ENGLISH

18 އޭޕްރީލު 2026

Advertisement

"ސަނާބިލް" އިމާރާތުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް، އަމާޒަކީ ސެޕްޓެމްބަރުގައި ހުޅުވުން

16 އޭޕްރީލު 2026

|

ޢަލީ ޝަހީމް

އައިޔޫއެމްގެ ސަނާބިލް އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ. މިހާރު ވަނީ 60 އިންސައްތަ މަސައްކަތް ނިންމާލާފައި. ފޮޓޯ: އައިޔޫއެމް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) އަށް އާމްދަނީ ހޯދުމުގެ މަގްސަދުގައި ހުޅުމާލޭގައި ތަރައްޤީކުރާ "ސަނާބިލް" އިމާރާތުގެ ކޮންކްރީޓްގެ ހުރިހާ މަސައްކަތްތަކެއް ނިންމާލައި ސެޕްޓެމްބަރު މަހު ހުޅުވާނެ ކަމަށް އިސްލާމިކް ޔުނިވަރސިޓީން ބުނެފިއެވެ. 

މި މަޝްރޫޢަކީ 2004 ވަނަ އަހަރު ކުއްލިއްޔަތުލް ދިރާސަތުލް އިސްލާމިއްޔާ އުފެދުނީއްސުރެ، އެ މުއައްސަސާއަށް ޚާއްޞަކޮށްގެން ބިނާކުރެވޭ ފުރަތަމަ އިމާރާތެވެ.

މި އިމާރާތުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކޮށްދެއްވީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަޙައްދުގައި ބިނާކުރާ މި އިމާރާތުގެ ކޮންކްރީޓްގެ 96 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިއީ މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް 60 އިންސައްތަ ކުރިއެރުމެކެވެ.

އައި.ޔޫ.އެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛު އަޙުމަދު އަމީން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް ނިމިފައިވުމާއެކު، ދެން ކުރިއަށްދާނީ ލިފްޓް ހަރުކުރުމާއި، ކުލަލުން ފަދަ ފިނިޝިން މަސައްކަތްތައް ކަމަށެވެ. ފުރަތަމަ 7 ފަންގިފިލާއަށް ތަރައްޤީކުރަން ނިންމި ނަމަވެސް، އިމާރާތުން ލިބޭނެ އާމްދަނީ އިތުރުކުރުމުގެ ގޮތުން އެޗް.ޑީ.ސީގެ ހުއްދައާއެކު މިހާރު މި އިމާރާތް ބިނާކުރަނީ 8 ފަންގިފިލާއަށެވެ. އަދި މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ، މިއަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި އިމާރާތް ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢަކީ އައި.ޔޫ.އެމްއަށް ދެމެހެއްޓިނިވި ގޮތެއްގައި މާލީ މަންފާ ހޯދުމަށް ހިންގާ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެކެވެ. މި ބިނާގައި އޮފީސްތަކާއި، ފުޑް ކޯޓާއި، މީޓިން ރޫމްތަކާއި، އޮޑިޓޯރިއަމްގެ އިތުރުން ކޮމާޝަލް ޕާކިންގ ޖާގަވެސް ހިމެނޭނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއީ އިސްލާމިކް ފައިނޭންސްގެ "ސުކޫކް" މޮޑެލް ބޭނުންކޮށްގެން ރާއްޖޭގައި އިމާރާތެއް ބިނާކުރުމަށް ހިންގޭ ފުރަތަމަ މަޝްރޫޢެވެ. މި މަޝްރޫޢަށް ފައިސާ ހޯދުމަށް ހުޅުވާލި ޞުކޫކް ސަބްސްކްރިޕްޝަން ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މީގެ މައިގަނޑު އިންވެސްޓަރަކީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ވިންގްއެވެ.

މި މަޝްރޫޢަށް ހުޅުމާލެއިން ބިން ރަޖިސްޓްރީ ކުރީ 2019 ވަނަ އަހަރުގައެވެ. އަދި އޯކް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު