ENGLISH
02 މޭ 2026
ޖުޑީޝަރީއަށް މާލީ މިނިވަންކަން ދެއްވަައި، މައްސަލަތައް އަވަސްކުރެވޭނެ ގޮތް ތަނަވަސްކޮށްދެއްވި
02 މޭ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އުއްތަމަފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު
އެންމެ މަޤްބޫލު
ދުސްތޫރީ ގޮތުން ތިން ބާރު ވަކިވެފައި އޮތް ނިޒާމެއް ރާއްޖޭގައި އޮތް ނަަމަވެސް ބާރުތަކުގެ މެދުގައި އޮންނަ ގުޅުމުގައި ތިލަފަތް ހަމަނޫން ކަންތައްތަކެއް ހުރެއެވެ. އެއިން އެއްކަމަކީ މާލީ ގޮތުން އެއްބާރުގެ މައްޗަށް ބަރޯސާވާންޖެހުމެވެ. ހާއްސަކޮށް އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު މާލީ ގޮތުން ސަރުކާރަށް ބަރޯސާވާންޖެހުމަކީ އެ ބާރުގެ މިނިވަންކަން ކަށަވަރުކުރުމުގައި ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. އަދި އިދާރީ ގޮތުން ޝަރުއީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތައް ނުކުރެވޭ ސަބަބަކީވެސް މާލީ ކަންކަމުގައި ސަރުކާރަށް ބަރޯސާވެ، ސަރުކާރުން ހުއްދަ ނުހޯދައި މާލީ ފިޔަވަޅުތައް އެޅެން ނެތުމެވެ.
މި ނިޒާމީ މައްސަލައަކީ ހަގީގީ މާނާގައި ޖުޑީޝަރީ މިނިވަންކޮށް މުސްތަގިއްލުކުރުމަށް އޮތް ހުރަހެއްކަން ގަބޫލުކުރައްވައި އެ މައްސަލަ ހައްލުކުރެއްވުމަށް ފިޔަވަޅުތަކެއް އަޅުއްވާނެކަން ސެޕްޓެންބަރު 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވިއެވެ. އެއީ ޖުޑީޝަރީގެ ބަޖެޓު ހިންގުމުގެ ބާރުތައް ޖުޑީޝަަރީއަށް ދެއްވުމުގެ ނިންމެވުމެވެ.
އެގޮތުން އެމަނިކުފާނު ނިންމެވީ ޖުޑީޝަރީއަށް ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ދެއްވުމަށް 2026 ވަަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓު ފަރުމާކުރެއްވީ އެ ވިސްނުންފުޅާ އެއްގޮތަށް ދައުލަތަށް ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ޖުޑީޝަރީއަށް ހާއްސަކޮށް ބްލޮކް ގްރާންޓެއްގެ ގޮތުގައި އެ ފައިސާ ޖުޑީޝަރީއާ ހަވާލުކޮށް، އެ ފައިސާ ބޭނުންކުރާނެ ގޮތެއް ކަަނޑައަޅައި ތަންފީޒުކުރުމުގެ އިހުތިޔާރު ޖުޑީޝަރީއަށް ލިބޭ ގޮތަށެވެ.
މި ބޮޑު ބަދަލުގެ ސަބަބުން ޖުޑީޝަރީއަށް އެންމެ ބޭނުންވާ ކަންކަމަށް އިސްކަންދީގެ ޖުޑީޝަރީގެ މާލީ ކަންކަން އިންތިޒާމުކުރުމަށް ފަސޭހަވެއެވެ. ހާއްސަކޮށް އިންސާނީ އަދި އެހެނިހެން ވަސީލަތްތައް ހޯދުމުގެ އިޖުރާއާތު ދިގުލައި ފިނޭންސް މިނިސްޓްރީން ހުއްދައެއް ނުލިބިގެން ކުރަންޖެހޭ މުހިއްމު އެތައްކަމެއް ނުކުރެވި ލަސްވެގެންގޮސް އެކަމުގެ ސަބަބުން އަދުލު އިންސާފު ގާއިމުކުރުމުގެ މަރުހަލާ "ކޮށިއެރުން" ނިމުމަކަށް ގެނެވުނީއެވެ.
