ENGLISH
13 މޭ 2026
ޙައްޖުވެރިން ތިބޭ ހޮޓަލުގެ އެންމެ ފަހުގެ ތައްޔާރީތައް ޙައްޖު މިޝަނުން ބައްލައްވާލައްވައިފި
13 މޭ 2026
|
ހައްޖުވެރިން ތިބޭ ހޮޓަލްގެ ތައްޔާރީތައް ހައްޖު މިޝަންއިން ބައްލަވާލެއްވުން-- ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ދިވެހި ޙައްޖާޖީން މައްކާގައި ތިބޭ ހޮޓަލުގެ އެންމެ ފަހުގެ ތައްޔާރީތައް، ރާއްޖޭގެ ޙައްޖު މިޝަނުން ބައްލަވާލައްވައިފި އެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ޙައްޖާޖީން މައްކާއަށް ދިއުމަށް ތާވަލްކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހެވެ. އެހެންކަމުން މި ހުކުރު ދުވަހު ޙާޖީން މައްކާއަށް އައުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެ މިޝަންއިން ބުނެފައިވެ އެވެ.
ދިވެހިރާއްޖޭގެ ޙައްޖު މިޝަން ޤާއިމުކޮށްފައިވަނީ ޙައްޖުވެރިން ތިބޭ އަލްބަލަދް އައްޠައްޔިބް އަޖިޔާދް ހޮޓަލުގަ އެވެ. ޙައްޖުވެރިންގެނަށް ފޯރުކޮށްދޭން ޖެހޭ ހުރިހާ ހިދުމަތެއް އެންމެ ރަނގަޅު ފެންވަރުގައި ދިނުމަށް ޙައްޖު މިޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޙައްޖުވެރިންނަށް ބޭނުންވާ އެންމެހާ އިންތިޒާމްތައް ޙައްޖާޖީން ތިބޭ ހޮޓަލުގައި ވަނީ ޤާއިމުކޮށްފަ އެވެ. ހޮޓަލުގެ ކޮޓަރިން ލިބޭ ހިދުމަތްތަކަށް ބަލާއިރު ކޮންމެ ޙާޖީއަކަށް ވަކިން އެނދު ހުރެ އެވެ. މީގެ އިތުރުން ކޮޓަރި ތެރޭގައި އަލަމާރި، ފުރިޖު، ޓީވީ، ފެންކައްކާ ޖަގުގެ އިތުރުން ފާޚާނާތަކުން ހޫނުފެންވެސް ލިބެން ހުންނާނެ ކަމަށް ޙައްޖު މިޝަނުން ބުނެފައިވެ އެވެ.
ކެއިންބުއިމުގެ އިންތިޒާމްތަކާއި ޞިއްޙީ ފަރުވާދޭ ކްލިނިކްގެ އިތުރުން ދީނީ ސެޝަންތައްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޙައްޖުވެރިން ތިބޭ ހޮޓަލުގަ އެވެ.
ސަރުކާރުން ޙައްޖަށްގެންދާ އެންމެހާ ފަރާތްތައް 2024ވަނަ އަހަރުން ފެށިގެން ޙައްޖަށް ގެންދަނީ ޙައްޖު ކޯޕަރޭޝަންއިންނެވެ. ދިވެހި ރާއްޖެއަށް ލިބޭ 1000 ކޯޓާގެ ދަށުން، ޙައްޖުވެރިންނަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމްތައް ކުރިއަށްގެންދަނީ ޙައްޖު ކޯޕަރޭޝަނާ ހަވާލުކޮށްގެންނެވެ. ޙާޖީން ތިބޭ ހޮޓެލަކީ 355 ކޮޓަރީގެ ހޮޓަލެކެވެ.
ޙައްޖު މިޝަނުން އަންނަނީ މައްކާގައި ދިވެހިންނަށް ބޭނުންވާ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމުގެ ތައްޔާރީތަކާއި ކަންކަން ވަރަށް ގާތުން ބައްލަވަމުންނެވެ. އެގޮތުން ޙައްޖުގެ އެކިއެކި އިންތިޒާމްތައް ހަމަޖައްސާ އެންމެހާ އިދާރާތަކާ ބައްދަލުކުރައްވައި އެންހެމާ އިންތިޒާމްތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގެންދޭތޯ ކަށަވަރުކުރަމުންނެވެ.
އެގޮތުން ޙައްޖުވެރިންގެ ތިބުމާއި، ސިއްހީ އިންތިޒާމްތަކާއި މިނާ އަދި އަރަފާތުގެ އެންމެހާ އިންތިޒާމުތަކާއި، ދަތުރުފަތުރާއި މައްކާ ރޫޓުގެ އެންމެހާ އިންތިޒާމްތަކުގެ ތައްޔާރީތައްވެސް ގެންދަވަނީ ބައްލަވަމުންނެވެ. އަދި ޙައްޖުވެރިންނަށް ދީނީ ތަފާތު ޕްރޮގްރާމްތަކެއް ގެނެސްދިނުމަށް، އެކަމުގެ ތައްޔާރީތައްވެސް އަންނަނީ ކުރައްވަމުންނެވެ.