ENGLISH
13 މޭ 2026
ބޭންކް އޮފް މޯލްޑިވްސްގެ ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
13 މޭ 2026
|
ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން--ފޮޓޯ: ބީއެމްއެލް
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރ ކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން އެ ފަރާތްތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނިވި އެކި މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކުވެސް ހުޅުވައިލާ ފުރުސަތެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މި ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާ، ޖަމާޢަތްތަކާއި ކްލަބްތަކަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ބީއެމްއެލް އެދިފައިވެ އެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 ޖޫން، 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތާއި އުޞޫލުތަކުގެ އިތުރުން އެޕްލިކޭޝަން ފޯމު https://www.bankofmaldives.com.mv/bank-fund މިލިންކުން ލިބޭނެކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެ އެވެ.
ކޮންމެ އަހަރަކުވެސް ބޭންކް ފަންޑް ކާމިޔާބުކުރާ ފަސް ފަރާތަކަށް މިއެހީ ބޭންކުން ދެއެވެ. އެގޮތުން މި އެހީ ދެނީ ތަޢުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާއިން ނުވަތަ މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000 ރުފިޔާ އެވެ. މި ފަންޑު ހިންގަމުން އަންނަތާ މިހާރު ވަނީ ތިން އަހަރު ވެފަ އެވެ.
ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން--ފޮޓޯ: ބީއެމްއެލް
ރާއްޖޭގެ ޖަމިއްޔާތައް ބާރުވެރިކޮށް، މުޅި މުޖުތަމަޢު ހިމެނޭހެން ގައުމަށް ކުރިއެރުން ހޯދައިދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން މިފަދަ މަސައްކަތްތަކުން ހާމަކޮށްދެ އެވެ.
" ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް ގަބޫލުކުރާ ގޮތުގައި، ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލުކުރެވޭނީ މުޖުތަމައުގެ ބިންގަލުން ފެށިގެން ކުރެވޭ މަސައްކަތްތަކުން. 'ބޭންކް ފަންޑު' އަކީ ރަށްރަށުގެ ޖަމިއްޔާ ޖަމާއަތްތަކުން ގެންގުޅޭ އުފެއްދުންތެރި ހިޔާލުތައް، މުޖުތަމައަށް ފައިދާކުރަނިވި ކަންކަމަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމަށް އަޅުގަނޑުމެން ދޭ އިސްކަން ހާމަކޮށްދޭ ރަމްޒެއް. މި ފަންޑުގެ އެހީގައި މިހާތަނަށް މުޖުތަމައަށް ލިބިފައިވާ ހެޔޮ ބަދަލުތަކާ މެދު އަޅުގަނޑުމެން ފަޚުރުވެރިވަން. އަދި 2026 ވަނަ އަހަރުވެސް، އަޅުގަނޑުމެންގެ އުއްމީދަކީ މުޖުތަމައަށް ނަފާލިބޭނެ ދެމެހެއްޓެނިވި އިތުރު މަޝްރޫއުތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުން" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ، މުޖުތަމައުގެ ތަފާތު އެކި މަޝްރޫއުތައް ހިންގުމަށް މި ފަންޑުން ޖުމްލަ ނުވަ ޖަމްއިއްޔާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.