ENGLISH
26 އޭޕްރީލު 2026
ޑިޕްލޮމަސީގެ ނަމޫނާ ދައްކަވައި މަޝްވަރާގެ ތެރެއިން ބިދޭސީ ސިފައިން ރާއްޖެއިން ފޮނުވައިލެއްވި
26 އޭޕްރީލު 2026
|
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންތަކެއް/ ފޮޓޯ: ދިޔަރެސް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް ވަޑައިގެންނެވީ ގައުމިއްޔަތުގެ އިހްސާސްތަކުގެ މައްޗަށް ބިނާކޮށްފައިވާ ކެމްޕެއިނަކަށް ފަހުގަ އެވެ. އެ ކެމްޕެއިނުގެ ތެރޭގައި ގައުމުގެ ސިޔާދަތާއި މިނިވަންކަމުގެ ވާހަކަ ދެއްކެވި އެވެ. ރާއްޖޭގައި އޭރު ތިބި އަވަށްޓެރި އިންޑިއާ ސިފައިންގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ބުރޫ އަރާފައިވާކަމަށް ވިދާޅުވި އެވެ. ވެރިކަމަށް ވަޑައިގެން ފުރަތަމަ ކުރައްވާނެ މަސައްކަތެއްގެ ގޮތުގައި އިންޑިއާ ސިފައިން ގައުމުގެ ފަސްގަނޑުން ފޮނުވައިލައްވާނެ ކަމަށް ވިދާޅުވި އެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރެއް އުދުއްސުމަށްކަމަށް ބުނެ އެންމެ ފުރަތަމަ އިންޑިއާ ސިފައިން ރާއްޖެ ގެނައީ 2008 ގައި ގާއިމުވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ތެރޭގަ އެވެ. އެއަށްފަހު ދެވަނަ ހެލިކޮޕްޓަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ގެނައިިރު، ޑޯނިއާ މަތިންދާބޯޓު ގެނެސްފައިވަނީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.
ރައީސް މުއިއްޒުގެ ވެރިކަން ފެށުނުއިރު ރާއްޖޭގައި އިންޑިއާގެ ތިން އުޅަނދެއް އޮޕަރޭޓްކުރެ އެވެ.
އަދި ރާއްޖޭގެ ސަރަޙައްދުގައި ހިނގާ ޤާނޫނާ ޚިލާފު ކަންކަމުގެ އިތުރަށް ދިވެހި މަސްވެރިންނަށް ކަނޑުމަތީގައި ދިމާވާ ކަންކަމަށް ހައްލު ހޯދުމަށް އިންޑިއާއިން ރާއްޖޭގައި ބަހައްޓައިދޭ 10 ރާޑަރު ބަހައްޓައި ނިމުމަށްފަހު އެ ބަލަހައްޓަން ވެސް އިންޑިއާ ސިފައިން ވަނީ ބައިތިއްބާފަ އެވެ.
މީގެ އިތުރަށް ރާއްޖޭގެ ކަނޑުތަކުގެ މައުލޫމާތު އެއްކުރުމަށް އިންޑިއާގެ އަސްކަރީ ފަސް އުޅަނދެއް ރާއްޖޭގެ އުތުރާއި ދެކުނުގައި އައީ ހަރަކާތްތެރިވަމުން ނެވެ.
ލ. ކައްދޫ، އައްޑޫ ގަން، ހދ. ހަނިމާދޫ އަދި އުތުރު ތިލަފަޅުގައި އޭރު އިންޑިއާ ސިފައިން ތިއްބެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަނީ ހަތިޔާރާ ނުލާކަމަށް ބުނެ އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް އޭރުގެ ރައީސް ވެސް އަދި އޭރުގެ ދިފާއީ ވަޒީރު ވެސް ގެންދެނީ އަޑު ހަރުކޮށް ވަކާލާތުކުރައްވަމުން ނެވެ. ނަމަވެސް އަސްކަރީ ބޭނުމެއްގައި ނޫން ގޮތަށް ކަމުގައި ވިޔަސް، ރާއްޖޭގައި ބިދޭސީ ސިފައިން ތިބެންޖެހޭ ސަބަބެއް ސަރުކާރުން ބުނެދޭން ޖެހޭނެ ކަމަށް އޭރު ވެސް ގިނަ ދިވެހިން ގަބޫލުކުރި އެވެ. އެންމެ ފަހުން ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ރާއްޖޭއެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ޤާއިމުވެގެން ތިބޭ މައްސަލައިގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ރިޔާސީ ގަރާރެއް ނެރުއްވައި އެކަން ހުއްޓުވާފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލަން މަސައްކަތްތަކެއް ކުރި އެވެ. އިންޑިގެ ސިފައިންގެ ވިސާ ކެންސަލް ކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅި ނަމަވެސް އެ ސަރުކާރަށް އޭރު އެކަން ވެފައެއް ނުވެ އެވެ.
ސަރުކާރާ ހަވާލުވުމަށްފަހު ރައީސް މުއިއްޒު ހިތްޕެވީ މަޝްވަރާގެ ރިވެތި އުސޫލުގަ އެވެ. ހަރުކަށިކަމާއި ގަދަަބަދަވިކަމުން ދެ ގައުމުގެ ގުޅުން ހީނަރުވުމަށް މަގުފަހިވާނެތީ އެމަނިކުފާނު އިސްކުރެއްވީ ގުޅުން ބަދަހިކުރައްވައިގެން ދިވެހިންގެ ޑިމޮކްރެޓިކް ނިންމުުން ތަންފީޒުކުރެއްވުމެވެ.
އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު އިންޑިއާ ސަރުކާރުގެ މަންދޫބުންނާ ބައްދަލުކުރައްވާ އެ ގައުމުގެ ސިފައިން ރާއްޖޭގެ ފަސްގަނޑުގައި ގާއިމުވެ ތިބެން ދިވެހި ރައްޔިތުން ބޭނުން ނުވާ ކަަމަށް ވިދާޅިވިއެވެ. އަދި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށާއި ރާއްޖެ އާއެކު މަސައްކަތް ކުރަން ބޭނުންވާ ނަމަ ސިފައިން އަނބުރާ ގައުމަށް ގެންގޮސްދިނުމަށް އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންނެވި އެވެ.
މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ ގައުމަށް ގޮސްފައިވާ ކަން އިންޑިއާ ސަރުކާރުން ހާމަކުރީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ސިފައިންގެ ބަދަލުގައި ދެން އެ އުޅަނދުތައް ދުއްވާނީ އިންޑިއާގެ މަދަނީ ޓީމެއްކަން ހާމަކޮށް އެޓީމު ވަނީ ރާއްޖެ ގެނެސްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަކީ ސިފައިންގެ އެންމެ މަތީވެރިޔާގެ އިތުރުން ދިވެހި ހާރިޖިއްޔާގެ އެންމެ މަތީވެރިޔާ ނުވަތަ ޗީފް ޑިޕްލޮމެޓް އެވެ. ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތް ކުރުމަކީ އެ މަސައްކަތް ކުރަން ދަންނަ ވެރިން ވެރިކަމުގައި ތިބޭއިރު އެއްވެސް ބަޔަކަށް އިސްވެ ހަތުރުވެރިވާން ވިސްނަން ޖެހޭ ކަމެއް ނޫނެވެ. ޗީފް ޑިޕްލޮމެޓްގެ ހައިސިއްޔަތުން ރައީސް މި މައްސަލައިގައި އިސްކުރެއްވީ ޑިޕްލޮމެސީގެ ރިވެތި އުސޫލެވެ. އަމާޒު ހިތްޕެވީ އެންމެ އަވަހަށް އަދި އެންމެ ފަސޭހައިން ކަން ކުރެވޭނެ އުސޫލެއް މަޝްވަރާގެ ތެރެއިން ހޯއްދެވުމަށެވެ. މި މައްސަލައިގައި ރައީސް މުއިއްޒު ދެއްކެވީ މަޝްވަރާއިން ކާމިޔާބުކުރެއްވޭނެ ކަމެވެ. ދެ ގައުމުގެ ގުޅުން ހީނަރުވިޔަނުދީ ދިވެހި ރައްޔިތުން އެދުނު މަގުސަދު ހާސިލުކޮށްދެއްވޭނެ ކަމެވެ.
ދިވެހި ގައުމަށް ޓަކައި އިހުލާސްތެރިކަމާއި ހިކުމަތްތެރިކަމާ އެކު ދިވެހިން އެއްވެސް ނުރައްކަލަކަށް ވައްޓައިނުލައްވައި ރައީސް ކުރެއްވި އެ މަސައްކަތްޕުޅަށް ޝުކުރު ހައްގެވެ. މައްސަލަ ހައްލުކުރެއްވީ އިންޑިއާއާ ވެސް އެއްވެސް ރުޅިވެރިކަމެއް ބޭއްވުމެއް ނެތި އެވެ. އިންޑިއާއާ އެކު އޮތް ގުޅުން އަދާ ހަމައަށް ވެސް އޮތީ އެގޮތުގަ އެވެ. ގުޅުމަކަށް ބަދަލެއް ނާދެ އެވެ. އިތުރަށް ވީ ގުޅުން ވަރުގަދަ އެވެ.
ސިފައިން ފޮނުވާލެއްވުމަށް ފަހު ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލުގެ ހިމާޔަތުގައި ދިވެހި ގައުމީ ސިފައިންގެ ގާބިލިއްޔަތު އިތުރުކުރެއްވުމުގެ މަސައްކަތްޕުޅު ވެސް އެމަނިކުފާނު ގެންދަވަނީ ކުރައްވަމުން ނެވެ. އެގޮތުން ސިފައިންނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދެއްވައި، އިތުރު ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވަމުން ގެންދަވައެވެ. މައިގަނޑު ވިސްނުންފުޅަކީ ރާއްޖޭގެ ސަަރަހައްދުގެ ނަޒާހަަތްތެރިކަން ނުވަތަ ޓެރިޓޯރިއަލް އިންޓަގްރިޓީ ދަމަހައްޓައި، ދިވެހި ދައުލަތުގެ ސިޔާދަތާއި، މި ފަސްގަނޑުގެ ދާހިލީ ސަލާމަތްތެރިކަން ނަގަހައްޓާނީ ދިވެހިންގެ ހުނަރުވެރި އަތްތަކުން ދިވެހީން ކަމެވެ.