މި ގެންނެވި ބަދަލާއެކު މިއިން ޒަމާނެއްގައި ޖުޑީޝަރީއަށް ދައުލަތުގެ ބަޖެޓުން ހާއްސަނުކުރާ މިންވަރުގެ ބޮޑު އަދަދެއް 2026 ވަނަ އަހަރުގެ ބަޖެޓުން ހާއްސަކުރެވުނެވެ. އެއީ 807 މިލިއަން ރުފިޔާއެވެ. އެ ފައިސާ ބޭނުންކުރާނެ ގޮތް ކަނޑައަޅައި ތަންފީޒުކުރާނީ ސީދާ ޖުޑީޝަރީންނެވެ. ފުރިހަމަ މިނިވަންކަމާއެކުއެވެ.
ޖުޑީޝަރީގެ އިދާރީ ހިންގުމާއި މާލީ މިނިވަންކަމާ ގުޅިފައި އޮންނަނީ އަދުލު އިންސާފު ގާއިމުކުރުމުގެ ދުވެއްޔާއެވެ. ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ގިނަ މައްސަލަތަކެއް ނުނިމި ލަސްގެނެްދިއުމުގެ ނަތީޖާއަކީ ޝަރީއަތް ނިމެންދެން ބަންދުކުރަންޖެހޭ މީހުން ބަންދުގައި، އެމީހުންނަށް ކުރެވޭ ތުހުމަތުތަކާމެދު ކޯޓުން ގޮތެއް ނުނިމި، ގިނަ ޒަމާންތަކެއް ތިބެންޖެހުމެވެ. އާއްމު ބަހުރުވައިންނަމަ ވާނުވާ ބަންދުގެ މައްސަލަތަައް ގިނަވުމެވެ.
މި މައްސަލައަކީ ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ބޮޑުވެފައި އޮތް މައްސަލައެއްކަމުން އެއިރުގެ ހާލަތަށް ބައްލަަވައި ޖިނާއީ މައްސަލަތައް ދިގުލައިގެންދާ މައިގަނޑު ސަބަބު ކަމުގައިވާ ކްރިމިނަލް ކޯޓުގެ އިމާރާތަށް ކުރިމަތިވެފައި އޮތް މައްސަލަ ހައްލުކުރެއްވިއެވެ. އައު އިމާރާތެއްގައި ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓު ހިންގޭނެ އިންތިޒާމު ފަހިކުރެއްވިއެވެ.
ކްރިމިނަލް ކޯޓުގެ 11 ސެކްޝަނަށް 10 ކޯޓު ރޫމް އަދި ޑްރަގް ކޯޓުގެ ބޭނުންތަކަށް ފަސް ކޯޓު ރޫމާއެކު ގާއިމުކުރެވުނު އައު އިމާރާތަށް އެ ދެ ކޯޓުގެ ހިންގުން ބަދަލުކުރެވުނީ 2025 ވަނަ އަހަަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ ބަދަލާއެކު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ފުނިޖެހިފައި ހުރި މައްސަލަތައް ކުރިއަށްގެންދަން ފެށުނެވެ. ތޮއްޖެހިފައި ހުރި މައްސަލަތައް ހަލުއިކަމާއެކު ނިންމައި ކޯޓުގެ ބެކްލޮގް ސާފުކުރަން ޖާގަ ލިބުނެވެ.
މި ބަދަލުތަކަށްފަހު މިހާރު ރައީސް ހުށަހަޅުއްވާ ބަދަލަކީ ޖުޑީޝާރީގެ އިދާރީ ހިންގުން ސީދާ ޖުޑީޝަރީގެ އަތް މައްޗަށް ގެންދެވުމުގެ ހުށަހެޅުމެވެ. ޖުޑީޝަލް ކައުންސިލު އަލުން ގާނޫނުން ވުޖޫދުކުރެއްވުމާއެކު، ޖުޑީޝަރީގެ އިދާރީ ގުނަން ކަމުގައިވާ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޖަވާބުދާރީވާނީ އުއްތަމަފަނޑިޔާރާއި ކައުންސިލަށް ކަމުގައި ހަމަޖައްސަވާނެ ކަމުގައި ރައީސްވަނީ ވިދާޅުވެފައެވެ.
މާލީ ގޮތުން ލިބުނު މިނިވަންކަމާއި އިދާރީ ގޮތުން މިގެނެވޭ ހެޔޮ ބަދަލު ގުޅި ލާމެހުމުން ޖުޑީޝަރީގެ ހިންގުން އިތުރަށް ހަރުދަނާވާނެއެވެ. އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު އިތުރަށް މުސްތަގިއްލުވެ، ރައްޔިތުންނަށް ކޯޓުތަކާމެދު އޮތް އިތުބާރުވެސް ބޮޑުވެގެންދާނެއެވެ.