ENGLISH
09 މޭ 2026
ނޭވާހިއްލުމުގެ ބަލީގައި ކުރިއާލަައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިއްމު: ފަސްޓް ލޭޑީ
09 މޭ 2026
|
"ދުނިޔޭގެ ނޭވާހިއްލުމުގެ ދުވަސް 2026" ފާހަގަކުރުމަށް ބޭއްވި ސިމްޕޯޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި،ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު: އެކަމަނާ ވިދާޅުވީ ނޭވާހިއްލުމުގެ ބަލިޖެހުމުގެ ކުރިން ދުރާލާ ފަރުވާތެރިވެ، ރައްކާތެރިވުން މުހިންމު ކަމަށް-- ފޮޓޯ، ރައީސް އޮފީސް
އެންމެ މަޤްބޫލު
ނޭވާހިއްލުމުގެ ބަލި(އެސްތަމާ)އަށް ފަރުވާކުރުމުގައި ހަމައެކަނި ބަލިޖެހުމުން ފަރުވާ ހޯދުމުގެ ބަދަލުގައި، އެ ބަލި މެނޭޖްކުރުމުގައި ދުރާލާ ރޭވިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަންދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިފަދައިން އިލްތިމާސްކުރެއްވީ "ދުނިޔޭގެ ނޭވާހިއްލުމުގެ ދުވަސް 2026" ފާހަގަކުރުމަށް ބޭއްވި ސިމްޕޯޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ދިވެހިރާއްޖޭގައި ނޭވާހިއްލުމުގެ ބަލި ތަޙައްމަލުކުރަމުންދާ މިންވަރުގެ މައްޗަށް އަލިއަޅުވައިލައްވަމުން،އެކަމަނާ ވިދާޅުވީ މި ބަލީގެ ސަބަބުން ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުންގެ ނިސްބަތް އިތުރުވަމުންދާއިރު، އެބައްޔަށް ފަރުވާ ހޯދާ ކުޑަަކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
ޖައްވު ތަޣައްޔަރުވުމާއި، ވައިގެ ނުސާފުކަމާއި، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނޭވާލާ ނިޒާމުގެ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކަށް އެކަމަނާ އަލިއަޅުއްވާލައްވަމުން، މިކަންކަމަަކީ ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވުމަށް ދިމާވާ މައިގަނޑު ސަބަބުތައްކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިންވެސް ފާހަގަކުރާކަމަށް އެކަމަނާ ވިދާޅުވިއެވެ.
ވިރާސީ ގޮތުން އެލާޖީއަށް ފަހިވުމާއި، އެލާޖީތައް އުފެދުމާއި، އެކްޒީމާ ފަދަ ކަންކަމަކީ ރާއްޖޭގައި އާއްމު އަދި އެކަންކަމުގެ ސަބަބުން ނޭވާހިއްލުން އިތުރުވާ ކަންކަން ފާހަގަކުރައްވައި ސާޖިދާ ވިދާޅުވީ މިކަންކަމަކީ ތިމާވެށީގެ އެކި ސަބަބުތަކާ ގުޅިގެން އިތުރަށް ގޯސްވާ ކަންކަން އެނގޭ ކަމަށެވެ.
މިއަހަރުގެ ނޭވާހިއްލުމުގެ ދުވަހުގެ ޝިއާރު ކަމަށްވާ "ނޭވާހިއްލުމުގެ ބަލި ހުންނަ ކޮންމެ މީހަކަށްވެސް އިންހޭލާ ލިބުމުގެ މަގު ފަހިކޮށްދިނުން - އަދިވެސް އަވަސް ޒަރޫރަތެއް" މި މައުޟޫޢަށް ރިވެލިކުރައްވަމުން އެކަމަނާ ވިދާޅުވީ އިންހޭލާ ބޭނުންކުރުމާ ބަަލިމީހުން ދުރުކުރުވަނީ އެކަމާމެދު މުޖުތަމައުގައި އޮންނަ ނުރަނގަޅު ތަސައްވުރާއި ސައްހަ ނޫން މައުލޫމާތު އާއްމުވުމުގެ ސަބަބުން ކަމަށެވެ.
އިންހޭލާއަކީ ރައްކާތެރި، އަދި އެއިން ނަތީޖާ ނެރެވޭ، އެއަށްް ދެވިހިފުމުގެ މައްސަލައެއް މެދުވެރިނުވާ އެއްޗެއްކަމާއި، އެއީ ނޭވޭހިއްލުމުގެ ބަލި ކޮންޓްރޯލުކޮށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭ އެއްޗެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
"ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތަކާއި ނިދުމުގެ މައްސަލަތަކަށް ހާއްސަ "ސްލީޕް ލެބް" ފަދަ ހިދުމަތްތައް ގާއިމުކުރުމަކީ، ބަލިމީހުންނަށް ފުރިހަމަ ފަރުވާ ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް. ނަމަވެސް، ނޭވާލާ ނިޒާމުގެ ބަލިތަކަށް ދެވޭ ފަރުވާގެ ބޭނުން ރާއްޖޭގެ ރަށްތަކުގައި އެންމެ އެދެވޭ ގޮތެއްގައި ހިފަމުން ނުދާކަން ފާހަގަ ކުރެވޭ. އަދި ބަލީގެ ކުރީކޮޅު ސިއްހީ އެހީތެރިކަން ހޯދުން ލަސްވުމުގެ ސަބަބުން، ދުރާލައި ސިއްހަތު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ބަދަލުގައި، ކުއްލި ހާލަތްތަކުގައި ފަރުވާ ހޯދަންޖެހޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވޭ" - ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
އިތުރަށް އެކަމަނާ ވިދާޅުވީ މި ސިމްޕޯޒިއަމަކީ ހަމަައެކަނި މަޝްވަރާތަކެއް ކުރެވޭ ސިމްޕޯޒިއަމަކަށްނުވެ، މާނަހުރި އަމަލީ މަސައްކަތްތަކަކަށް މަގުފަހިކޮށްދީ، މިހާރަށްވުރެ ދުޅަހެޔޮ އުފާވެރި ދިވެހިރާއްޖެއެއް ބިނާކުރުމުގެ އަޒުމު ވަރުގަދަކޮށްދޭ ސިމްޕޯޒިއަމަކަށްވާނެ ކަމުގައި އުންމީދުކުރައްވާ ކަމަށެވެ.