ENGLISH
11 އޭޕްރީލު 2026
ވިލުފުއްޓާއި ތުޅާދޫގެ ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
11 އޭޕްރީލު 2026
|
ތުޅާދޫގައި ނިންމާފައިވާ ހައުސިންގ ޔުނިޓުތައް. ފޮޓޯ: ސޯޝަލް މީޑިއާ
އެންމެ މަޤްބޫލު
ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފުރަތަމަ މި ހައުސިންގ ޔުނިޓުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިއަހަރުގެ ޖަނަަރީ މަހުގެ 11 ވަނަ ދުވަހުއެވެ. މި މުއްދަތު މިއަދަށް ހަމަވެފައިވާ އިރު، އެ ވުޒާރާއިން މިހާރު ވަނީ އެ ހައުސިންގ ޔުނިޓުތަކަށް އެދުމުގެ މުއްދަތު އިތުރުކޮށްދީފައެވެ.
އެ ވުޒާރާއިން ބުނީ، ތުޅާދޫ އަދި ވިލުފުށީގެ ހައުސިންގ ޔުނިޓުތަކަށް އެދުމުގެ ފުރުސަތު މިމަހުގެ 30 އާ ހަމައަށް އިތުރުކުރެވިފައިވާ ކަމަށެވެ.
މި މުއްދަތުގައި ހައުސިންގ ޔުނިޓުތަކަށް އެދުމަށް "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް ހުށަހެޅޭނެއެވެ.
މި މަޝްރޫއަކީ ވިލުފުށި އަދި ތުޅާދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެެއް ގެނެސްދިނުމުގެ ބޭނުމުގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި ތ. ވިލުފުށި 100 ހައުސިންގ ޔުނިޓަށް އެދި މިހާތަނަށް 206 އެޕްލިކޭޝަން ލިބިފައިވާއިރު، ބ. ތުޅާދޫ 100 ހައުސިންގ ޔުނިޓަށް އެދި 347 އެޕްލިކޭޝަން މިހާތަނަށް ލިބިފައިވެއެވެ.
ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫތަކަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫތަކެކެވެ.
އެގޮތުން މާލޭ ސަރަހައްދުގައި ކުރިއަށް ގެންދާ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތުވެސް މިހާރު ވަނީ މި މަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފައެވެ. ސަރުކާރުން މައުލޫމާތު ދިން ގޮތުގައި މިފަދައިން މުއްދަތު އިތުރުކުރަމުންދަނީ ވީހާވެސް ގިނަ ރައްޔިތުންނަށް މި ފުރުސަތު ދިނުމުގެ ބޭނުމުގައެވެ.