ENGLISH

16 މޭ 2026

Advertisement

ސައްހަ ވޯކް ޕާމިޓާއެކު މަސައްކަތްކުރާ ބިދޭސީންގެ އަދަދު 208،937އަށް

16 މޭ 2026

|

އައިމިނަތު ޝަފާ

އޮޕަރޭޝަން ކުރަނގީގެ ތިން ވަނަ ފިޔަވަހީގެ ތެރެއިން . ފޮޓޯ؛ ދާހިލީ ސަލާމަތާ ބެހޭ ވުޒާރާ

ސައްހަ ވޯކް ޕާމިޓާއެކު ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ އަދަދު 208،937އަށް އަރާފައިވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. 

އައްޑޫ ބިޒްނެސް ފޯރަމްގައި 'އޮޕަރޭޝަން ކުރަނގި' ގެ ދަށުން ހޯދިފައިވާ ކުރިއެރުންތަކުގެ ތަފްސީލީ ތަފާސްހިސާބުތައް ހިއްސާކުރައްވައި ވަޒީރު ވިދާޅުވީ 2023 ވަނަ އަަހަރުގެ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން މި ހިންގާ މޭ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ވޯކް ޕާމިޓް ހުށަހަޅާފައިވާ އަދަދު 295,678 އިން 232,884 އަށް ވަނީ ދަށްވެފައި ކަމަށެވެ

އަދި 2012 ވަނަ އަހަރުގެ ކުރީގެ ޑޭޓާގައި ހިމެނޭ ވެރިފައި ނުވާ 86,741 ވޯކް ޕާމިޓްގެ އަދަދު ވަނީ 19,904 އަށް މަދުކުރެވިފައިކަން ވަޒީރު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، އެކްޓިވް ވޯކް ޕާމިޓްގެ އަދަދު 208,937 އިން 212,980 އަށް އިތުރުވެފައި ވެއެވެ. މާލީ ގޮތުންނާއި ގާނޫނީ ގޮތުން ބަލާއިރު، ސައްހަ ވިސާ އޮތް އަދި ދައްކަންޖެހޭ ފައިސާ ދައްކާފައިވާ ވޯކް ޕާމިޓްގެ ނިސްބަތް ވަނީ 20 އިންސައްތައިން 66 އިންސައްތައަށް އިތުރުވެފައިކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. 

ހަމައެއާއެކު، ސައްހަ ވިސާ ނެތް އަދި ފައިސާ ނުދައްކާ ހުރި ޕާމިޓްތަކުގެ ނިސްބަތް 80 އިންސައްތައިން 34 އިންސައްތައަށް ދަށްކުރެވި، ބަޔޯމެޓްރިކް ރަޖިސްޓްރޭޝަންގެ ދާއިރާއިންވެސް ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން 10 އިނގިލީގެ ނިޝާނާއި ބަޔޯމެޓްރިކް ފޮޓޯ ނަގާފައިވާ މީހުންގެ އަދަދު 27,200އިން 202,224އަށް އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކާ ހަވާލާދެއްވައި ވަޒީރު ވިދާޅުވި އެވެ. މިއާއެކު ރާއްޖޭގައި ވޯކް ޕާމިޓާއެކު މަސައްކަތްކުރަމުންދާ ބިދޭސީންގެ ތެރެއިން ބަޔޯމެޓްރިކްސް ނުނަގަ ތިބި މީހުންގެ އަދަދު 181,737އިން 10,756އަށް ވަނީ ދަށްވެފަ އެވެ. ވަޒީރު ހާމަކުރެއްވި ހިސާބުތަކަށް ބަލާއިރު އަލަށް ރާއްޖެ އައުމަށް ހުއްދަ ދެވިފައިވާ 6,716 މީހަކު އެބަތިއްބެވެ. އަދި ރާއްޖެއަށް އެއްފަހަރު އައިސް، ނަމަވެސް އަދި އިނގިލީގެ ނިޝާން ނުނަގާ 4,040 މީހަކު ތިބިކަންވެސް ވަނީ ފާހަގަކުރެވިފަ އެވެ.   

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ:

1. ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ފޮޓޯ އަދި 10 އިނގިލީގެ ނިޝާން ނެގުމާއި

2. ހުއްދަ އޮތް ވިސާއެއްގައި ހުރެ ހުއްދަ ގަވާއިދާ ޚިލާފް މަސައްކަތްކުރާ ބިދޭސީން ހޯދައި ރާއްޖެއިން ޑިޕޯޓް ކުުރުން؛ އަދި

3. ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ބޭރުކުރުމެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހު ކުރިއަށްދާނެކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ. އޮޕަރޭޝަން ކުރަނގީގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ފަށާފައިވާއިރު ވިޔަފާރިތަކުގަ މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ މުއްދަތު ހަމަވުމުގެ ކުރިއަށް ދެއްކުމަށް ބާރު އެޅުމުގެ ގޮތުން އެ ފަރާތްތަކަށް އެކަން އަންގައިދީ އަދި މިހާރު ވޯކް ޕާމިޓް ފީ ނުދެއްކިވާ ފަރާތްތައްވެސް ހިމެނޭ ގޮތަށް ވޯކް ޕާމިޓް ފީ ދައްކާ ފަރާތްތަަކަށް ލުއި ފަސޭހަ އިންތިޒާމުތަކެއް މި ފިޔަވަހީގެ ތެރެއިން ލިބިގެންދާނެ އެވެ. މިއާއެކު ދިވެހި ވިޔަފާރިވެރިންނަށް އެ މީހުން ގެންގުޅޭ ބިދޭސީ މަސައްކަތްތެރިން ޤަވާއިދުގެ ތެރޭގައި މަސައްކަތް ކުރުމަށް ހިތްވަރަކަށް ވެގެންދާނެކަމަށް ވުޒާރާއިން އުއްމީދުކުރެ އެވެ. 

ކިޔުންތެރިންގެ ހިޔާލު