ENGLISH
08 އޭޕްރީލު 2026
ލަންކާގައި ނުގެނެވިހުރި 80 ކޮންޓެއިނަރެއް އަވަހަށް ގެނެވޭނެ ގޮތެއް ބަލަނީ
08 އޭޕްރީލު 2026
|
މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ވަޒީރު ވާހަކަފުޅު ދައްކަވަނީ --
އެންމެ މަޤްބޫލު
ލަންކާގައި ނުގެނެވިހުރި 80 ކޮންޓެއިނަރެއް އަވަހަށް ގެނެވޭނެ ގޮތެއް ބަލަމުންދާ ކަމަށާ ދިވެހި ބާޒާރުން އަސާސީ މުދާ ހުސްނުވެ ލިބޭނެކަން ޔަޤީންކުރަން ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ވަޒީރު ވިދާޅުވީ ލަންކާގެ ޕޯޓްގައި ނުގެނެވި ގިނަ އަދަދެއްގެ މުދާ އެބަހުރި ކަމަށެވެ. އެގޮތުން 4,200 ކޮންޓެއިނާ ހުރިކަން ފާހަގަ ކުރެއްވި އެވެ.
ވަޒީރު ވިދާޅުވީ އެކަމުގެ ކަންބޮޑުވުންތައް ވިޔަފާރިވެރީން ހިއްސާކުރުމުން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަސާސީ ބާވަތްތައް ހިމެނޭ 80 ކޮންޓެއިނަރެއް އަވަހަށް ގެނެވޭނެ ގޮތެއް ބަލަމުންދާ ކަމަށެވެ. އެކަމުގައި ލަންކާގެ ކަމާގުޅުންހުރި އިދާރާތަކާއި އެކު މަޝްވަރާކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވަނީ ދިވެހި ބާޒާރުން އަސާސީ މުދާ ހުސްނުވެ ލިބޭނެކަން ޔަޤީންކުރަން ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
"މާކެޓުގައި މި މުދާތައް ހުސްވީއެއް ނޫން. އެހެންނަމަވެސް ހުސްވިޔަނުދީ އެކަން ކުރުމަށްޓަކައި އައިޓަމްސް ލިބޭނެގޮތް ހެދުމަށްޓަކައި އަޅުގަނޑުމެން މިކަން މިކުރަނީ،"
ވަޒީރު ވަނީ އަސާސީ 164 ބާވަތެއްގެ މުދާ ކޮންމެ ދުވަހަކު މޮނިޓަރ ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ، މިހާތަނަށް ވެސް، އެއްވެސް އަސާސީ ބާވަތެއް ހުސްވިޔަ ނުދީ މެނޭޖު ކުރެވިފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި މިކަން މިގޮތުގައި ދެމެހެއްޓުމަށް، ހުރިހާ އިމްޕޯޓަރުންނާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.