ENGLISH
13 މޭ 2026
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން: މިހާރު ކުރިއަށްދަނީ ފެނާއި ނަރުދަމާ ހޮޅިތައް އެޅުމުގެ މަސައްކަތް
13 މޭ 2026
|
އެންމެ މަޤްބޫލު
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ފެނާއި ނަރުދަމާ ހޮޅިތައް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު މީސްމީޑިއާގައި އާއްމުކުރި މަޢުލޫމާތުގައި ބުނީ، މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ސެގްމެންޓް 2، 3 އަދި 4 ގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން، ޝީޓްޕައިލް ކުރުމުގެ މަސައްކަތުގެ 63 އިންސައްތަ ފުރިހަމަކޮށްފައިވާއިރު، އެއީ ޖުމްލަ 330 މީޓަރުގެ ސަރަހައްދެއް ކަމަށް އެމްޓީސީސީން ބުންޏެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ފެނާއި ނަރުދަމާގެ މައި ހޮޅިތައް އެޅުމުގެ އިތުރުން، ފެން ހިންދާ ވަޅުތަކާއި ކެޗްޕިޓްތައް ހެދުން ހިމެނެއެވެ. މީގެ އިތުރުން އެންކަރ ބްލޮކްތަކާއި ކީވޯލް (ބޭރުތޮށީގެ) ޕެނަލްތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
އެމްޓީސީސީން ބުނީ، މަޝްރޫޢުގެ މުހިންމު މަރުޙަލާއެއް ކަމަށްވާ ކީވޯލް ކެޕިންގް ކޮންކްރީޓް އެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެ ކަމަށެވެ. މިއީ މަގުގެ ދުވާރު ހެދުމުގެ މަސައްކަތަށް މަގުފަހިވެގެންދާނެ މުހިންމު މަސައްކަތަކަށްވުމާއެކު މަގުގެ ސަރަޙައްދު ޒީނަތްތެރިކުރުމުުގެ ގޮތުން ސެގްމަންޓް 5 ގައި ގަސް އިންދުމުގެ މަސައްކަތް ވެސް މިހާރު މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ފަށައި މިހާތަނަށް ވަނީ ދެ ސެގްމަންޓުގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލާފައެވެ. އެއީ، ރަސްމީ ފާލަން ހިމެނޭ އެމްއެމްއޭ ސަރަޙައްދާއި ކާރުބާރޫ ބޮޑު މާރުކޭޓު ސަރަޙައްދެވެ. މި ދެ ސަރަޙައްދު ހުޅުވާލުމުން ބޮޑެތި ލުއިތަކެއް ވަނީ ލިބިގެންގޮސްފައެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 22 ގައެވެ. ސެގްމަންޓުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކުރާނެއެވެ.