ENGLISH
30 އޭޕްރީލު 2026
ތަހުގީގަށް ނުފޫޒު ފޯރުވާކަމަށް ބުނާ ވާހަކަތައް ވަޒީރު އިހުސާން ދޮގުކުރައްވައިފި
30 އޭޕްރީލު 2026
|
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި ސާބިތުނުހިފޭ ދޮގު ވާހަކަތަކެއްގެ އިލްޒާމް އަޅުވައި "އަދަދު" ނޫހުން ނެރުނު ޑޮކިއުމެންޓްރީގެ މައްސަލައިގެ ތަހުގީގަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނޭ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރައީސްގެ އިސްތަށިފުޅުގައި ޤަޛުފުގެ ތުހުމަތު އަޅުވައި "އަދަދު" ނޫހުން ނެރުނު ޑޮކިއުމަންޓްރީގެ ތަހުގީގަށް ވަޒީރު އިހުސާން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކުރައްވައި، މިނިވަންކަމާ އެކު ފުލުހުންނަށް އެ މައްސަލައިގެ ތަހުގީގު ނުހިންގޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ރޭ ވިދާޅުވެފައެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ވަޒީރު ވިދާޅުވީ ތަހުގީގަށް ނުފޫޒު ފޯރުވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ތަހުގީގުތަކަށް ނުފޫޒު ފޯރުވުމުގެ ބާރު ލިބިވަޑައިނުގަންނަވާކަމަށް ވެސް ވިދާޅުވިއެވެ.
މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަނީ ޑރ. އަހުމަދު އަބްދުﷲ ދީދީ ފަނޑިޔާރުކަން ކުރެއްވި ގޮތަށް ނޫންކަމަށް ވަޒީރު ވިދާޅުވި އިރު ޑރ. އަހުމަދު އަބްދުﷲ ދީދީ މަގާމުން ވަކިކުރީ ގާނޫނު އަސާސީއާއި ހިލާފަށް ކޮށްފައިވާ ހުކުމުގެ މައްސަލައިގައި 2019 ވަނަ އަހަރު އެވެ. އޭނާގެ މައްޗަށް އޭރު 15 ތުހުމަތެއް ކުރި އެވެ. އެ މައްސަލަތަކުގެ ތަހުގީގަށް ހާޒިރުވާން ޖުޑީޝަލް ސާވިސް ކޮމިޝަނުން ފޮނުވި ނޯޓިހާވެސް ޑރ. އަހުމަދު އަބްދުﷲ ދީދީ ހަވާލުވެފައެއް ނުވެ އެވެ.
"އަދަދު" ނޫހުން މިދިޔަ މާޗު މަހު ގެނައި ޑޮކިއުމެންޓްރީ އާ ގުޅިގެން އެ ނޫސް ހިންގާ އޮފީސް އިމާރާތް ބަލައި ފާސް ކުރުމުގެ މަސައްކަތް ފުލުހުން ފެށުމާ ގުޅިގެން ވަޒީރު ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އަޅުވައި ޚަބަރު ފެތުރި މީޑިއާއެއްގެ ހެޑް އޮފީސް ރެއިޑްކޮށް، އެ މައްސަލަ ޖިނާއީ ތަޙުޤީޤެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގެ ފުރިހަމަ ޙައްޤާއި މަސްއޫލިއްޔަތު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިގެންވާކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް މިފަދަ ބޮޑު ތުހުމަތެއް، އެއްވެސް އަސާސެއް ނެތި ކުރުމަކީ ނޫސްވެރިކަމެއް ނޫންކަމަށާއި އެއީ އެމަނިކުފާނުގެ އިންސާނީ ކަރާމާތަށާއި، އާއިލާއަށާއި، އަދި އެމަނިކުފާނު ފުރުއްވާ ދައުލަތުގެ އެންމެ މަތީ މަޤާމަށް ދެވޭ ސީދާ ހަމަލާއެއް ކަމަށް ވަޒީރު ވިދާޅުވި އެވެ. މިފަދަ އަސާސެއް ނެތް ދޮގު ވާހަކަތަކުގެ ސަބަބުން ދައުލަތަށް އޮންނަ އިތުބާރު ގެއްލި، މުޖުތަމަޢުގެ ތެރޭގައި ފިތުނަ އުފެދި، އިއާދަނުކުރެވޭ ފަދަ ގެއްލުންތައް ލިބިގެންދާނެކަން ފާހަގަކުރައްވައި ކޮންމެ ޑިމޮކްރެޓިކް މުޖުތަމައެއްގައިވެސް، އަބުރަށް އަރައިގަތުމާއި ދޮގު ޚަބަރު ފެތުރުން ފަދަ ކަންކަމުގައި ތުހުމަތު ކުރެވޭ ހާލަތްތަކުގައި، އެކަންކަން ތަޙުޤީޤު ކުރުމުގެ ބާރު ކަމާބެހޭ މުއައްސަސާތަކަށް އޮންނަންވާނެކަމަށް ވިދާޅުވި އެވެ.
ފުލުހުންގެ ތަހުގީގު ކުރިއަށްގެދަނީ ނޫސްވެރިކަމަށް ހަމަލާދިނުމުގެ މަގުސަދުގައި ނޫންކަމަށާއި ފުލުހުންގެ މުއައްސަސާއިން އެ ދަމަހައްޓަނީ ޤާނޫނުއަސާސީކަމަށް ވިދާޅުވި އެވެ.