ENGLISH

08 އޭޕްރީލު 2026

Advertisement

ބޮޑުއަގު ދީފައި މޭޔަރު އާޒިމް ހަރުކުރި ބޯޑުތަކުގައި ނަންތައް ނުބައިކޮށް، އެތައް ބަޔަކު ފާޑުކިޔަނީ

08 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ބައެއް ބޯޑްތައް --

މޭޔަރު އާދަމް އާޒިމްގެ ބެލުމުގެ ދަށުން ބޮޑުއަގު ދީފައި މާލޭގެ މަގުތަކުގައި ހަރުކުރި ބޯޑުތަކުގައި މަގުތަކުގެ ނަންތައް ނުބައިކޮށް ލިޔެފައި ހުރުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ގިނަ މަގުތަކެއްގައި ހަރުކޮށްފައިވާ ނަން ބޯޑްތަކުގައި ލިޔުންތައް ހުރީ ނުބައިކޮށެވެ. "ލޮނުޒިޔާރަތް މަގު" ގައި ހަރުކޮށްފައިވާ ބޯޑްގައި ވަނީ "ލޮނުޒިޔާރައިމަގު" މިހެނެވެ. "މާފަތްތަކުރުފާނުމަގު" ގަައި ވާ ބޯޑުގައި ލިޔެފައި އޮތީ "މާފައިތަކުރުފާނުމަގު" މިހެނެވެ.

އެކަމާއި ގުޅިގެން އެތައް ބަޔަކު ދަނީ އާޒިމާއި މާލެ ސިޓީ ކައުންސިލަށް ފާޑުކިޔަމުންނެވެ. އަދި ބޮޑު އަގު ދީފައި މިފަދަ ކަންކަން ކުރުވާފައިވުމާއި ބަލައިނުލައި އެ ބޯޑްތައް ހަރުކުރުމާއި ޤާބިލް ނޫން ފަރާތްތަކަށް މަސައްކަތް ހަވާލުކުރާ ކުރުން ފާހަގަކޮށް ފާޑުކިޔާފައިވެ އެވެ.

އެމްކިއުއޭގެ ކުރީގެ ވެރިޔާ ޑރ. އަބްދުލްހަންނާން ވަނީ މިއީ "ދިވެހި ބަހަށް ކުރަފިއެރުވުމުގެ" ހުތުރު އަމަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. ހަންނާން ވަނީ މިހާރުން މިހާރަށް މި ބޯޑްތައް ނަގަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ސިޓީ ކަައުންސިލްގައި ތަންދޮރު ދަންނަ މީހުން ނޫޅެނީތޯ ސުވާލު ކުރެއްވި އެވެ.

ބަހުގެ ތަޖުރިބާކާރެއް ކަމަށްވާ އިމާދު ލަތީފް ވެސް އެކަން ކުށްވެރި ކުރައްވާފަ އެެވެ. އަދި އެ ނޫންވެސް އެތައް ބަަޔަކު ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ބައެއް މީހުން ވަނީ މިކަމުގައި ކުށްވެރިވާނީ މޭޔަރު އާޒިމްތޯ ނޫނީ ބޯޑްތައް ހަރުކުރި ބަންގްލަދޭޝްގެ މަސައްކަތްތެރީންތޯ ސުވާލުކޮށްފަ އެވެ.

ސިޓީ ކައުންސިލްގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާ މިންވަރު މިކަމުން ހާމަވާ ކަމަށް ބުނެ އެތައް ބަޔަކު ވަނީ އާޒިމަށް ފާޑުކިޔާފަ އެވެ. އަނެއް ބަޔަކު ވަނީ އަނެއްކާވެސް ބަޔަކަށް ބޮޑު އަގު ދީގެން އެކަންކަން ރަނގަޅު ކުރާނީތޯ ސުވާލުކޮށްފަ އެވެ. މިއީ ގަސްތުގަައި ރޭވިގެން ދައުލަތުގެ ފައިސާ ވަކި ބަޔަކަށްދޭން ކުރާ ކަންކަން ކަމުގައިވެސް ބައެއް މީހުން ތުހުމަތުކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު