ENGLISH
16 މޭ 2026
"ރުޅި އަންނަކަން އެނގޭ އެކަމަކު މައާފަށް އެދޭކަށް ނުޖެހޭނެ"
16 މޭ 2026
|
ރޭގެ ޕްރެސް ކޮންފަރެންސްގައި ސޯލިހް ވާހަކަފުޅު ދައްކަވަނީ
އެންމެ މަޤްބޫލު
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ޖަލު ހުކުމް ލުއިކޮށްދީ، ބަންދުން ދޫކޮށްލުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ފުރަތަމަ ފަހަރަށް ރޭ ދިފާއު ކުރައްވައިފި އެވެ.
ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ޙައްގުގައި ކަަމަށް ވިދާޅުވެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޔާމީނާއި ރައީސް ނަޝީދާއި ރައީސް ސޯލިހް ރޭ ބައްދަލުކުރައްވާފައިވާއިރު އެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް ދެއްވި ފުރުސަތުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ވެރިކަމުގައި މީހަކު ހުންނައިރު ހުކުމަށް ލުޔެއް ހޯދުމަށް އެދި ވެރިންނާ ހަމައަށް މައްސަލަތައް ފޮނުވާކަމަށެވެ.
އެގޮތުގެ މަތިން މައްސަލައެއް އައުމުން ބަލަނީ ގާނޫނީ ގޮތުން އެ ފުރުސަތު އެ މީހަކަށް ދެވެން އޮތްތޯ ކަމަށް ވިދާޅުވި އެވެެ. އަދީބުގެ މައްސަލައިގައި ވެސް އަމަލުކޮށްފައިވަނީ އެ އުސޫލުގެ ދަށުން ގާނޫނުގެ ތެރެއިން ކަމަށް ވިދާޅުވެ އެކަން ރައީސް ސޯލިހް ދިފާއު ކުރެއްވި އެވެ.
މައްސަލަ ބެލުމަށްފަހު އެމަނިކުފާނާ ހަމައަށް އައިއިރު އަދީބުގެ މައްސަލަ އައިއިރު އޮތީ ލުއި ދެވޭނެ މީހެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ. އެމްޑީޕީގެ ސަރުކާރުގައި ލުއި ދިނީ ހަމައެކަނި ޖިނާއީ ބަޔަށް ކަމަށާއި މަދަނީ ބައި އަދިވެސް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
އަދީބަށް ލުއި ދިނުމާ ގުޅިގެން ގިނަ ބަޔެއްގެ ހިތްހަމަނުޖެހުން އޮތް ކަން ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެ ރައީސް ސޯލިހް ވިދާޅުވީ އަދީބު ދޫކޮށްލި މައްސަލައިގައި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަން ނުޖެހޭނެ ކަމަށެވެ.
"ދެން އެކަމުގައި އަޅުގަނޑަށް ގޯސްކޮށް ކަމެއް ކުރެވިފައިވާ ނަމަ، މާފަށް އެދެންޏާ މާފަށް އެދެންވީ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ މާފަށް އެދެންޖެހޭ ވަރު ކަމެއް ނޫން. ތިޔަ ބޭފުޅުންނަށް ދެކޭ ގޮތުގައި އެއީ ގޯސްކަމެއް ކަމަށްވާ ނަމަ، އެކަން އަޅުގަނޑު ބަލައިގަންނަން،". ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބު 20 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމަށް ރައީސް ސޯލިހް މައާފު ދެއްވީ ވެރިކަމުގެ ދައުރު ނިމެން އެންމެ ފަސް ދުވަހަށް ވެފައިވަނިކޮށެވެ. އަދީބާއި އެކު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށް ސާބިތުވެފައިވާ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ވެސް މައާފު ދެއްވި އެވެ. ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަދީބާއި ޒިޔަތު ވެސް ހުންނެވީ ޖަލު ބަންދުގަ އެވެ. އެ ދެ ބޭފުޅުން ގޭ ބަންދަށް ބަދަލު ކުރެއްވީ ރައީސް ސޯލިހެވެ.
ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކައަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލައި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދައި ދެއްވާނެ ކަމުގެ ވާހަކަތަކެވެ.