ENGLISH

09 މޭ 2026

Advertisement

އޮޕަރޭޝަން ކުރަނގި: 98 އިންސައްތަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގައިފި

09 މޭ 2026

|

ސުވެއިދާ ހުސެއިން

އޮޕަރޭޝަން ކުރަނގި: 98 އިންސައްތަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގައިފި: މިއީ 2 އަހަރު ތެރޭގައި ކުރައްވާފައިވާ ޤައުމީ ސަލާމަތަށް ކޮންމެހެން ބޭނުންވާ ބުރަ މަސައްކަތެއްކަން އެވުޒާރާއިން ފާހަގަކުރޭ--

އޮޕަރޭޝަން ކުރަނގީގެ ދަށުން 98 އިންސައްތަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގާފައިވާކަމަށް، ދާޚިލީ ސަލާމަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ  ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ އެއްކުރުމަށް، ރައީސުުލްޖުމްހޫރިއްޔާ ފައްޓަވަދެއްވި މަސައްކަތުގެ ދަށުން 98 އިންސައްތަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގާފައިވާކަމަށެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ފޮޓޯ އަދި 10 އިނގިލީގެ ނިޝާން ނެގުމާއި، ހުއްދަ އޮތް ވިސާއެއްގައި ހުރެ ހުއްދަ ގަވާއިދާ ޚިލާފް މަސައްކަތްކުރާ ބިދޭސީން ހޯދައި ރާއްޖެއިން ޑިޕޯޓް ކުުރުމުގެ އިތުރުން  ސައްހަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ބޭރުކުރުމެވެ.

ވުޒާރާއިން ހާމަ ކުރިގޮތުގައި  މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ދޫކުރެވިފައިވާ ވޯކްޕާމިޓް ތަކުގެ ޖުމުލަ އަދަދަކީ 295،678 އެވެ. ނަމަވެސް މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މި އަދަދު ހުރީ 232،884ގައެވެ. މީގެތެރޭގައި ހިމެނޭ އަސްލު ނުވަތަ އޮތެންޓިސިޓީ ކަށަވަރުނުވާ 2012 ވަނަ އަހަރުގެ ކުރީގެ ވޯކްޕާމިޓް ތަކުގެ އަދަދު 2023 ވަނަ އަހަރު 86،741 ގައި ހުރިނަމަވެސް މިއަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް މި އަދަދު ހުރީ 19,904 ގައެވެ.

އޮތެންޓިސިޓީ ކަށަވަރުވެފައިވާ ވޯކްޕާމިޓްތަކުގެ ތެރެއިން ޤަވާއިދާއި އެއްގޮތަށް ވިސާފީ އަދި ވޯކްޕާމިޓް ފީ ދައްކާފައިވާ ވޯކްޕާމިޓްތަކުގެ އަދަދު 2023 ވަނަ އަހަރު ނޮވެންބަރު 12 އާއި ަހަމައަށް  ހުރީ 60,520 ގައެވެ.  މިއީ 20 އިންސައްތައެވެ. މި އަދަދު މި އަހަރުގެ މެއި މަހުގެ 01ވަނަ ދުވަހުގެ ނިޔަލަށް ހުރީ 66 އިންސައްތައަށް އަރާފައެވެ. މާނައަކީ 152,634 މީހުންނަކީ މިހާރު ޤަވާއިދާއި އެއްގޮތަށް ވިސާފީ އަދި ވޯކްޕާމިޓް ފީ ދައްކާފައިވާ ފަރާތްތަކެވެ.

ޤަވާއިދާއި އެއްގޮތަށް ވިސާފީ އަދި ވޯކްޕާމިޓް ފީ ދައްކާފައިނުވާ ވޯކްޕާމިޓްގެ ކުރިން  ހުރީ 235,158ގައެވެ. އެހެންކަމުން  ނިމިދިޔަ އެމްޑީޕީ ސަރުކާރު ނިމުނުއިރު 80 އިންސައްތަ މީހުންނަކީ ޤަވާއިދާއި އެއްގޮތަށް ވިސާފީ އަދި ވޯކްޕާމިޓް ފީ ދައްކާފައިނުވާ ވޯކްޕާމިޓްގެ ތެރޭގައި އުޅެމުން އައި މީހުންނެވެ. މިއަދަދު މިހާރު ހުރީ 80,250 ގައެވެ. އެއީ 34 އިންސައްތަ މީހުންނެވެ. މީގެ ތެރޭގައި މިމަހުގެ އެކެއްގެ ނިޔަލަށް ފީ ހަމަވެފައިވާ މީހުންވެސް ހިމެނެއެވެ.

