ENGLISH

09 މޭ 2026

Advertisement

އައްޑޫ އަދި ދެކުނުގެ ވިޔަފާރިތަކަށް ހާއްސަަ ފޯރަމެއް އައްޑޫގައި ބާއްވަނީ

07 މޭ 2026

|

އަޙުމަދު ޙަމީދު

އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް

އައްޑޫ ސިޓީއާއި ދެކުނުގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ބާއްވާ ވިޔަފާރި ފޯރަމެއް މި މަހުގެ 13 އަދި 14 ވަނަ ދުވަހު އައްޑޫގައި ކުރިއަށްގެންދަން ނިންމާފައިވާކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވުމަށް މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މި އަހަރާއި އަންނަ އަހަރަކީ އައްޑޫގެ އިގުތިސާދު ކުރިއެރުވުމަށް އެ ސަރަހައްދުގައި ހާއްސަ މަސައްކަތްތަކެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. 

އިތުރަށް ސައީދު ވިދާޅުވީ އައްޑޫ ނޫނަސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވިޔަފާރި ފުޅާކޮށް އިގުތިސާދީ ހަރަކާތްތައް އިތުރުކުރުމަށް އެ ސަރަހައްދުތަކުގައި ވިޔަފާރި ފެށުމަށާއި ފުޅާކުރުމަށް އިންސެންޓިވްތަކެއް ތައާރަފުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. 

"އެހެންވީމާ އަޅުގަނޑުމެން މި ގަސްތުކުރަނީ އެކަން ފެށުމަށްޓަކައި މިމަހުގެ އެއީ މި މޭމަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަސް އައްޑޫގެ ވިޔަފާރިވެރިންނަށް އަދި ދެކުނުގެ ވިޔަފާރިވެރިންނަށް އަދި އައްޑޫ ސިޓީއަށް ނިސްބަތްވާ މާލޭގައި ވިޔަފާރިކުރައްވާ ބޭފުޅުންނާއި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާއި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނަށް ބައިވެރިވެވޭ ގޮތަށް މިފޯރަމް ކުރިއަށްގެންދަން ގަސްތުކުރަނީ،" ސައީދު ވިދާޅުވިއެވެ. 

މި ފޯރަމުގައި އިންވެސްޓުމެންޓާއި ވިޔަފާރިއާ ގުޅޭ މައުލޫމާތުތައް ދިނުމުގެ އިތުރަށް މަސައްކަތްތެރިކަމާއި ފަންނިއްޔާތު (ޓެކްނޮލޮޖީ)ގެ މައުލޫމާތުތައް ދިނުމަށްވެސް ހަމަޖެހިފައިވާތީ ދާހިލީ ސަލާމަތާ ބެހޭ ވުޒާރާއިންވެސް މި ފޯރަމުގައި ބައިވެރިވާނެ ކަމަށެވެ. 

ސައީދު ވިދާޅުވީ ވުޒާރާއިން މަސައްކަތްކުރަނީ މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި އިމާރާތްކުރުމާ ބެހޭ ވުޒާރާގެ އިތުރަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާވެސް މި ފޯރަމުގައި ބައިވެރިކުރުމަށް ކަމަށެވެ. އަދި މީރާއާއި މާލީ ވުޒާރާވެސް ފޯރަމުގައި ބައިވެރިވިކޮށް ވީހާވެސް ގިނަ ދާއިރާތަކުން މައުލޫމާތު ފޯރުކޮށްދިނުމަކީ ވުޒާރާގެ އަމާޒެއް ކަމުގައި ސައީދު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު