ENGLISH

18 އޭޕްރީލު 2026

Advertisement

މޫސުން ގޯސްވެ އުތުރާއި މެދުރާއްޖެތެރެއަށް ހުދު ސަމާލު

16 އޭޕްރީލު 2026

|

ޢަލީ ޝަހީމް

މާލޭން ފެން ހިންދުމުގެ މަސައްކަތް ކުރަނީ. މިއަދު މާލެ ސަރަޙައްދަށް ދަނީ ބޯކޮށް ވާރޭވެހެމުން. ފޮޓޯ: އެމްއެންޑީއެފް

މޫސުން ގޯސްވުމުގެ ސަބަބުން، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ. މި ސަމާލު ދެމިއޮންނާނީ މިއަދު މެންދުރުފަހު 01:00 އާ ހަމައަށެވެ.

ވޭތުވެދިޔަ ދުވަސްތަކަކީ އާދަޔާ ޚިލާފަށް ހޫނު ގަދަ ދުވަސްތަކެއް ނަމަވެސް، ފާއިތުވި ތިން ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަނީ ވާރޭވެހެމުންނެވެ.

މިއަދު މާލެ ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން، މަގުތަކުގައި ފެންބޮޑުވެފައިވެއެވެ. މިކަމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތް އެމް.އެން.ޑީ.އެފް އިން ވަނީ ފަށާފައެވެ. ޚާއްޞަކޮށް މާފަންނު ސަރަޙައްދުގައި ހުރި ޕަމްޕްތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށެވެ.

މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ވިއްސާރަވި ނަމަވެސް އާންމު ގޮތެއްގައި ކަނޑުތަކާއި ވައި މަޑުވާނެއެވެ. ވައިގެ ދުވެލި ހުންނާނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައި ހުރިނަމަވެސް، ވިލާގަނޑުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ. 

މޫސުމާ ބެހޭ އިދާރާއިން މަޢުލޫމާތު ދޭ ގޮތުގައި، ކުރިއަށް އޮތް ބަންދު ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެއެވެ. މިއަހަރުގެ ހުޅަނގު މޫސުން އަންނަ މަހުގެ މެދުތެރޭގައި ފެށޭނެ ކަމަށް ލަފާކުރެވޭއިރު، މިހާރު ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ދުވަސްވަރުގެ ވިއްސާރަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. 

ގަދަ ހޫނަށްފަހު ވާރޭވެހެން ފެށުމާއެކު، ރާއްޖޭގެ ފިނިހޫނުމިން މިހާރު ވަނީ ދަށްވާން ފަށައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު