ENGLISH
30 އޭޕްރީލު 2026
ނޫސްވެރިކަމުގެ އިންޑެކްސްގައި ފަހަތަށް ދަނީ ސަރުކާރުގެ ސަބަބަކުން ނޫން: ސަރުކާރުގެ ތަރުޖަމާނު
30 އޭޕްރީލު 2026
|
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު). --ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ފަހަތަށް ދަނީ ސަރުކާރުގެ ސަބަބުން ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) ގައި ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ޖެހިފައިވުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި ތަރުޖަމާނު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށް ދަނީ ސަރުކާރުން ކުރާ ކަމަކުން، ކަަމަށް ބައެއް ނޫސްވެރިންނަށް ހީވާކަމަށެވެ.
"ބައްލަވާ ޕްރެސް ފްރީޑަމް އިންޑެކްސް އެބޭފުޅުން މިނެކިރަނީ ހަމަ އެކަނި ސަރުކާރަކުން ނޫނޭ. ސަރުކާރުގެ ޕަފޯމެންސް ނުވަތަ ސަރުކާރަކުން މީޑިއާއާ އޮންނަ ގުޅުން އޮންނަނީ ރަނގަޅަށްތޯ ގޯސްކޮށްތޯ، ތިރިއަށްތޯ މައްޗަށްތޯ، މަދުތޯ ގިނަތޯ އެކަންޏެއް ނޫނޭ. އޭގެ ޒިންމާ ތިބޭފުޅުން ނޫސްވެރިން ވެސް އޮވޭ،" ތަރުޖަމާނު ވިދާޅުވި އެވެ.
ރާއްޖޭގައި ޕްރެސް ފްރީޑަމް އިންޑެކްސް ދަށްވުމަކީ ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށާއި ނޫސްވެރިކަން ރަނގަޅަށް ކުރުމުން އެކަމުގެ ރީތި ނަން ލިބޭނީ ރާއްޖެއަށް ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ ގުޅިގެން އަޅުގަނޑުމެން ހިނގާށޭ މަސައްކަތެއް ކޮށްގެން ރަނގަޅު ކުރަން. އެއީ އަޅުގަނޑުމެންގެ ގައުމަށް ލިބޭ ރީތި ނަމެކޭ. އެއީ ރައީސް މުޢިއިއްޒަށް ނުވަތަ ޕީއެންސީއަށް ލިބޭ ހުތުރަކަށް ބައްލަވާފައި، އެހެން މީހަކަށް ލިބޭ މޮޅެއް ނޫނޭ،" ތަރުޖަމާނު ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް ބައެއް ފަހަރު ފަހަތަށް ދަނީ ކޮމްޕެރެޓިވްކޮށް ކަމަށާއި މި އިންޑެކްސްގައި ގައުމެއް ހަތަރު ދަރަޖަ ފަހަތަށް ދިއުމަކީ އޭގެ ދަށުގައި އޮތް ބައެއް ގައުމުތައް 10 ވަރަކަށް ދަރަޖަ މައްޗަށް ކުރިއަށް އެރުން ކަމަށް ވެސް ވެދާނެ ކަމަށް ވިދާޅުވި އެވެ.
ކޮމިޓީ ޓު ޕްރޮޓެކްސް ޖާނަލިސްޓް (ސީޕީޖޭ) ނުވަތަ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެފްއެފް) ތަކަކީ ގަދަރު ކުރާ ބޮޑެތި އޯގަނައިޒޭޝަންތައް ކަމަށާއި އެބޭފުޅުންނަށް ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.