ENGLISH
15 މޭ 2026
މި މަހު މަސްވެރިންނަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
15 މޭ 2026
|
އެންމެ މަޤްބޫލު
މި މެއި މަހުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯ އިން މީޑިޔާއާ ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެއި މަހުގެ 13 ވަނަ ދުވަހު ކިރުވި މަހަށް، މަސްދޯނި ފަހަރަށް މިއަދު ޖަމާކުރީ 251،521ރ. (ދެ ލައްކަ ފަންސާސް އެއްހާސް ފައްސަތޭކަ އެކާވީސް ރުފިޔާ) އެވެ.
މިއާއެކު، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް 16،558،446ރ. (ސޯޅަ މިލިއަން ފަސްލައްކަ ފަންސާސް އަށްހާސް ހަތަރުސަތޭކަ ސާޅީސް ހަ ރުފިޔާ) ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފައެވެ.
މީގެތެރެއިން، ކަޅުބިލަމަސް ކިރުވި ދޯނި ފަހަރަށް 16،063،256ރ. (ސޯޅަ މިލިއަން ފަސްދޮޅަސް ތިންހާސް ދުއިސައްތަ ފަންސާސް ހަ ރުފިޔާ) ދީފައިވާއިރު، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނި ފަހަރަށް 26،340ރ. (ސައްބީސް ހާސް ތިން ސަތޭކަ ސާޅީސް ރުފިޔާ) ވަނީ ޖަމާކޮށްދީފައެވެ. މީގެއިތުރުން، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނި ފަހަރަށް 468،850ރ. (ހަތަރު ލައްކަ ފަސްދޮޅަސް އަށްހާސް އަށްސަތޭކަ ފަންސާާސް ރުފިޔާ) ޖަމާކޮށްދީފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ.
އެއަށްފަހު ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު މި ބަދަލާއެކު މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެފައިވެއެވެ.
ނިމިދިޔަ 2025 ވަނަ އަހަރަކީ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މުހިއްމު ނިންމެވުންތަކެއް ނިންމަވާ، އެ ނިންމެވުންތައް ތަންފީޒުކުރަން ފެށި އަހަރެކެވެ. މިފްކޯ އިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ.
މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށީ ޖަނަވަރީ މަހުއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ މުހިއްމު ވައުދުފުޅެކެވެ. ޖަނަވަރީ 11 ވަނަ ދުވަހު މިފްކޯއިން ކިރުވަން ފެށީ 15 ކިލޯއަށްވުރެ މަތީ ކަންނެއްޔެވެ. އޭގެ ފަހުން އެ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިންވަނީ 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބަރުމިނުގެ ކަންނެލިވެސް ކިރުވަން ފަށާފައެވެ. މިފްކޯ އިން މިހާރު ބޮޑުކަންނެލި ގަންނަނީ 25 ރުފިޔާގެ ރޭޓުންނެވެ.