ENGLISH
15 މޭ 2026
މާފަރު އެއާޕޯޓުގައި މޫސުން ބަލާ އޮބްޒަވޭޓަރީއެއް ގާއިމުކުރަން ސޮއިކޮށްފި
15 މޭ 2026
|
މާފަރު އެއާޕޯޓުގައި މޫސުން ބަލާ އޮބްޒަވޭޓަރީއެއް ގާއިމުކުރަން ސޮއިކުރުން- ފޮޓޯ: މެޓް އޮފީސް
އެންމެ މަޤްބޫލު
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މޫސުން ބަލާ އޮބްޒަވޭޓަރީއެއް ގާއިމުކުރުމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އާއި މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ މާފަރު އެއާޕޯޓުގަައި މޫސުން ބަލާ އޮބްޒަވޭޓަރީއެއް ގާއިމުކުރުމާއި މޫސުމީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ހިދުމަތް ފެށުމަށް ވެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އައިއޭއެސްގެ މައި އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެންޑް ސާވިސް އެގްރީމެންޓުގައި އައިއޭއެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސެވެ. އަދި މެޓް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރު ޖެނެރަލް އަބްދުލް ވާހިދެވެ.
މާފަރު އެއާޕޯޓުގައި އެޅުމަށް ނިންމި މި އޮބްޒަވޭޓޮރީގައި މޫސުމާ ބެހޭ އެންމެ ފަހުގެ ހޯދުންތަކާއި، ލަފާކުރުންތަކުގެ އިތުރުން، މަތިންދާބޯޓުތައް ރައްކާތެރިކަމާއެކު ފުރައި ޖެއްސުމަށް ބޭނުންވާ މޫސުމީ މައުލޫމާތާއި އިންޒާރުތައް ވަގުތުން ވަގުތަށް ފޯރުކޮށްދޭނެއެވެ.
އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މިއީ މާފަރު އެއާޕޯޓުގެ އޭވިއޭޝަން ސޭފްޓީ ސްޓޭންޑަޑްތައް ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ހިދުމަތުގެ ސަބަބުން ޕައިލެޓުންނަށާއި، އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް މޫސުމަށް އަންނަ ބަދަލުތައް ވަގުތުން އެނގި، އޮޕަރޭޝަންތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ މައުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަށް ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ..
މެޓް އޮފީހުގެ ޑައިރެކްޓަރު ޖެނެރަލް އަބްދުލް ވާހިދު ވިދާޅުވި ގޮތުގައި، މި އޮބްޒަވޭޓަރީގެ ސަބަބުން ރާއްޖޭގެ އުތުރު ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުވެ، އެއާޕޯޓުތަކުގެ ހިންގުން ހަރުދަނާވެގެންދާނެއެވެ.
މާފަރުގައި ގާއިމުކުރާ މި އޮބްޒަވޭޓަރީއަކީ ރާއްޖޭގައި ގާއިމުކުރެވޭ މޫސުން ބަލާ ހަވަނަ އޮބްޒަވޭޓަރީއެވެ.
އައިއޭއެސް އިން ގަބޫލުކުރާ ގޮތުގައި މިއީ ރާއްޖޭގެ އުތުރުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.