމުގެ މަސައްކަތާއި، ފައުންޑޭޝަން ޕެޑްތަކުގެ ކޮންކްރީޓް އެޅުމުގެ އިތުރުން، ޓައި ބީމްތަކުގެ ލީން ކޮންކްރީޓްގެ މަސައްކަތް ކަމަށެވެ.
ގައްދޫ ހޮސްޕިޓަލް އައު އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
މި މަޝްރޫޢުގެ ދަށުން، 18,613 އަކަޓޫފުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ އިމާރާތެއްގައި 30 އެނދުގެ ޞިއްޙީ ޚިދުމަތްދޭ ބްލޮކެއް ތަރައްޤީކުރާނެ އެވެ. އަދި 2،563 އަކަފޫޓުގެ ސަރަޙައްދެއްގައި އެއް ފަންގިފިލާގެ އެހެނިހެން ޚިދުމަތްދޭ ބްލޮކަކާއި، 3،573 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް ހެދުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 101.70 މިލިއަން ރުފިޔާއަށެވެ.
ގާތްގަނޑަކަށް 2،700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ގައްދޫގައި ޞިއްޙީ ޚިދުމަތް މިވަގުތު ދެމުން އަންނަނީ ޞިއްޙީ މަރުކަޒަކުންނެވެ.
ގައްދޫ ހޮސްޕިޓަލުގެ މަސައްކަތް ނިމުމާއެކު ގައްދޫއިން ލިބޭ ޞިއްޙީ ޚިދުމަތް ފުޅާވެ، ގައްދޫ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ގިނަ ބަލިތަކަކަށް ބޭސްފަރުވާ ކުރުމުގެ މަގުފަހިވެގެންދާނެ އެވެ.
މިއީ ޞިއްޙީދާއިރާއިން ގައްދޫގެ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއި ފަސޭހައެކެވެ.