ENGLISH
02 މޭ 2026
ސިޔާސީ މުވައްޒަފުންނަށް ހަރަދުކުރަނީ ސަރުކާރުގެ ޖުމްލަ ހަރަދުގެ 0.9 އިންސައްތަ: ވަޒީރު ޒަމީރު
02 މޭ 2026
|
މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު
އެންމެ މަޤްބޫލު
ސަރުކާރުގެ ސިޔާސީ މުވައްޒަފުންނަށް ހަރަދުކުރަމުން ދަނީ ސަރުކާރުގެ ޖުމްލަ ހަރަދުގެ 0.9 އިންސައްތަކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުން 33 އިންސައްތަ މުވައްޒަފުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
ސަރުކާރުގެ ސިޔާސީ މުވައްޒަފުންނަށް ހަރަދުކުރަނީ ޖުމްލަ ހަރަދުގެ 0.9 އިންސައްތަ، އެއް އިންސައްތައަށް ވުރެވެސް ދަށް އަދަދެއް އެއީ ބަޖެޓުގެ ތެރެއިން. މުޅި ދައުލަތުގެ މަންތްލީ ވޭޖު ބިލަށް ބަލާނަމަ އެއީ 3.9 އިންސައްތަ. އެކަމަކު ޕޭ ހާމަނައިޒޭޝަންގެ ތެރެއިން އަދި އެބައުޅޭ 7 އިންސައްތަ މުވައްޒަފުން އަދި މުސާރަ އެއްހަމަ ނުކުރެވޭ. އެކަމަކު މިއަހަރުގެ މެދާ ހަމައަށް އެ މަސައްކަތްތައް ވެސް ނިމޭނެ. މިއާއެކު މުސާރައިގެ ހަރަދަށް 2.8 ބިލިއަން ރުފިޔާ އިތުރުވިޔަސް ސިޔާސީ މުވައްޒަފުންގެ މުސާރަ އިތުރެއް ނުވާނެ،". ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކޮށްފައި ވާކަމަށެވެ.
ސަރުކާރުގެ ސައިޒު ކުޑަކުރުމަށް ސިޔާސީ މުވައްޒަފުން މަދުކުރުމުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާކަމަށާއި އެ ތަފްސީލުތައް ހާމަކުރަމުން ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ކުޑަކުރުމަށް ނިންމި ނިންމުން ވަރަށް ހަރުކަށިކޮށް ތަންފީޒު ކުރައްވާނެ ކަމަށެވެ. އެގޮތުން މިހާރުވެސް ފަސް މިނިސްޓްރީއެއް މަދުކޮށްފައިވާ ކަމަށާއި، ކޮންމެ މިނިސްޓްރީއެއްގައި ތިބޭނެ ސިޔާސީ މުވައްޒަފުންގެ އަދަދު ކަނޑައަޅައި، މުވައްޒަފުން މަދުކުރުމުގެ އިދާރީ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.މުވައްޒަފުން ވަކިކުރުމުގައި ބަލާނެ މިންގަނޑުތަކާ ބެހޭގޮތުން ރައީސް ވިދާޅުވީ، އެކަން ކުރާނީ "ޕާފޯމެންސް ބޭސްޑް" ކޮށް ކަމަށެވެ. އެގޮތުން ގަޑިއަށް ހާޒިރުވުމާއި، މަސައްކަތުގެ އަހުލާގާއި، މަސައްކަތުގެ ޒިންމާ ބަލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް މަދުކޮށް ސަރުކާރުގެ ހިންގުން ހަރުދަނާ ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވަ އެވެ.