ENGLISH

02 މޭ 2026

Advertisement

މި ސަރުކާރުގެ ރޫހަކީ މަސައްކަތްތެރިންނާއެކު މަސައްކަަތްކޮށް ހައްގުތައް ކަށަވަރުކޮށްދިނުން: އިހުސާން

02 މޭ 2026

|

ޝިފްޒާން އަޙްމަދު

ލޭބާ ޑޭ ރެލީގައި ވަޒީރު އަލީ އިހުސާން ވާހަކަދައްކަވަނީ، ފޮޓޯ: ހޯމް ،މިނިސްޓްރީ

މި ސަރުކާރުގެ ރޫހަކީ މަސައްކަަތްތެރިންނާއެކީ ގުޅިގެން މަސައްކަތްކޮށް ހައްގުތައް ކަށަވަރުކޮށްދީ މަސައްކަތްތެރިން ބޭނުންވާ ގޮތަށް މައްސަލަތަކަށް ހައްލުތަކެއް ހޯދައިދިނުންކަމަށް ދާހިލީ ސަލާމަަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. 

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އިއްޔެ ކުރިއަށްގެންދިޔަ އެއްވުން ނިންމަވައިލައްވަަމުން ދެއްކެވި ވާހަކަފުޅުގައި އިހުސާން ވިދާޅުވީ މަސައްކަތްތެރިންނަކީ އަބަދުވެސް އެމީހުންނަށް ހައްގުވާ ކަންކަމަށް ވަކާލާތުކުރާ ބައެއް ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތްތެރިން އެކި މަންސަތަކުގައި އެމީހުންގެ ހައްގުތަކާ ގުޅޭ ގޮތުން ދައްކާފައި ހުރި ވާހަކަތައް އަޑުއަހާފައިވާ ކަމަށެވެ. 

އިތުރަށް ވަޒީރު ވިދާޅުވީ މާތްﷲގެ އިރާދަފުޅާއެކު މި އަހަރުވާނީ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނު ފުރިހަމައަށް ރާއްޖޭގައި ތަންފީޒުކުރެވޭ އަހަރަށް ކަމަށެވެ. އަދި އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތުގެ ގާނޫނުވެސް ފުރިހަމައަށް ތަންފީޒުކުރާނެކަމުގެ ޔަގީންކަން ދެއްވިއެވެ. 

ވަޒީރު ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމާ ހަަވާލުވިއިރު ލޭބާ ރިލޭޝަންސް އޮތޯރިޓީގައި މަސައްކަަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތަކުން ހުށަހަޅާފައި ހުރި ގިނަ މައްސަލަތަކެއް ފުނިޖެހިފައި ހުއްޓެވެ. އެ މައްސަލަތަކަކީ މަސައްކަތްތެރިންގެ ހައްގުތަކާ ގުޅުންހުރި މައްސަލަތަކެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެ މައްސަލަތަކަށް އަދުލުވެރި ހައްލުތަކެއް ހޯދައިދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

"ދިވެހި ސަރުކާރުގެ މިއަދުގެ އަމާޒަކީ ދިވެހި މަސައްކަތްތެރިން އެދިވަޑައިގަންނަވާ ފަދަ އަމާން އަބުރުވެރި ރައްކާތެރި މަސައްކަތުގެ މާހައުލެއް ދިވެހިރާއްޖޭގައި ގާއިމުވެފައި އޮތްކަން ކަށަވަރުކުރުން. އެކަމަށްޓަކައި ދިވެހިރާއްޖޭގައި މަސައްކަތްތެރިންނާ ގުޅޭ ގޮތުން ހެދިފައިހުރި ހުރިހާ ގަވާއިދެއް ރަނުން ރަނަށް އަކުރުން އަކުރަށް ތަންފީޒުކުރަން ފަށާނަން،" އިހުސާން ވިދާޅުވިއެވެ. 

މީގެ ކުރިން މޭ އެކެއް ދިވެހިރާއްޖޭގައި ފާހަގަކުރެވެމުންއައީ މަސައްކަތްތެރިން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ދުވަހެއްގެ ގޮތުގައިކަން ފާހަގަކުރައްވައި އިހުސާނު ވިދާޅުވީ މިއަދު ސަރުކާރުން ގެންގުޅެނީ މަސައްކަތްތެރިންނާ ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ ރޫހެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ. 

އަދި މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ނުކުރެވި އޮތްކަން ގަބޫލުކުރައްވާކަަން ފާހަގަކުރައްވަމުން އިހުސާނު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަސައްކަތްތެރިން ތަމްސީލުކުރާ ޔޫނިއަންތަކާއި ވަޒީފާ ދޭ ފަރާތްތަކާއެކު ވާހަަކަދައްކަވައިގެން އެ މަސައްކަތްތަައް ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި ރާއްޖޭގެ މަސައްކަތުގެ މާހައުލަކީ އަބުރުވެރިކަމާއި ރައްކާތެރިކަން އޮތް މާހައުލެއްކަން ކަށަވަރުކޮށްދެއްވާނެ ކަމުގައި އިހުސާން ވިދާޅުވިއެވެ. 

ޒުވާނުން މަސައްކަތްތެރިކަމަށް ތައްޔާރުކުރުމުގެ މަސައްކަތް ސްކޫލު ނިޒާމުގެ ތެރެއިން ކުރިއަށްގެންދާއިރު ސިނާއަތްތަކާ ގުޅިގެން އެކި ދާއިރާތަކުން މިޒަމާނުގައި ކުރިމަތިވަމުންދާ އައު ގޮންޖެހުންތަކާ ފައިހަމަވާ ގޮތަށް މަސައްކަތްތެރިން ތަމްރީނުކުރުމުގައި ކުރަންޖެހޭ މަސައްކަތްތައްވެސް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު