ENGLISH

11 މޭ 2026

Advertisement

"ދިވެސް އަކުރު" ދިރުވައި އާލާކުރުމަށް ހާއްސަ ކޯހެއް ފަށައިފި

11 މޭ 2026

|

އާމިނަތު ނުޒްލާ

ދިވެސް އަކުރު ދަސްކޮށްދިނުމަށް ފެށުން-- ފޮޓޯ: ޕީއެސްއެމް

ދިވެހިރާއްޖޭގެ ތާރީޚީ ލިޔުންތަކުގައި ބޭނުންކޮށްފައިވާ ދުވަސްވީ "ދިވެސް އަކުރު" ދިރުވައި އާލާކުރުމަށް ހާއްސަ ކޯހެއް ފަށައިފި އެވެ.

ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ކޯސް ފަށާފައިވަނީ 20 ބައިވެރިންނާ އެކު އެވެ. މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 10 ދުވަހުގެ މުއްދަތަކަށެވެ.

ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދު ވިދާޅުވީ، މިއީ މީގެ ސާޅީހަކަށް އަހަރު ކުރިން ފެށިގެން މެދުކެނޑުމެއްނެތި ހިންގަމުން އަންނަ މުހިންމު ހަރަކާތެއް ކަމަށެވެ. މި އަކުރު ދަސްކުރުމަކީ ހަމައެކަނި މުޢާމަލާތްކުރަން ދަސްކުރުމުގެ ބަދަލުގައި، ދިވެހިންގެ މުއްސަނދި ތާރީޚަށް ލޯހުޅުވިގެންދާނެ ކަމެއްކަމަށް ފާހަގަކުރެއްވި އެވެ.

މިކޯހުގައި ބައިވެރިވި ހުރިހާ ބައިވެރިންވެސް ފަރުވާތެރިކަމާ އެކު ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކުރުމަށް އެކަޑަމީގެ ރައީސް ނަސޭހަތްތެރިވެފައިވެ އެވެ.

އެކަޑަމީގެ ރައީސް އިތުރަށް ފާހަގަކުރެއްވީ، މި ޕްރޮގްރާމަކީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ޕްރޮގްރާމެއް ކަމެވެ. މިފަހަރުވެސް 100 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބުނު ނަމަވެސް ކޯހުގައި ޖާގަ ދެވެނީ 20 މީހުންނަށް ވުމުން ، އެންމެ ފުރަތަމަ އެދުނު ވިހި ފަރާތަށް ޖާގަ ދެއްވީކަމަށް ވިދާޅުވި އެވެ.

ދިވެސް އަކުރު ދަސްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އެހެން ފަރާތްތަކަށް، ކުރިއަށް އޮތް ތަނުގައި މި ފުރުޞަތު ފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އެކަޑަމީން ވަނީ ދީފަ އެވެ.

ޤާނޫނީ ގޮތުން ބަހުގެ އެކަޑަމީގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދެއް ވާނީ މި ރޮނގުން ފުންނާބުއުސް ދެ ތަޖުރިބާކާރުންނެވެ. އެއީ މީގެ ކުރީގެ ގިނަ ބުރުތަކެއްގައި ވެސް ކިޔަވައިދެއްވާފައިވާ އަލްޤާރީ އަޙްމަދު ރަޝީދު ޢަބްދުލްޤާދިރާއި، އޭނާގެ އެހީތެރިޔާ ޚަދީޖާ ޙަސަން މަނިކެވެ.

ކިޔުންތެރިންގެ ހިޔާލު