ENGLISH

08 އޭޕްރީލު 2026

Advertisement

ޕެޓިޝަން ހުށައެޅިޔަސް ވަރިހަމަ، އިސްތިއުފާއެއް ނުދޭނަން: ގަޕޯ

08 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ޣަފޫރު

އެމްޑީޕީގެ ގިނަ އަދަދެއްގެ ޤައުމީ މަޖިލިސް މެންބަރުން ސޮޔާއެކު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަކި ކުރަން ހުށައެޅި ނަމަވެސް އިސްތިއުފާ ނުދޭނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ގަޕޯ ވަކިކުރަން އެދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 55 މެންބަރުން ސޮއިކޮށް ވަނީ ޕެޓިޝަނެއް ހުށައަޅާފަ އެވެ. އެ ޕެޓިޝަނާއި ގުޅިގެން މަޤާމުން އިސްތިއުފާދޭން ޤައުމީ މަޖިލީހުގެ މެންބަރަކު އެދުމުން ގަޕޯ ވަނީ އިސްތިއުފާ ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ތެރޭގައި މިހާރު އޮތީ ލިބުނު ކާމިޔާބީގެ ކްރެޑިޓް ހޯދުމުގެ ބޮޑު ވާދަވެރިކަމެއް އުފެދި އަލުން ފެކްޝަން ފޯރިގަދަވެފަ އެވެ. އަދި އޭގެ ތެރެއިން ޕާޓީގެ ބާރު ހޯދުމުގެ ރޭހެއްވެސް ވަނީ ފެށިފަ އެވެ.

އިހަކަށް ރޭ އޮތް އެމްޑީޕީގެ އުފާފާޅުކުރުމުގެ ޖަލްސާގައި ނަޝީދާއި ފައްޔާޒަށް ވާހަކަ ދައްކަން ފުރުސަތު ނުދިނުމުން މައްސަލަ ހޫނުވި އެވެ. އެ ދެ ބޭފުޅުން ޖަލްސާއަށްވެސް ވަޑައިނުގެންނެވި އެވެ. އަދި އުފާފާޅުކުރުމުގެ ނަމުގައި ބޭއްވި ޖަލްސާ މާބޮޑު ފޯރިއެއް ނެތި އެއް ގަޑިިއިރުތެރޭ ނިންމާލި އެވެ.

އަދި އިއްޔެ ވަނީ ނަޝީދަށް ވަފާތެރިވާ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު (އިދާރީ) ކަމުން އިބްރާހިމް ވަހީދު (މަދަނަ އިބްރޭ) ވަކިކޮށްފަ އެވެ. އަދި އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މަޢުރޫފް މަޤާމުން ވެސް ވަނީ މަޤާމުން ވަކިކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު