ENGLISH
26 އޭޕްރީލު 2026
އާޒިމަށް ޙަމަލާ ދޭން އުޅުނު މައްސަލަ ތަޙްޤީޤުކުރަނީ
26 އޭޕްރީލު 2026
|
އާދަމް އާޒިމް-- ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
މާލެ ސިޓީ މޭޔަރު އާދަމް އާޒިމަށް މަގުމަތިން ހަމަލާދޭން އުޅުނު މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަން ފަށައިފި އެވެ.
އެމްޑީޕީން މާލޭގައި މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާގައި ބޮޑުރަސްގެފާނު މަގުން ގަލޮޅު ސަހަރާ ކައިރިން އާޒިމް ވަޑައިގަންނަވަނިކޮށް ދެ މީހަކު ވަނީ މުޒާހަރާގެ ތެރެއަށް ވަދެގަނެ އާޒިމަށް ހަމަލާދޭން އުޅެފަ އެވެ.
މުޒާހަރާ ނިންމާލުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރު އާޒިމް ވަނީ އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
ފުލުހުން ބުނީ، އޭޕްރީލް 24 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން، މާލެ ސިޓީ މޭޔަރަށް މީހަކު ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މޭޔަރު އާޒިމަށް އަމާޒުވި ހަމަލާއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވީ، އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފެނިވަޑައިގެންފައިވާކަމަށާއި، މޭޔަރަށް ހަމަލާދޭން މަސައްކަތްކުރުން އެންމެ ހަރުކަށި ޢިބާރާތުން އެމަނިކުފާނު ކުށްވެރި ކުރައްވާކަމަށެވެ.
ތަރުޖަމާނު ވިދާޅުވީ މި ހަމަލާއަކީ ސަރުކާރުން ކޮށްފައިވާ ކަމެއްކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވާކަމީ ހައިރާންވާކަމެއްކަމަށާއި އެއީ ކޮން ކަމެއްގެ މައްޗަށް ނުވަތަ، ކޮން ހެއްކަކާ ޤަރީނާއެއްގެ މައްޗަށް ބިނާކޮށް ވިދާޅުވި ވާހަކަފުޅެއްކަމެއް ހަމަ އެއްގޮތަކަށްވެސް އެނގިވަޑައިނުގަންނަވާކަމަށެވެ.
މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތްކަމެއް ނޫންކަމަށާއި، ސަރުކާރުގެ ފަރާތުން މިފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން އެންމެހައި ފަރާތްތަކަށް އަރުވާކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ. އޭގެ އިތުރުން، މޭޔަރު އާދަމް އާޒިމް އެވިދާޅުވީ ކަނޑައެޅިގެން ދޮގު ވާހަކައެއްކަމަށާއި، މިފަދަ ދޮގު ތުހުމަތުކުރެއްވުމަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްކަންވެސް ފާހަގަކުރައްވާފައިވެއެވެ.
މި ހާދިސާ ހިނގާދިޔަފަހުން މިހާތަނާޖެހެންދެންވެސް އެއްވެސް ރަސްމީ ފަރާތަކުން، އެހެނީ އެމް.ޑީ.ޕީ.ގެ ފަރާތުންވެސް ނުވަތަ މާލެ ސިޓީ ކައުންސިލުންވެސް މިކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާކަމާމެދު ހިތާމަކުރައްވާކަމަށާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޤާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައިވާ މުއައްސަސާއަކީ ފުލުހުން ކަމަށްވާއިރު، މިފަދަ ހާދިސާތައް އެ ފަރާތަށް ރިޕޯޓުނުކުރުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހަކަށް ވުމުގެ އިތުރުން، އެއީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ މީސް މީޑިއާއިން މި ހަމަލާގެ ވީޑިއޯ ފުލުހުންނަށް ފެނުނު ހިސާބުން އެބޭފުޅުން ދަނީ އަމިއްލަ އިސްނެންގެވުމުގެ މަތިން މި މައްސަލަ ތަޙުޤީޤުކުރައްވަމުންކަމަށެވެ.