ENGLISH
02 މޭ 2026
ހުނަރާއި،ފަންނުވެރިކަމާއި އެފަންނަކުން އުނގެނިތިބި އާބާދީއެއް އޮތުން ވެގެންދާނީ ލިބިފައިވާ ނަސީބަކަށް:ވަޒީރު ސައީދު
02 މޭ 2026
|
އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު-- ފޮޓޯ: އެމްއެމްޓީވީ
އެންމެ މަޤްބޫލު
ހުނަރާއި،ފަންނުވެރިކަމާއި އެފަންނަކުން އުނގެނިތިބި އާބާދީއެއް އޮތުން ވެގެންދާނީ ލިބިފައިވާ ނަސީބަކެއް ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރުމަށް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަޒީރު ވިދާޅުވީ، އަގުވަޒަންކޮށް ހިތްވަރުދީ އަދި މަސައްކަތްތަކަށް މީހުން އަހުލުވެރިކުރުމަކީ ގައުމުގެ އިޤްތިޞާދުގެ ވިލުންތެރިކަން ދެމެހެއްޓުމުގައި މުޙިއްމުކަމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، ރާއްޖޭގެ ޒަމާންވީ ޞިނާއަތްތަކުގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަޝްރޫއުތަކުގައި ޝާމިލްވާ ކުދިއަދިމެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައި ހުރި ޒަމާންވީ އެތައް މައްސަލައެއް ހައްލުކުރުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ ކަންކަމަކީ ރާއްޖޭގެ ކުރިމަގަށް އެޅިފައިވާ ހަރުދަނާ ބިންގާތަކެއް ކަން ވަޒީރު ފާހަގަކުރެއްވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ގިނަ މަސައްކަތްތެރިންނާއި ބައްދަލު ކުރައްވާ އެ ފަރާތްތަކުގެ އަޑު އެއްސެވުމަށްފަހު، ގިނަ މައްސަލަތައް ހައްލު ކޮށްދެއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުދިވިޔަފާރިތަކަށް ނުލިބިވާ އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް މި ސަރުކާރުން ދެއްކެވިކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން މި މައްސަލަތަކަށް ގެނެސްދެއްވި ހައްލުތަކަކީ ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ސިފަ ކުރެއްވި އެވެ.
މި ސަރުކަރުން 2024 ވަނަ އަހަރުގައި ފާސްކުރެވުނު ފޮރިން އިންވެސްޓްމަންޓް ގާނޫނާ އެކު، ދިވެހިންނަށް ވަކި ވިޔަފާރިތަކެއް ޚާއްސަވެގެން ދިއުމަކީ މަސައްކަތްތެރިންގެ ކުރިމަގަށް އެޅިގެން ދިޔަ ހަރުދަނާ ފިޔަވަޅެއް ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު އިތުރަށް ފާހަގަކުރެއްވީ، 2025 ވަނަ އަހަރު ދިވެހިއުފެއްދުންތެރީންނަށް ލިބިގެން ދިޔަ ފަހި ފުރުސަތުގެ ވާހަކަ އެވެ. އެގޮތުން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުމާއި، އީކޮމާސް ޕްލެޓުފޯމް ކަމުގައިވާ އަލީބާބާ ޑޮޓްކޮމްގައި ރާއްޖޭގެ އޮންލައިން ވިޔަފާރި ހިމެނޭ 400 އަށްވުރެން ގިނަފަރާތްތަކަށް އޯތެންޓިކް މޯލްޑިވްސްގެ ތެރެއިން ފުރުސަތު ފަހި ކޮށްދެވިފައިވާ ކަމަށެވެ.
މީގެއިތުރަށް އިޤްތިޞާދު ޑައިވާސިފައި ކުރުމަށް ސަރުކާރުން އަންނަނީ ގިނަމަސައްކަތް ތަކެއް ކުރަމުންކަން ވަޒީރު ފާހަގަކުރެއްވި އެވެ. އެގޮތުން ފުރަތަމަ ފަހަރަށް އެސްއީޒެޑް ޤާނޫނު ތަންފީޒް ކޮށް ސަސްޓެއިނަބަލް ޓައުންޝިޕްގެ މަސައްކަތް ފެށުން ހިމެނެ އެވެ.
ވަޒީރު އިތުރަށް ފާހަގަ ކުރެއްވީ މިނިވަންވިޔަފާރި އާއި މެރިޓައިމް އިޤްތިޞާދަކަށް ގިނަމަސައްކަތްތަކެއްވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. މި ހުރިހާ ކަންކަމަމީވެސް ދިވެހި މަސައްކަތްތެރީންނަށް އުއްމީދީ މާދަމާއެއް ހޯއްދަވައި ދެއްވުމުގެ ނިޔަތުގައި މި ސަރުކާރުން ފަށާފައިވާ މުހިއްމު ބައެއް މަސައްކަތްތަކެއް ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރުން އޮންލައިން ވިޔަފާރިވެރި ކުރިއެރުވުމަށްޓަކައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަލިޕޭ، ރޫޕޭ ކާޑުގެ ހިދުމަތް ވަނީ ފަހިވެފަ އެވެ. މީއެމްއެލް ސްވައިޕްގެ ހިދުމަތް ތަޢާރަފް ކުރުމާއި، ޕޭޕާލްގެ ހިދުމަތް އަވަސް މުސްތަގްބަލެއްގައި ދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. ފުރިހަމަ އީ ކޮމްސްގެ އިގްތިޞާދަކަށް ރާއްޖެ ހެދުމަށްޓަކައި، ރައީސް ފައްޓަވާފައިވާ 2.0 ގެ މަސައްކަތްވެސް ވަޒީރު ފާހަގަކުރެއްވި އެވެ.
ވަޒީރުގެ ޕޯސްޓް ނިންމާލައްވްމުން ވިދާޅުވީ، މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ރަޢީސުލްޖުމްޙޫރިއްޔާ އަށާއި، ދިވެހިރާއްޖޭގެ އެންމެހައި ސިނާއަތްތަކުގައި ހަރަކާތް ތެރިވާ މަސައްކަތް ތެރީންނަށް އަރިސްކުރާކަމަށެވެ.