ENGLISH

09 މޭ 2026

Advertisement

ތެލެސީމިއާ ހުރި ހަތަރު ކުއްޖަކު މި އަހަރުގެ މިހާތަނަށް އުފަންވެއްޖެ

09 މޭ 2026

|

އައިމިނަތު ޝަފާ

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް - ފޮޓޯ: އައިޖީއެމްއެޗް

ތެލެސީމިއާގެ ހަތަރު ކުއްޖަކު މި އަހަރުގެ މިހާތަނަށް އުފަންވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

އިއްޔެ ފާހަގަކުރި ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް، ނެރުއްވި ހިތާބުގައި ވިދާޅުވީ މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ތެލެސީމިއާގެ ހަތަރު ކުދިން އުފަންވުމަކީ ވަރަށް ފުންކޮށް ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.

އެކަމާ ގުޅިގެން ހޭލުންތެރިކަން އިތުރުކޮށް ދުރާލައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމާއި ކައުންސިލިންގެ ހިދުމަތްތައް އިތުރުކުރުމަކީ އެ ގްރޫޕުގެ މައިގަނޑު އެއް ލަނޑުދަނޑި ކަމަށް ސީއީއޯ ވިދާޅުވި އެވެ.

އެގޮތުން ކައިވެނީގެ ކުރިން ދެވޭ ކައުންސެލިން ހިމެނޭހެން ތެލެސީމިއާ ކޮންޓްރޯލްކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމުގެ ހާއްސަ ނިޒާމެއް މިއަހަރުގެ ތެރޭގައި ގާއިމުކުރައްވާނެކަމަށް ވިދާޅުވި އެވެ.

"މިއީ މުޅި މުޖުތަމައު ހޭލުންތެރިވާންޖެހޭ ވަރަށް މުހިއްމު ކަމެއް. މި ކުދިން ތަހައްމަލު ކުރަމުންދާ ދަތިތަކުން މުސްތަގުބަލުގެ ޖީލުތައް ސަލާމަތްކުރުމަށްޓަކައި ކައިވެނީގެ ކުރިން ޓެސްޓުކުރުމާއި ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމަ އަށް ބޯލެނބުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް. މި ކަމުގައި މުޅި މުޖުތަމައު ގުޅިގެން މަސައްކަތްކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން." ބްލަޑް ސާވިސްގެ ހިންގުމާ މިދިޔަ އަހަރުގެ ޖުލައި މަހު ހަވާލުވި ސީއީއޯ އަބްދުއްރައްޒާގް ވިދާޅުވި އެވެ. 

މުޅި މުޖުތަމަޢަށް ސީއީއޯ އިލްތިމާސް ކުރެއްވީ، ތެލަސީމިއާ ބަލީގެ ފަރާތްތަކުން ތަޙައްމަލު ކުރަމުންދާ ދަތިތަކުން މުސްތަގްބަލް ސަލާމަތްކުރުމަށްޓަކައި ކައިވެނީގެ ކުރިން ޓެސްޓް ކުރުމާއި، ސިއްހީ މާހިރުންދޭ އިރުޝާދުތަކަށް ބޯލެނބުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކުމަށެވެ.

ބްލަޑް ސާވިސް އިން މިދިޔަ ޖެނުއަރީ މަހު ހިއްސާކުރި މައުލޫމާތުތައް ދައްކާ ގޮތުން، އެ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ތެލެސީމިއާގެ އެކްޓިވް ކޭސްގެ ގޮތުގައި ރަޖިސްޓްރީވެފައި ތިބީ 650 މީހުން ނެވެ. އަދި މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެ ލިސްޓުގައި އަލަށް 40 ކުއްޖަކު ހިމެނިފައިވާ ކަމަށް، އޭރު ހިއްސާކުރި މައުލޫމާތުތަކުން ދައްކަ އެވެ.

ތެލަސީމިއާ ސެންޓަރުން ދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ރާވާފައިވާ މަސައްކަތްތައްވެސް ސީއީއޯ ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން ލޭ ހަދިޔާކުރާ ފަރާތްތަކުގެ ހާއްސަ ދަފްތަރެއް ޑިޖިޓަލައިޒް ކުރުމާއި، މި ޖޫން މަހުގެ ތެރޭގައި ދިވެހި ހެމަޓޮލޮޖިސްޓެއްގެ ބެއްލެވުމުގެ ދަށުން ތެލަސީމިއާ ސެންޓަރުގައި ޚިދުމަތް ދޭންފަށާނެކަމަށް ވިދާޅުވި އެވެ.

ކުރިއަށް އޮތް ދިހަ ދުވަހުގެ ތެލަސީމިއާ ސެންޓަރުގައި އެތެރެހަށީގެ ބަލިތަކާއި، ކުޑަކުދިންގެ ބަލިތަކަށް ޙާއްސަ އޮންކޯލް ހިދުމަތް ފައްޓަވާނެ ކަމުގެ ޔަގީންކަން ވެސް ސީއީއޯ ދެއްވާފައިވެ އެވެ.

ދިވެހި ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލްއެއް ތަރައްޤީކޮށް ދިނުމެވެ. ބޯންމެރޯ ޓްލާންސްޕްލާންޓް ހެދުމަށް ދައުލަތުގެ ޚަރަދުގައާއި ޒަކާތު ފަންޑުގެ އެހީގައި ހަރަދުކޮށް، އެ ހިދުމަތް ދެމުން އަންނަ ކުދިން އިތުރުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު