ENGLISH

18 އޭޕްރީލު 2026

Advertisement

ވިނަރެސް ސަރަހައްދުގައި ތަރައްގީކުރާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

16 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ވިނަރެސް ފްލެޓް ސަރަހައްދުގައި ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ

ވިނަރެސް ސަރަހައްދުގައި ބިނާކުރާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

ސޯޝަލް މީޑިއާގެ އެކްސްގައި އެ ވުޒާރާއިން ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ހުޅުމާލެ ވިނަރެސް ފްލެޓު ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި މިސްކިތަކީ 1095 މީހުންގެ ޖާގައިގެ މިސްކިތެކެވެ. 

ވިނަރެސް ފްލެޓް ސަރަހައްދުގައި ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ 

ހުޅުމާލޭ ފޭސް 2 ގައި ތަރައްޤީކުރަމުން އަންނަ ގިނަ ފްލެޓްތަކާއެކު، އެސަރަހައްދުގެ އާބާދީ އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އެ ސަރަހައްދަށް ނަމާދުކުރާނެ ގިނަ މިސްކިތްތަކެއް ބޭނުންވާއިރު، މިސްކިތްތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިހާރު ފޭސް 2 ގައި ދާއިމީ ތިން މިސްކިތް ގާއިމްކޮށްފައިވެ އެވެ. މީގެ އިތުރުން ދެ ވަގުތީ މިސްކިތް ވެސް ފޭސް 2 ގެ މީހުން ނަމާދު ކުރުމަށް ބޭނުންކުރެ އެވެ.

ވިނަރެސް ފްލެޓް ސަރަހައްދުގައި ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ 

މިސްކިތްތައް އެޅުމާއި މަރާމާތުކޮށް، އިސްލާމްދީން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު، ނިމިދިޔަ އަހަރު 19.4 މިލިޔަން ރުފިޔާ، ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ހޭދަކުރި އެވެ. އަދި މިއަހަރު 15 މިލިޔަން ރުފިޔާ، މިސްކިތްތައް މަރާމާތު ކުރުމަށް ވަނީ ހަމަޖައްސަވާފަ އެވެ.

މިއަހަރު ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރާއްޖޭގެ އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށޭނެކަމަށްވެސް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނެފައިވެ އެވެ.

މާލެ ސަރަޙައްދުގައިވާ ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތަކެއް ބިނާކުރުމަށް ސަރުކާރުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު