ENGLISH
09 މޭ 2026
ބީއެމްއެލްއިން ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދަނީ ދައުލަތަށް ފައިސާ ހޯދާކަަށް ނޫން: ޒަމީރު
09 މޭ 2026
|
މާލީ ކަންކަމާއި އަދި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވަަޒީރު މޫސާ ޒަމީރު
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސްއިން ބައިނަލްއަގުވާމީ މާލީ ބާޒާރަށް ނުކުތީ ދައުލަތަށް ދަރަންޏަށް ފައިސާ ނަގައިދިނުމުގެ ބޭނުމުގައި ނޫންކަމަށާއި، އެއީ ބޭންކުގެ ތަރައްގީއަށާއި، ރާއްޖޭގެ އިގުތިސާދީ ކުރިއެރުމުގައި ބޭންކުން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށް ބޭންކުން އަޅަމުންދާ ފިޔަވަޅެއްކަމަށް މާލީ ކަންކަމާއި އަދި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވަަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އޭޕްރީލު މަހުގެ ފަހުކޮޅުން ފެށިގެން މޭ މަހުގެ ކުރީ ކޮޅާ ހަމަައަށް ބީއެމްއެލްއިންވަނީ ދުނިޔޭގެ މުހިއްމު މާލީ މަރުކަޒުތަކުގައި "ނޮން-ޑީލް ރޯޑް ޝޯ"އެއް ކުރިއަށްގެންގޮސްފައެވެ. މިއީ ބައިނަލްއަގުވާމީ މާލީ ބާޒާރުން ބީއެމްއެލްއަށް ފައިސާ ހޯދުމަށް ހިންގި ހަރަކާތެކެވެ. ބައެއް މީހުން މި ހަރަކާތުގެ މަގުސަދު އޮޅޭ ގޮތަށް މިއީ ސަރުކާރަށް ފައިސާ ހޯދައިދޭން ބީއެމްއެލްއިން ހިންގަމުންދާ ކަމެއް ކަަމަށް ތުހުމަތުކޮށްފައިވެއެވެ.
އެ ވާހަކަތަަކުގެ ހަގީގަތް ބަޔާންކޮށްދެއްވަައި ޒަމީރު ވިދާޅުވީ ބީއެމްއެލްއިން ކުރާ މަސައްކަތަކީ ބޭންކުގެ ކުރިއެރުން ދެމެހެއްޓުމާއެކު، ރާއްޖޭގެ އިގުތިސާދީ ތަރައްގީގައި ބޭންކުން އަދާކުރާ ދައުރު ފުޅާކޮށް، އެކި ވިޔަފާރިތަކާއި ސިނާއަތްތަކުގެ ކުރިއެރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ އިސްތިރާޖީ މުހިއްމު މަސައްކަތެއް ކަމަށެވެ.
" މިއީ ދައުލަތުން ދަރަންޏަށް ފައިސާ ހޯދުމަށް ހިންގާ ހަރަކާތެއް ނޫން. މިއީ ބޭންކަކީ ރާއްޖޭގެ އިގްތިސާދަށް ނުހަނު މުހިންމު އަދި ހަރުދަނާ މުއައްސަސާއެއްކަމަށް ވީ ހިނދު ސަރުކާރުގެ ފުރިހަމަ އިތުބާރާއެކު، ބޭންކް އޮފްމޯލްޑިވްސްގެ ރައުސްމާލު އިތުރުކުރުމަށް އެ ބޭންކުން ކުރާ މަސައްކަތެއް،" ޒަމީރު ވިދާޅުވިއެެވެ.
ޒަމީރު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ އިގުތިސާދީ ހަރަކާތްތައް ހާއްސަކޮށް ރާއްޖޭގެ އިގުތިސާދުގެ އެންމެ މުހިއްމު ދާއިރާކަމުގައިވާ ފަތުރުވެރިކަމުގެ ތަރައްގީގައި ބޭންކުން މިހާރު އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާކޮށް، އެ ސިނާއަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން އަޅާ މުހިއްމު ފިޔަވަޅެކެވެ.
އޭޕްރީލު މަހުގެ 29 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ދުނިޔޭގެ މާލީ މަރުކަޒުތައްކަމަށްވާ ސިންގަޕޫރާއި ހޮންކޮންގާއި ލަންޑަނުގައި ކުރިއަށްގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ"ގެ މައިގަނޑު މަގުސަދެއްކަމަށް ބީއެމްއެލްއިން ބުނީ ބޭންކުގެ ހިދުމަތްތައް އިތުރުކޮށް ފުޅާކުރުމެވެ.
މިދިޔަ އޭޕްރީލު މަހުގެ ނިޔަލަށް ބީއެމްއެލްއިން ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކުރި ލޯނުގެ އަދަދު 594 މިލިއަން ޑޮލަރަށް އަރައެވެ. މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލު މަހުގެ ނިޔަލަށް އެ ދާއިރާގެ ވިޔަފާރިތަކަށް 35 މިލިއަން ޑޮލަރު ބޭންކުން ދޫކޮށްފަައިވެއެވެ.
ބައިނަލްއަގުވާމީ ބާޒާރުން ފައިސާ ހޯދުމަށް ބޭންކުން މަސައްކަތްކުރާއިރު 2025 ވަނަ އަހަރަކީ ބޭންކުގެ 43 އަހަރުގެ ތާރީހުގައި އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ. ބޭންކުގެ ފައިދާގެ ނިސްބަތާއި، ބޭނުންކުރެވޭ ގޮތަށް ފައިސާ ހުރި މިންވަރާއި، ރައުސުލް މާލު ހުންނަންޖެހޭ މިންވަރު މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ އުސޫލުތަކުން ބަޔާންކުރާ މިންގަނޑުތަކަށްވުރެ މަތީގައި ބޭންކުން އަންނަނީ ހިފަހައްޓަމުންނެވެ. އަދި ބޭންކުން އަދާކުރަންޖެހޭ ބޭރުގެ ދަރަންޏެއް ނެތެވެ.
މި ހުރިހާ ކަމެއްގެ ސަބަބުުން ބައިނަލްއަގުވާމީ މާލީ ބާޒާރުން އެކަށީގެންވާ މިންގަނޑުގައި ބޭންކުގެ ވިޔަފާރި ފުޅާކޮށް ހިދުމަތްތައް އިތުރުކޮށް އިގުތިސާދީ ތަރައްގީއަށް ހިއްސާކުރުމަށް ބޭނުންވާ ފައިސާ ބޭރުގެ ބާޒާރުތަކުން ރަނގަޅު އަގެއްގައި ހޯދުމަށް އޮތް ފުރުސަތު ބޮޑެވެ.