ENGLISH
11 މޭ 2026
ނޫސް ކޮންފަރެންސްތަކަކީ ގާނޫނު މުގުރައި، ކޯޓުގެ ހުރުމަތް ކެނޑުމަށް އޮތް ފުރުސަތެއް ނޫން: ސައީދު
11 މޭ 2026
|
އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރައީސް އޮފީހުގައި ބާއްވާ ނޫސް ކޮންފަރެންސްތަކަކީ ގާނޫނު މުގުރައި، ކޯޓުތަކުގެ ހުރުމަތް ކަނޑައިލުމަށް އޮންނަ ފުރުސަތެއް ނޫންކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ "އަދަދު" ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކުރުމާއެކު، ގަޒުފުކޮށް ތައްޔާރުކޮށް އާއްމުކުރި ވީޑިޔޯއާ ގުޅޭ ގޮތުން ވާހަކަނުދެއްކުމަށް ކްރިމިނަލް ކޯޓުން އަމުުރުކޮށްފައިވަނިކޮށް އެ ވީޑިޔޯއާ ގުޅޭ ގޮތުން އެ ނޫހުގެ ނޫސްވެރިޔަކު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސާ ސުވާލުކުރުމާ ގުޅިގެންސް އެކްސްގައި ލިޔުއްވި ޕޯސްޓެއްގަައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ރައީސާ ސުވާލުކުރި ނޫސްވެރިޔާ ރައީސް އޮފީހުގައި ހުރެ، ކޯޓު އަމުރާ ހިލާފުވުމުން އެ މާލަމުން ނުކުތުމަށް ރައީސް އެދިވަޑައިތުމުން، ނުނިކުމެ ކޯޓު އަމުރާ ހިލާފަށް އިތުރު އެތައް ސުވާލުތަކެއް ރައީސާ ކުރަން ފެށުމުން އޭނާ އެތަނުން ނެރުނީ ރައީސް އޮފީހުގެ ސަލާމަތީ ކަންކަަން ބަލަހައްޓަވާ ބޭފުޅުންނެވެ.
ސައީދު ވިދާޅުވީ ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އަބަދުވެސް ޖާގަ ދެމުންދާނެ ކަމަށާއި، އެކަންކަމަކީ ޑިމޮކްރަސީއެއްގެ އެންމެ މުހިއްމު ވަރުގަދަ އަސާސްތައް ކަމަށެވެ.
ނަމަވެސް ލިބިފައި އޮންނަ މިނިވަންކަމުގެ ނާޖައިޒު ބޭނުންހިފައި، އެ މިނިވަންކަމުގެ ހިޔަންޏަށް ވަދެ ތިބެ، ސިޔާސީ ޕާޓީތަކުން ހަރަކާތްތައް ހިންގާ ގޮތަށް ނޫސްވެރިކަމުގެ މައިކު ބޭނުންކޮށްގެން ރައީސް އޮފީހުގެ ތެރޭގައި ހަޅުތާލުކޮށް ހަދާ މަދު ނޫސްވެރިން ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކުރަމުންދަނީ ނާޖާއިޒު ނުވަތަ ނަހަމަ ގޮތުގައިކަމަށް ވަޒީރު ތުހުމަތުކުރެއްވިއެވެ.
"ނޫސް ކޮންފަރެންސްތަކަކީ ޒާތީގޮތުން ދިމާކުރުމާ، ދޮގު ވާހަކަ ހަދަހަދައިގެން އިއްވުމާ، ޤާނޫނުތައް މުގުރުމާ، ކޯޓުގެ ޙުރުމަތް ކެނޑުމަށް އޮތް ފުރުޞަތެއް ނޫން.،" ވަޒީރު ވިދާޅުވިއެވެ.
އިތުރަށް ވަޒީރު ވިދާޅުވީ މީގެ ކުރީގެ އެއްވެސް ސަރުކާރެއްގައި ނޫސްވެރިންނަށް މައުލޫމާތު ނުދޭ މިންވަރަށް ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި އިތުރު މޮޑެރޭޝަނެއް ނެތި ސީދާ ރައީސް ހަފުތާއަކު އެއްފަހަރު ނޫސްވެރިންނާ ބައްދަލުކުރައްވައި ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށް ޖަވާބުދެއްވަނީ ސަރުކާރުގެ ހިދުމަތްތަކާއި ސިޔާސަަތުތަކާ ގުޅޭ މައުލޫމާތު ޒިންމާދާރު ނޫސްވެރިކަމުގެ ތެރެއިން ހާމަކޮށްދެއްވަން ބޭނުންފުޅުވާތީކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅާުވި ގޮތުގައި ރައީސް ނޫސްވެރިންނަށް ފަހިކޮށްދެއްވާ އެ އަގުހުރި ފުރުސަތުގެ ބޭނުން ނޫސްވެރިން ހިފަންވާނީ ރައްޔިތުންނަށް ފައިދާވާނެހެން ޝަރީއަތާއި ގާނޫނީ އަމުރުތަކާއި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތައި ބޯލެނބުމާއެކުއެވެ.