ENGLISH
16 މޭ 2026
ގެއްލުނު ޑައިވަރުން ހޯދުމަށް ސިފައިންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި
15 މޭ 2026
|
ޑައިވަރުން ގެއްލުނު ސަރަހައްދު- ފޮޓޯ: އެމްއެންޑީއެފް
އެންމެ މަޤްބޫލު
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުން ހޯދުމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް އެބަދެއެވެ.
ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް ލިބުނީ އިއްޔެ މެންދުރު 13:45 ހާއިރެވެ.
އެ މައުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ވަނީ ފަށާފައެވެ.
މި މަސައްކަތުގައި ސަފާރީއާއި، ވ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަން ލިބެމުންދާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މި ހާދިސާގައި ގެއްލުނު އިޓަލީވިލާތުގެ 5 ރައްޔިތުންގެ ތެރެއިން އެކެއްގެ ހަށިގަނޑު އިއްޔެ އިރުއޮއްސި 18:13 ހާއިރު ވަނީ މޫދު އަޑިން ފެނިފައެވެ.
އޭނާގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށެވެ. އެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ބޭރުންނެވެ.
ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައިކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މި ކޭވް ހިމެނޭ ސަރަޙައްދަކީ އާންމުކޮށް ރާއްޖެ އަންނަ ފަތުރުވެރިންނާއި، ޑައިވަރުންވެސް ޑައިވްކޮށް އުޅޭ ސަރަހައްދަށްވުރެ ފުން، އަދި ހާއްސަ އާލާތްތަކެއް ހިފައިގެން ނޫނީ ޑައިވްކުރެވޭ ހިސާބެއްނޫނެވެ.
މިއީ ޕްރޮފެޝަނަލް ޑައިވަރުންނަށް ސަލާމަތާއި ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކާ އެކުގައި ނޫނީ ނުދެވޭހާ އަޑީގައި ހިމެނޭ ސަރަޙައްދެކެވެ. ކޭވް ފެށެނީ 45 މީޓަރު އަޑިންނެވެ. އަދި ކޭވްއިން ނިކުމެވޭއިރު 60 މީޓަރު އަޑިއަށް ދެވެއެވެ.
ޑައިވަރުން ހޯދުމަށްޓަކާ އެމްއެންޑީއެފްއިން ކުރިއަށްގެންދާ ހާއްސަ ސަރޗް އޮޕަރޭޝަންގެ ތެރެއިން ފުރަތަމަ ސަރޗް ޑައިވް މިހާރު ނިންމާލާފައިވާއިރު، ފުރަތަމަ ޑައިވްގައި ކޭވް ހުޅުވޭ ހިސާބަށް ގޮސް، އެތަން ލޮކޭޓްކޮށް ބެލޫން ލާ، ވަކި ހިސާބަކަށް އަޑިއަށްގޮސް ވަނީ ބަލާފައެވެ. އަދި ދެވަނަ ޑައިވްއެއް މިހާރު ވަނީ ފަށާފައެވެ.
ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު މި ދުވަސްވަރަކީ ރާއްޖޭގެ މޫސުންވެސް ގޯސް ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ.
މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނެއްކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކުރައްވާފައެވެ.
މި އޮޕަރޭޝަން ހިނގާ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ސްރީލަންކާގައި ހުންނަވާ އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުވެސް އެމްއެންޑީއެފްގެ އޮފިޝަލުންނާއެކު ޝިޕް ޣާޒީގައި މިއަދު ހުންނެވިއެވެ.
މި ހާދިސާ ހިނގުމާއެކު ދިވެހި ސަރުކާރުން ވަނީ ޑިޕޮމެޓިކް ޕާޓްނަރުންނާ އެކަމުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ. އަދި މި ސަރޗް އޮޕަރޭޝަން ކުރިއަށް ގެންދަނީ ދިވެހި ސަރުކާރާއި އިޓަލީވިލާތުގެ ސަރުކާރުންވެސް ވަރަށް ގާތުން މުއާމަލާތްކުރެވިގެންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި އިޓަލީވިލާތް ހިމެނެއެވެ.