މިއީ ރާއްޖޭގައި ޒަމާންވީ ބޮޑު މައްސަލައަށް 2 އަހަރު ތެރޭގައި  ގެނެވުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

އެކްޓިވް ވޯކްޕާމިޓް އޮތް އަދި 10 އިނގިލީގެ ނިޝާނާއި ފޭޝަލްރެކޮގްނިޝަނަށް ބޭނުންވާ ސާފު ފޮޓޯ ނެގިފައިވާ ބިދޭސީ މަސައްކަތްތެރިން 2023ވަނަ އަހަރުގެ ނޮވެންބަރުގެ ނިޔަލަށް ހުރީ 27,200ގައެވެ. މިއީ އޭރު ދޫކުރެވިފައިވާ އެކްޓިވް ވޯކްޕާމިޓުތަކުގެ އެންމެ 13 އިންސައްތަ ބިދޭސީންނެވެ. މިހާރު މި އަދަދުވަނީ 202,224އަށް އަރާފައެވެ. މާނައަކީ ސައްހަކަން ކަށަވަރުކުރެވިފައިވާ އެކްޓިވް ވޯކްޕާމިޓް އޮތް 10 އިނގިލީގެ ނިޝާން އަދި ފޭޝަލްރެކޮގްނިޝަށް ބޭނުންވާ ސާފު ފޮޓޯ ނެގިފައިވާ 2މީހުންގެ އިންސައްތަ ވަނީ 13 އިން 95 އިންސައްތައަށް އިތުރުކުރެވިފައެވެ.

މިއީ ހޯމް މިނިސްޓްރީގެ ފޮރިން ލޭބަރ ޑިޕާޓްމަންޓާއި އިމިގްރޭޝަން އަދި ކައުންސިލްތަކުގެ މުވައްޒަފުން، ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެދަށުން 2 އަހަރު ތެރޭގައި ކުރައްވާފައިވާ ޤައުމީ ސަލާމަތަށް ކޮންމެހެން ބޭނުންވާ ބުރަ މަސައްކަތެއްކަން އެވުޒާރާއިން ފާހަގަކުރެއެވެ.

ކުރިން ސައްޚަކަން ކަށަވަރުކުރެވިފައިވާ އެކްޓިވް ވޯކްޕާމިޓް އޮތް 10 އިނގިލީގެ ނިޝާން އަދި ފޭޝަލްރެކޮގްނިޝަނަށް ބޭނުންވާ ސާފު ފޮޓޯ ނެގިފައިނުވާ ބިދޭސީ މަސައްކަތްތެރިންގެ އަދަދު ހުރީ 181,737ގައެވެ. އެއީ ކާކުކަން ސައްޚަކޮށް ނޭނގޭ އަދި ހުރިތަނެއްވެސް ނޭނގޭގޮތަށް މި އަދަދަށް މީހުން އޭރު ރާއްޖޭގައި ދިރިއުޅެމުން އައިކަމުގެ ބިރު އޮތްކަމެވެ. މިއީ އެވަގުތު ރާއްޖޭގައި އުޅެމުން އައިކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިންގެ އާބާދީގެ 87 އިންސައްތައެވެ. މިއީ އެތައް ސަރުކާރެއް ނިމިގެން ދިޔައިރުމިކަމަށް އިހުމާލުވެފައިވާ ކަމުގެ ބޮޑުކަން ދައްކައިދޭ ކަމެކެވެ.

އެކްޓިވް ވޯކްޕާމިޓް އޮތް ދިހަ އިނގިލީގެ ނިޝާން އަދި ފޭޝަލްރެކޮގްނިޝަނަށް ބޭނުންވާ ސާފު ފޮޓޯ ނެގިފައިނުވާ އަދި މިވަގުތު ރާއްޖޭގައި ދިރިއުޅެމުން އަންނަކަން ކަށަވަރު ކުރެވިފައިވާ ބިދޭސީ މަސައްކަތްތެރިން އަދަދު މެއި މަހުގެ ނިޔަލަށް  ހުރީ 2،895ގައެވެ. އެއީ އެއް  އިންސައްތައިގެ މީހުންނެވެ. މިއީ ދުނިޔޭގައި މިކަންކަން އެންމެ ރަނގަޅަށް ބަލަހައްޓަމުން އަންނަ ޤައުމުތަކުގެ ލިސްޓުގެ އެއްމެކުރީގައިވާ ސިންގަޕޫރުގައިވެސް މިއަދަދު ހިފެހެއްޓިފައި ހުރިވަރުކަން ފާހަގަކޮށްލެވެއެވެ.

ދާހިލީ ވުޒާރާއިން އިތުރަށް ބުނީ އޮޕަރޭޝަން ކުރަނގި ފޭސް ތިނެއްގައި ކުރިއަށްދާނީ 2895 މީހުން ހޯދައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތާއި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ހޯދައި ޑީޕޯޓު ކުުރުމުގެ އިތުރުން ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު