ENGLISH
11 މޭ 2026
ކުދި ޖަޒީރާ ގައުމުތަކަށް ދޭ އެހީތެރިކަން އިތުރުކުރަން ގޮވާލައްވައިފި
11 މޭ 2026
|
ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް
އެންމެ މަޤްބޫލު
ކަނޑުތަކާ ގުޅޭ މިންގަނޑުތައް ކަނޑައަޅައި ހިންގުމުގައި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ ހާއްސަ އެހީތެރިކަން އިތުރުކުރުމަށް ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
ވަޒީރު މިކަމަށް އިލްތިމާސްކުރެއްްވީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ ބައްދަލުވުން އިފްތިތާހްކުރުމަށް މިއަދު ރާއްޖޭގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަވަމުން ނެވެ.
މި ބައްދަލުވުމުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމުގައި ދިވެހިރާއްޖެއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވި އެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި، މި ސަރަހައްދަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށް ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން ކަނޑުތަކުގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލައިފައިވާ ނިޒާމަކީ، ހުރިހާ ގައުމެއްގެ ހާއްސަ ބޭނުންތކަށް ރިއާޔަތްކުރެވޭ، އަދި ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ މައްސަލަތައް ހައްލުކުރުމަށް އެކަށޭނެ ނިޒާމަކަށްވުމަކީ މުހިންމުކަމެއްކަމުގައި ފާހަގަކުރައްވައި، މަސްވެރިކަމާ ގުޅޭ މުހިންމު ނިންމުންތަކުގައި ކުދި ޖަޒީރާ ގައުމުތަކުގެ ހަމަހަމަ ހިއްސާ ކަށަވަރުކުރުމަށް، މި ގައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ފޯރޮކޮށްދިނުމަކީވެސް މުހިންމުކަމެއްކަމުގައި ވަޒީރު ވިދާޅުވި އެވެ.
ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ޖަމުއިއްޔާތައް އެކުއެކީގައި އެއް ލަނޑުދަނޑިއެއް ހާސިލްކުރުމަށް މަސައްކަތްކުރުމަށްވެސް އެކަމަނާ ގޮވާލެއްވި އެވެ. އަދި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވަޒީރު އިރުތިޝާމް ދެއްވިއެވެ.
އައި.އޯ.ޓީ.ސީ. ގެ މި ބައްދަލުމުކީ މިމަހުގެ 11 އިން 15 އަށް ރާއްޖެގައި ބާއްވާ ބައްދަލުވުމެކެވެ. ދެހާސް އެގާރަވަނަ އަހަރުން ފެށިގެން އައި.އޯ.ޓީ.ސީ. ގެ މެމްބަރު ގައުމަކަށްވުމަށްފަހު ދިވެހިރާއްޖެއިން ދަނީ މި ޖަމުއިއްޔާގައި އިސް ދައުރެއް އަދާކުރަމުން ނެވެ. ހާއްސަގޮތެއްގައި ދެމެހެއްޓެނިވި މަސްވެރިކަމުގެ ދާއިރާއިން ކުދިޖަޒީރާ ގައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތެކެއްދަނީ ކުރަމުން ނެވެ.