ENGLISH

09 މޭ 2026

Advertisement

ވޯލްޑް ކަޕަށް އުރުގުއޭއިން ބޭނުންވާނަމަ ނޫނެކޭ ނުބުނާނަން: ސުއަރޭޒް

09 މޭ 2026

|

އިސްމާއިލް ޝާހު

އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ---

ބައިނަލްއަގުވާމީ ފުޓްބޯޅައިން މީގެ ކުރިން ރިޓަޔާކުރި ތަޖުރިބާކާރު ފޯވާޑް ލުއިސް ސުއަރޭޒް، މި އަހަރުގެ ފީފާ ވޯލްޑް ކަޕަށް އުރުގުއޭގެ ގައުމީ ޓީމަށް އެނބުރި އަންނަން ބޭނުންވާކަން ހާމަކޮށްފިއެވެ.

އުމުރުން މިހާރު 39 އަހަރުގެ އިންޓަރ މަޔާމީގެ ފޯވާޑް ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކުރީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެފަހަރު އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ހެޑް ކޯޗު މާސެލޯ ބިއެލްސާއަށް ތުހުމަތުތަކެއް ކުރިމަތިކުރުމަށްފަހުއެވެ. އެގޮތުން ސުއަރޭޒް ވަނީ ބިއެލްސާގެ ސަބަބުން ޓީމު ބައިބައިވެފައިވާ ކަމަށް ބުނެފައެވެ.

ނަމަވެސް ސުއަރޭޒް މިހާރު ވަނީ އޭނާ ކުރިން ދެއްކި ވާހަކަތަކަށް މައާފަށް އެދި، އޭނާގެ ގައުމުން ބޭނުންވެއްޖެ ނަމަ "ދުވަހަކުވެސް ނޫނެކޭ ނުބުނާނެ" ކަން ކަށަވަރުކޮށްދީފައެވެ.

"އެ ވަގުތު އަހަރެން އެއްފަރާތަކަށް ޖެހިލީ ޒުވާން ޖީލަށް ޖާގަ ދިނުމަށް. ބުނަން ނުޖެހޭ ވާހަކައެއް ބުނެވުމުން. މާފަށް އެދެން ޖެހުނު މީހުންގެ ކިބައިން މައާފަށް އެދެފިން." ސުއަރޭޒް ބުންޏެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލިތާ 19 މަސް ދުވަސް ފަހުން އަލުން ގައުމީ ޓީމަށް އެނބުރި އަންނަން ބޭނުންވާ ކަމަށް ސުއަރޭޒް ބުނިއިރު، ގައުމީ ޓީމުގައި ހޭދަކުރި 17 އަހަރުގައި އޭނާ ވަނީ އެ ޓީމަށް 142 މެޗުން 69 ލަނޑު ޖަހާފައެވެ. އޭނާ އަކީ އުރުގުއޭއަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރިކޯޑު އޮންނަ ކުޅުންތެރިޔާއެވެ. އަދި ސުއަރޭޒް ވަނީ އުރުގުއޭ ޓީމަށް 2010، 2014، 2018 އަދި 2022 ވަަަަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅެފައެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް އުރުގުއޭ ކޮލިފައިވީ ދެކުނު އެމެރިކާ ކޮލިފައިންގެ ހަތަރުވަނަ ހޯދައިގެންނެވެ. އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މި އަހަރު ބާއްވާ މުބާރާތުގެ ގްރޫޕް އެޗްގައި އުރުގުއޭ ހިމެނޭއިރު، އެ ގްރޫޕުގައި ދެން ހިމެނެނީ ސައުދީ އަރަބިއްޔާ، ކޭޕް ވާޑޭ، އަދި ސްޕެއިންއެވެ.

ކިޔުންތެރިންގެ ހިޔާލު