ENGLISH
26 އޭޕްރީލު 2026
ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑީގެ މައްސަލަ: ހުކުމް އިއްވުން ބުދަ ދުވަހު
26 އޭޕްރީލު 2026
|
ރާއްޖޭގެ ސްޕްރީމް ކޯޓު
އެންމެ މަޤްބޫލު
ސިޔާސީ ޕާޓީން ވަކިކޮށްގެން ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ހުކުމް އަންނަ ބުދަ ދުވަހު އިއްވަން ހަމަޖައްސައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ދަށުން މަޖިލީހުގެ މެންބަރުކަމަށް އިންތިހާބުވުމަށްފަހު ޕާޓީގެ މެންބަރުކަމުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީގެ މެންބަރުކަމުން ވަކިކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލެއެވެ.
އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމުގައި ވިދާޅުވެ ދުސްތޫރީ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ހުސައިނެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުން ކުރިއަށްގެންދިޔަ ހުރިހާ އަޑުއެހުމެއް މިހާރުވަަނީ ނިމިފައެވެ. ހުކުމް އިއްވަން ހަމަޖައްސާފައިވަނީ އަންނަ ބުދަ ދުވަހުގެ ހެނދުނު އެވެ.
މައްސަލައިގެ ހުކުމްކުރަންދެން ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ނުގެއްލޭނެކަމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ކޯޓުގައި އަލީ ހުސައިންގެ ފަރާތުން އެދުނު އިރު ސުޕްރީމް ކޯޓުން ނިންމާފައިވަނީ ހުކުމެއް ނެރެވެންދެން ގޮނޑި ނުގެއްލޭނެކަމަށް ވަގުތީ އަމުރެއް ނެރެފިނަމަ އެކަމުގެ ސަބަބުން މައްސަލަައިގެ މައުޟޫއަށް އަސަރުކުރާނެތީ އެފަދަ އަމުރެއް ނެރެވެން ނެތް ކަމަށެވެ. މެންބަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް ވަގުތީ އަމުރެއް ނެރެނުދޭން ނިންމުމާއެކު، ފަނޑިޔާރުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ އަމުރެއް ނެރުމަށް އެދިފައިވާ މައްސަލާގަައި ކޯޓުން ބުނެފައިވަނީ އެއީ ފަނޑިޔާރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމުގައި ފަނޑިޔާރުން އަމިއްލައަށް ގޮތެއް ނިންމުން މަނާކުރާ އުސޫލުގެ ދަށުން ނެރުން މަނާވާނެ އަމުރެއް ކަމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.