ENGLISH

16 އޭޕްރީލު 2026

Advertisement

ނިމިދިޔަ އިންތިޚާބު ސަރުކާރަށް ކާމިޔާބު، ރައީސް އިސްތިއުފާދެއްވަންޖެހޭ ސަބަބެއް ނެތް: މަހުލޫފް

15 އޭޕްރީލު 2026

|

އައިޝަތު ޝާލީން

ކުރީގެ ވަޒީރު އަދި ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު މަހުލޫފު -- ފޮޓޯ: އެމްއެމްޓީވީ

ނިމިދިޔަ އިންތިޚާބުގެ ނަޓީޖާއަށް ބަލާއިރު މިއީ ސަރުކާރަށް ލިބުނު ގެއްލުމެކޭ ބުނެވެން ނެތް ކަމަށާއި، އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާދެއްވަންޖެހިވަޑައިގަންނަވާ ފަދަ ނަތީޖާއެއްވެސް ނޫންކަމަށް ކުރީގެ ވަޒީރު އަދި ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ ބޮޑުޚަބަރު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ނިމިދިޔަ އިންތިޚާބުން ސަރުކާރު ބަލިވެފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް މަހުލޫފް ވަނީ ރައްދު ދެއްވާފައެވެ. 

މަހުލޫފް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައިވެސް ލޯކަލް ކައުންސިލް އިންތިޚާބުގެ ސާފު މެޖޯރިޓީ ސަރުކާރަށް ލިބިފައިނުވާކަމަށާއި، ހަމަ އެގޮތަށް މިފަހަރުގެ އިންތިޚާބަށް ބެލިނަމަވެސް ޖުމްލަކޮށް ސަރުކާރަށް ލިބުނު ނަތީޖާއަކީ ގޯސް ނަތީޖާއެކޭ ބުނެވެން ނެތް ކަމަށެވެ. މި ނަތީޖާ އޮޅުވާލަނީ ރިފަރެންޑަމުންކަން ފާހަގަކުރައްވައި މަހުލޫފް ވިދާޅުވީ، ރިފަރެންޑަމް ވޯޓަކީ ސަރުކާރަށް އޮތް ތާއީދުގެ މިންވަރު ހާމަކޮށްދިން އެއްޗެއްގެ ގޮތުގައި އިދިކޮޅުން ސިފަކޮށް އޮޅުވާލާފައިވާކަމަށެވެ. 

ރިފަރެންޑަމް ފެންނަ ކަމަށް އަދި ނުފެންނަ ކަމަށް ފާސްވިޔަސް މިކަމުން ރައީސުލްޖުމްހޫރިއްޔާއަށް ވެވަޑައިގަންނަވާނެ ފައިދާއެއް ނެތްކަން މީގެ ކުރިންވެސް ފާހަގަކުރައްވާފައިވާނެ ކަމަށާއި، މިކަމާ ގުޅިގެން ސީދާ ރައީސްއާ ސުވާލުކުރެއްވުމުން މީގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ ބަދަލުތަކެއް ގެނެސްދެއްވުންކަން ރައީސްވެސް ފާހަގަކުރެއްވިކަމަށް މަހުލޫފް ވިދާޅުވިއެވެ. 

"އެއްވެސް ހާލެއްގައި އެއީ ރައީސުލްޖުމްހޫރިއްޔާއަށް އަދި ޕީއެންސީއަށް އޭގެއިން ފައިދާ ވެދާނެ ގޮތަކަށް ކޮށްފައިހުރި ކަމެއް ނޫނެ. އެކަމު މުޅި ވޯޓުގެ ރިޒަލްޓު މި ބޭނުންކުރަނީ ސަރުކާރުގެ ޕޮޕިއުލާރިޓީއާ ގުޅުވާފައި." - މަހުލޫފް ވިދާޅުވިއެވެ.

އިންތިޚާބުގެ އެންމެ ފަހުގެ ނަތީޖާތަކަށް ބަލާއިރުވެސް ޕީއެންސީއަށް 16 އަތޮޅުގެ މެޖޯރިޓީ ލިބިފައިވާއިރު މީގެ ތެރޭގައި މީގެ ކުރިން އެމްޑީޕީއިން ކާމިޔާބުކޮށްފައިވާ ރަށްތައް ހިމެނޭކަން މަހުލޫފް ފާހަގަކުރެއްވިއެވެ. 

އެހެންނަމަވެސް ނަތީޖާ އޮޅުވާލައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އިސްތިއުފާދެއްވަންޖެހިވަޑައިގަންނަވާކަމަށް އިދިކޮޅުން ގޮވާލާ ގޮވާލުމަށް ރައްދު ދެއްވައި މަހުލޫފް ވިދާޅުވީ މީގެ ކުރިން ކިތަންމެ ވެރިކަމެއްގައިވެސް ސަރުކާރަށް މަޖިލިސް އަދި ކައުންސިލްތަކުގެ މެޖޯރިޓީ ނުލިބި ގޮސްފައިވާކަމަށެވެ. އަދި އޭރުގައި ހުންނެވި ވެރިން އިސްތިއުފާދެއްވާފައިނުވާކަމަށާއި، އެހެންކަމުން މިފަހަރުގެ ނަތީޖާ އަށް ބަލާއިރު އިސްތިއުފާ ދެއްވަންޖެހިވަޑައިގަންނަވާ އެއްވެސް ހާލަތެއް އަދި ނެތްކަމަށް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު